އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އާއި ބަންގްލަދޭޝް ބައްދަލުކުރި މެޗުގައި ބަންގްލަދޭޝް ސަޕޯޓަރުންގެ ފަރާތުން ފެނިގެން ދިޔައީ ރީތި ނަމޫނާ އެކެވެ.
ހެދިފައިވާ އުސޫލުގެ ދަށުން ރާއްޖެ-ބަންގްލަދޭޝް މެޗަށް ބަންގްލަދޭޝް ސަޕޯޓަރުންނަށް ވިއްކީ އެންމެ 200 ޓިކެޓެވެ. ޓިކެޓް ވިއްކަން ފެށިތާ ގަޑީރެއް ނުވަނީސް އެމީހުންނަށް ކަނޑައެޅިފައިވާ އަދަދަށް ޓިކެޓް ވިކި ހުސްވި އެވެ. އެމީހުން ބޭނުންވި ވަރަށް ޓިކެޓް ނުލިބުމުން އެކަމާއި ހިތްހަމަ ނުޖެހުން ފާޅުކޮށް ދަނޑު ކައިރީގައި ބަންގްލަދޭޝް ސަޕޯޓަރުން ހަޅުތާޅު ވެސް ކުރި އެވެ.
މިއާއެކު ގިނަ ބަޔަކަށް ހީވެފައި އޮތީ ރޭގެ މެޗުގައި ބަންގްލަދޭޝް ސަޕޯޓަރުންގެ ފަރާތުން ދިވެހިންނަށް ދެރަ ބަސް ބުނެ ހަމަނުޖެހުން ތަކެއް ހިންގަފާނެ ކަމަށެވެ. އެކަމަކު ބޮޑު މަންޒަރު ފެނުނީ މުޅިން ތަފާތު ކޮށެވެ.
ދަނޑަށް ވަދެވުނު މަދު ސަޕޯޓަރުންނާއި އެކު ވެސް އެމީހުން ފަހަތަކަށް ނުޖެހެ އެވެ. ދިވެހީންނަށް އެންމެ ތަންކޮޅެއް ވެސް ދޫނުކޮށް ބަންގްލަދޭޝް ޓީމަށް ސަޕޯޓު ކުރަމުން ދިޔަ އެވެ. ރާއްޖެއިން ދެ ގޯލު ޖަހައި ލީޑު ނެގުމުން ވެސް ހިތްވަރު އެލުވާ ނުލައި ޓީމަށް ހިތްވަރު ދިނެވެ. ހަގީގީ ސްޕޯޓަރުންނަކީ މިއީ ނޫންތޯ އެވެ.
މިވަރުން ފުއްދާލެވޭކަށް ނެތެވެ. މެޗުގެ ކުރިން ބައެއް ބަންގްލަދޭޝް ސަޕޯޓަރުން ރާއްޖެ އާއި ދިވެހި ޓީމަށް ބަދުބަސް ބުނެ ސޯޝަލް މީޑިއާގައި ވީޑިއޯ ތަކާއި ލިޔުންތައް އާންމު ކުރި ނަަމަވެސް މެޗަށް ވަން ސަޕޯޓަރުން މިއާއި މުޅިން ހިލާފެވެ. ގިނަ ބަޔަކަށް ހީވި ގޮތާއި ހިލާފަށް އެމީހުންގެ ފަރާތުން ފެނުނީ ރާއްޖެއަށް އިހްތިރާމްކުރި މަންޒަރެވެ.
އެގޮތުން "އަހަރެން ބަނގްލަދޭޝް ދެކެ ލޯބިވަން. އަދި ދިވެހި ރާއްޖެއަށް އިހްތިރާމް ކުރަން" ޖަހާފައިވާ ޕޯސްޓަރެއް ހިފައިގެން އުޅުނު ބަންގްލަދޭޝްގެ ސަޕޯޓަރެއް ވަނީ ގިނަ މީޑއާ ތަކެއްގެ ލޮލުގައި އަޅައިގަނެފަ އެވެ. މިއީވެސް ނަމޫނާ އެކެވެ.
ނުވިތާކަށް މެޗުން ބަލިވުމުން ދަނޑުން ނިކުމެގެން ދިޔައީ ދިވެހި ޓީމަށް މަރުހަބާ ކިޔަމުންނެވެ. ބުނަމުން ދިޔައީ "އަހަރެމެންނަކީ ބަންގްލަދޭޝީން ވީމަ ގައުމަށް ސަޕޯޓު ކުރީ. އެކަމަކު ދިވެހީން މޮޅުވިއަސް ޝަކުވާއެއް ނެތް. އަހަރެމެންގެ ދެވަނަ ޓީމަކީ މޯލްޑިވްސް" ކަމަށެވެ.