ކޮމަންޑޫ

މުދާ ހިފައިގެން ދިޔަ ދޯންޏެއް ކޮމަންޑޫ ނެރަށް އުރިއްޖެ

Nov 12, 2021

ށ. ކޮމަންޑޫއަށް މުދާ ހިފައިގެން ދަތުރުކުރި ދޯންޏެއް އެރަށު ނެރުފައިކަށްޓަށް އެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން ކޮމަންޑޫ ކައުންސިލަރަކު ވިދާޅުވީ ނެރުފައިކަށްޓަށް އުރުނީ އެރަށު "މަހުރޯދި" ކިޔާ މުދާ އުފުލާ ދޯންޏެއް ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި މިހާދިސާ ހިނގާފައިވަނީ މޫސުން ގޯސްވެފައި ވަނިކޮށް މާލެ އިން މުދާ ހިފައިގެން ރަށަށް އައިސް ނެރުން ވަންނަން އުޅެނިކޮށް މިރޭ 7:30 ހާއިރު އެވެ.

"ނެރުފައިކަށީގައި އިން ގަލަކަށް އަރައިގެން ދިރުބާކޮޅުން މަނޑުލެއް ނެއްޓިފައި އިން ކަމަށް ފެންނަނީ. އެކަމަކު ދޯނި އޮތް ދިމާލުން ފަޅުތެރެ ނުސާފުވެފައި މޫސުން ގޯސްވީ ދޯންޏަށް ދިޔަވާ ސީދާ ދިމާލެއް އަދި ނޭނގޭ. ވީކަމެއް ވެފައި ހުރީ ދިރުނބާކޮޅަށް،" ކައުންސިލަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދޯނި އުރުމާ ގުޅިގެން ދޯނީގައި ތިބި މީހުންނާ ރައްޔިތުންގެ ތެރެއިން ބަޔަކު ގުޅިގެން ދޯނީގެ ފަސްކޮޅު ބަނދަރު ތޮށިގަނޑަށް ގާތްކޮށް ވާޖަހާ އައްސާފައިވާ ކަމަށެވެ. އެކަމަކު ދޯނީގެ ދިރުނބާކޮޅު އަދިވެސް އޮތީ އަޑީގައި ކަމަށެވެ.

ހާދިސާ ހިނގި ވަގުތު ދޯނީގައި ހަތަރު މީހުން ތިބި ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ. ދޯނީގައި މައިގަނޑު ގޮތެއްގައި ހުރީ ސިމެންތިއާއި ހިލަވެލި ކަމަށާއި އެކަމަކު އަސާސީ ބައެއް މުދާ ހުރި ކަމަށް ކައުންސިލަރު ވިދާޅުވި އެވެ.

"ހާދިސާ ހިނގުމާ އެކު ރައްޔިތުންގެ ތެރެއިން ބަޔަކު ނިކުމެ ފެން ޖެހުމުން ހަލާކުވެދާނެހެން ހީވާ މުދާތައް ވަނީ ސަލާމަތްކޮށްފައި. އެކަމަކު މިހެން ދެންނެވި ނަމަވެސް ދޯނީގައި ހުރި ގިނަ އަދަދެއްގެ ސިމެންތި ނެގޭ ގޮތެއް ނުވި،" އޭނާ ވިދާޅުވި އެވެ.

ކުރިއަށް އޮތް ތިން ދުވަހު ރާއްޖެ ސަރަހައްދުގައި ވައިގަދަވުމާއެކު ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާތީ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކަމާ ގުޅޭ އިދާރާތަކުން ގެންދަނީ ތަކުރާރުކޮށް އިލްތިމާސް ކުރަމުންނެވެ.