މަހިންދަ ރާޖަޕަކްސަ ފުޓްބޯޅަ މުބާރާތުގައި ރާއްޖެ މިއަދު ކުޅުނު ދެވަނަ މެޗުގައި ބަންގްލަދޭޝް އަތުން 2-1 ރާއްޖެ ބަލިވެއްޖެ އެވެ.
ރާއްޖެ އަތުން ބަންގްލަދޭޝް އެންމެ ފަހުން މޮޅުވީ 2003 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ފައިނަލްގަ އެވެ. އެ މެޗުގައި ރާއްޖެ ބަލިވީ ޕެނަލްޓީ ޖަހައިގެން 5-3 އިންނެވެ.
ކޮލަމްބޯގެ ރޭސްކޯސް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ފުރަތަމަ ލަނޑު ޖެހީ ބަންގްލަދޭޝްގެ ކެޕްޓަން ޖަމާލް ބުޔާން އެވެ. މެޗުގެ 11 ވަނަ މިނެޓުގައި އޭނާ އެ ގޯލް ޖެހީ ރާއްޖޭގެ އޭރިއާގެ ތެރެއިން ރާއްޖެ ކުޅުންތެރިއެއްގެ ބޮލުގައި ޖެހިފައި އައި ބޯޅަ ގޯލް ތެރެއަށް ފޮނުވާލައިގެންނެވެ.
އެ ލަނޑު ގޯލެއް ނޫން ކަމަށް ރެފްރީ ފުރަތަމަ ނިންމި ނަމަވެސް ލައިންސްމަނާ ވާހަކަ ދެއްކުމަށްފަހު ފަހުން ވަނީ ގޯލަކަށް ނިންމާފަ އެވެ.
އެކަމުގެ ސަބަބުން ރާއްޖޭގެ ޓީމަށް ހަމަލާ އުފައްދަން އުދަގޫވި ނަމަވެސް މެޗުގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން ރާއްޖޭގެ ޓީމުން ވަނީ ލަނޑެއް ޖަހާ އެއްވަރުކޮށްފަ އެވެ. އެ ލަނޑު ޖެހީ އަލީ އަޝްފާގު (ދަގަނޑޭ) ނަގައިދިން ކޯނަރެއް ރާއްޖޭގެ ޓީމުގެ ކެޕްޓަން އައްސަދު އަބްދުލްޣަނީ ގޯލަށް ފޮނުވާލި ވަގުތު މުހައްމަދު އުމޭރު އެ ބޯޅަ ގޯލަށް ވައްދާލައިގެންނެވެ.
ބަންގްލަދޭޝް ޓީމުން ދެވަނަ ހާފްގައި ރާއްޖެ މައްޗަށް ކުރި ހޯދީ އެ ޓީމުގެ ޖުވެލް ރާނާ އަށް ރާއްޖޭގެ ކީޕަރު އަލީ ނާޖިހް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެއް ގޯލަށް ވައްދާލައިގެންނެވެ. މެޗުގެ 88 ވަނަ މިނެޓްގައި ޕެނަލްޓީ ޖެހީ ޓޯޕޫ ބާމަން އެވެ.
މިއަދުގެ މެޗުގައި ރާއްޖެ ބަލިވެފައިވާތީ އާއި ފުރަތަމަ މެޗުގައި ލަންކާއާ ވާދަކޮށް 4-4 އިން އެއްވަރުވެފައިވާތީ މިމުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެއަށް ވަނީ ދަތިތަކެއް ކުރިމަތިވެފަ އެވެ.
މުބާރާތުގެ ޕޮއިންޓް ޓޭބަލަށް ބަލާއިރު ހަތަރު ޕޮއިންޓާ އެކު މިވަގުތު އެއްވަނައިގައި އޮތީ ބަންގްލަދޭޝް އެވެ. ޓޭބަލްގެ ފުލުގައި އޮތީ ރާއްޖެ އެވެ.
މަހިންދަ ރާޖަޕަކްސަ ފުޓްބޯޅަ މުބާރާތުގައި މިރޭގެ މެޗުގައި ބައްދަލުކުރާނީ ސީޝެލްސް އާއި ލަންކާ އެވެ.