ދިވެހި ސިނަމާ

ނަހުލާގެ މައްސަލަ ނުހިނދެނީސް ޔޫއްޕެ އަނެއް ކައިވެނިކުރަނީ!

Jan 18, 2015
10

މަޝްހޫރު ފިލްމީ ތަރި، ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި ނަހުލާ އަލީގެ "އާދަޔާހިލާފު ކައިވެނީ" ގެ ޑްރާމާ ނުނިމި އުޅެނިކޮށް ޔޫއްޕެ އަނެއްކާވެސް ކައިވެންޏަށް ތައްޔާރުވެއްޖެ އެވެ.

އިތުބާރު ހުރި ގޮތަކަށް "އަވަސް" އަށް އެނގިފައިވާ ގޮތުން ޔޫއްޕެގެ ކައިވެނި އޮތީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ ކ. ހުރާގަ އެވެ. އޭނާ އިންނަނީ އައިމިނަތު ނިޔާޒާ ނަމަކަށް ކިޔާ، އެ ރަށުގެ އަންހެނަކާ އެވެ.

މި އަންހެން މީހާ އަކީ ކުރިން ކައިވެނިކޮށް ދެ ދަރިން ލިބިފައިވާ މީހެކެވެ. ރަސްމީ ލިޔެކިޔުންތަކުން އެނގޭ ގޮތުން ޔޫއްޕެ ވަނީ ކުރިން ދެ ކައިވެންޏެއްކޮށްފަ އެވެ. ނަހުލާއާ ކައިވެނި ނުކުރާ ކަމަށް ޔޫއްޕެ މިހާރު ބުނާއިރު ބަތަލާ ފާތިމަތު ފަރީލާއާ ވެސް ޔޫއްޕެ ކައިވެނިކޮށް، ދަރިއަކު ލިބިފައިވެ އެވެ.

ކައިވެންޏަށް ތައްޔާރުވަމުން އަންނައިރު ޔޫއްޕެ އާއި ނަހުލާގެ މައްސަލައެއް މިފަހުން ފުލުހުން ވެސް ބަލަމުން ދިޔަ އެވެ. ދެ މީހުންގެ މައްސަލަ ފަލަ ސުރުހީތަކަށް އެރީ، ލަންކާގައި ކައިވެނި ކުރި ކަމަށް އަޑުއަރައި މާލޭގައި އެ ކައިވެނި ރަޖިސްޓްރީ ނުކުރެވި އުޅެނިކޮށް އެ ގުޅުން ކެނޑިގެން ދިޔަ ހިސާބުންނެވެ.

އެނގިފައިވާ ގޮތުގައި ޔޫއްޕެ އާއި ނަހުލާގެ މައްސަލައާ ގުޅިގެން، ޔޫއްޕެގެ މި އާ ކައިވެނީގެ ކަންތައްތައް ކޯޓުގެ މަރުހަލާއިން ފާސްވެފައި ވަނީ ވެސް ވަރަށް އުނދަގުލުންނެވެ. އަދި ކައިވެނީގެ ކަންކަން ޔޫއްޕެ އާއި މި އަންހެން މީހާގެ އާއިލާ އިން ކުރި އަށް ގެންދަނީ ވެސް ވަރަށް ސިއްރުން ކަމުގެ މައުލޫމާތު ލިބެ އެވެ.

އެހެން ނަމަވެސް އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ މުޅި ރަށުގައި މިހާރު އޮތީ މަޝްހޫރު ފިލްމީ ތަރި ޔޫއްޕެ އެ ރަށުގެ ކުއްޖަކާ އިންނަން އުޅޭ ވާހަކަ ކަމަށެވެ. އާންމުންގެ ސަމާލުކަން ލިބޭވަރުން ޔޫއްޕެ ހުރައަށް ދަނީ ވެސް ރޭގަނޑުގެ ވަގުތުތަކުގައި ކަމަށް މައުލޫމާތު ލިބެ އެވެ.