ރައްޔިތުންގެ މަޖިލިސް

އިކްރާމަށް މިފަހަރު ގޯސްވީ ނޫހުގައި ޖަހާ ފޮޓޯގަނޑު

Nov 13, 2021
3

އެމްޑީޕީގެ ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަނަކީ މިފަހުން މީޑިއާގެ ސަމާލުކަން ބޮޑު ބޭފުޅެކެވެ. އޭނާގެ ހަބަރުތައް ނޫސްތަކުގައި މުޅިންހެން ލިޔަންޖެހެނީ އިއްޒަތަރާއި ޝަރަފުވެރިކަން ހޯއްދަވަން އަބަދު ޝަކުވާ ކުރައްވާ މެންބަރެއްގެ ގޮތުގަ އެވެ. އިކްރާމަށް އެ ވާހަަކަތައް މޮޅު ކަމަކަށްވީ ނަމަވެސް އޭނާ ދައްކަވާ އެފަދަ ވާހަކަތަކަށް އާންމުންގެ ފަރާތުން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެ އެވެ.

މިއަދު އަނެއްކާވެސް އޭނާ މިވަނީ ޒާތެއްގެ ވާހަކައެއް ޓްވިޓާގައި ދައްކަވާފަ އެވެ. އިކްރާމުގެ މިއަދުގެ ކަންބޮޑުވުމަކީ އޭނާގެ ހަބަރެއް ނޫސްތަކުގައި ޖަހާނަމަ އަބަދު އެއް ފޮޓޯއެއް ޖެހުމެވެ. ފޮޓޯއެއް ބޭނުންވާމަ އޭނާ އަށް މެސެޖުކޮށްލުމަށް ވެސް އެދިވަޑައިގެންނެވި އެވެ.

"ނޫސްތަކުން އަޅުގަނޑުގެ ހަބަރެއް ލިޔާއިރު އަބަދު އެއް ފޮޓޯއެއް ބޭނުން ކުރާ ކަމަށް ފާހަގަކުރެވޭތީވެ.... އިތުރު ފޮޓޯ ޕްލީޒް ޑީއެމް އޮން ޓްވިޓާ،" އިކްރާމުގެ ހަތަރު ފޮޓޯއަކާ އެކު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެ އެވެ.

އިކްރާމުގެ މި ޓްވީޓަށް ރައްދު ދެއްމުން އާންމުންގެ މީހަކު ވަނީ މޮޑެލް ކުރުމަށް އިކްރާމަށް ނަސޭހަތްތެރިވެފަ އެވެ.

މީގެކުރިން އިކްރާމު ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ހަގީގީ މާނައިގައި އިއްޒަތްތެރިކަން ލިބިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ އެކަމުގައިވެސް ޝަކުވާ ކުރައްވާފަ އެވެ. އެމްޑީޕީގެ މެންބަރުން ތިއްބަވާ ވަޓްސްއަޕް ގުރޫޕެއްގައި އިކްރާމް ވިދާޅުވީ މަޖިލީހުގެ ގަވައިދުގައި "އިއްޒަތްތެރި" ހިމަނާފައިވީ ނަމަވެސް ހަގީގީ މާނައިގައި އިއްޒަތް ނުހޯދާ އޮތީ ހަމައެކަނި ރާއްޖޭގެ މަޖިލިސް ކަމަށެވެ. އެހެންވެ މަޖިލީހުން ބޭރުގައި އުޅުއްވާއިރު އިއްޒަތްތެރިކަމުގެ އިހުސާސް ކުޑަކޮށްވެސް ނުކުރެއްވޭ ކަމަށެވެ. ގާނޫނާއި ގަވައިދު އިސްލާހުކޮށްގެން އިއްޒަތްތެރިކަން ޔަގީންކޮށްދިނުމަށް ވެސް އެދިވަޑައިގެންނެވި އެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ހަގީގީ މާނައިގައި އިއްޒަތްތެރިކަން ހޯދަން އެދޭނަމަ ކޮންމެވެސް ބަދަލުތަކެއް ގާނޫނަށް ނުވަތަ ގަވައިދަށް ގެންނަންޖެހޭ،" އިކްރާމު ލިޔުއްވާފައިވެ އެވެ.

ގިނަ މެންބަރުންގެ ރޫހު ހުރީ ހުރިހާ ގޮތަކުން ވެސް މަޖިލީހުގެ މެންބަރުން ނިކަމެތިވާ ގޮތަށް ކަމަށް ވިދާޅުވެ އިކްރާމް ވަނީ މެންބަރުންނަށް ފާޑުވެސް ވިދާޅުވެފަ އެވެ. މެންބަރުންނަށް އިއްޒަތްތެރިކަން ލިބިވަޑައިނުގަންނަވާތީ "ނިކަމެތި މެންބަރު" ކިޔުން ރަނގަޅުވާނެ ކަމަށާއި އޭރުން ރައްޔިތުން މާއުފާވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ނިމިގެންދިޔަ ސާފް ޗެމްޕިއަންޝިޕް މުބާރާތް ރާއްޖޭގައި ކުރިއަށް ދިޔަ ދުވަސްވަރު ވެސް އިކްރާމު ވަނީ ޝަކުވާތަކެއް ކުރައްވާފަ އެވެ. އެގޮތުން މެންބަރުންނަށް ޓިކެޓް ބައްލަވައިގަތުމުގައި ފަސޭހަ އިންތިޒާމުތަކެއް ހަމަޖެހިފައި ނެތް ކަމަށް ވިދާޅުވެ ޝަކުވާ ކުރެއްވި އެވެ. މެޗު ބައްލަވާލެއްވުމަށް ވަޑައިގަންނަވާ މެންބަރުންނަށް ދަނޑުގެ ވީއައިޕީ ގޭޓުން ވަދެވަޑައިގެންނެވެންޖެހޭނެ ކަމަށާއި ގަލޮޅު ދަނޑުގެ ރަނގަޅު ހިސާބަކުން މެންބަރުންނަށް ގޮނޑިތަކެއް ރިޒާވް ކުރަންވެސް އޭރު އޭނާ އެދިވަޑައިގެންނެވި އެވެ.

މިމަހުގެ ތިންވަނަ ދުވަހު ކުރެއްވި ޓްވީޓެއްގައި އިކްރާމް ވަނީ މައި ސަރުކާރު ހިންގާ ސިޓީގައި އެންމެ މަސްލަހަތު ރަނގަޅު ގޮތަކީ މައި ސަރުކާރުން އެ ސިޓީ ހިންގުން ކަމަށް ވިދާޅުވެފަ އެވެ. އަދި ގްރޭޓާ މާލެ އޭރިއާއަށް ސިޓީ ކައުންސިލެއް ބޭނުންނުވާ ކަމަށްވެސް ވިދާޅުވި އެވެ. އިކްރާމުގެ މި ޓްވީޓަށް އެމްޑީޕީ އެންމެ އިސް ބައެއް ބޭފުޅުން ވެސް ވަރަށް ހޫނުކޮށް ރައްދުވެސް ދެއްވި އެވެ. އެގޮތުން ރައްދުދެއްވި ބައެއް ބޭފުޅުންގެ ނަޒަރުގައި އިކްރާމު ދައްކަވަނީ ލަދުވެތި، ކޮސް ވާހަކަތަކެކެވެ.

ކޮވިޑްގެ ހާލަތު ގޯސްކޮށް އޮތް ދުވަސްވަރު މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި މާފަންނު މަދަރުސާގައި ކޮވިޑް ސާމްޕަލް ނަގަން ގާއިމުކޮށްފައިވާ ސެންޓަރަކަށް ވަޑައިގެން އެތަނުގައި ހުރި ރެޕިޑް ރެސްޕޯންސް ޓީމުގެ ކަނބަލަކަށް އިކްރާމު ހަމަލާ ދެއްވި ކަމަށް ބުނާ މައްސަލަ އެއްވެސް މިިދިޔަ އަަހަރު ފެންމަތިވެ އެ މައްސަލަ މަޖިލީހާއި ޕޮލިހަށް ވެސް ހުށަހެޅި އެވެ. އިކްރާމު އެ ތުހުމަތުތައް ދޮގުުކުރެއްވި ނަމަވެސް މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަން (އެމްއެޗްޕީޔޫ) އިން އޭރު ވަނީ އެ ހަމަލާ، ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ. އަދި އެ އަމަލަކީ ވަރަށް ނާތަހުޒީބު އަމަލެއް ކަމަށް ސިފަކޮށް އެ ޔޫނިއަނުން ވަނީ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށް ދޭން ޒިންމާތަކެއް މަތިކޮށްފައިވާ ފަރާތެއްގެ ކިބައިން އެފަދަ އަމަލެއް ފެނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެ އިކްރާމަށް ވަރަށް ބޮޑަށް ފާޑުވެސް ކިޔާފަ އެވެ.

އިކްރާމުގެ ޓްވީޓްތަކަށް ރައްދުދޭ އެމްޑީޕީގެ ބައެއް އާންމުން މެންބަރުން ދެކޭ ގޮތުގައި އޭނާ އަކީ އެމްޑީޕީ ފިކުރުގެ ބޭފުޅެއް ނޫނެވެ. އިކްރާމަކީ އާންމު ރައްޔިތުންގެ ލަވަލް އިން ނެއްޓި، އިއްޒަތާއި ޝަރަފް ހޯއްދެވުމަށް އުޅުއްވާ ބޭފުޅެއް ކަމަށާއި އެއީ އެމްޑީޕީގެ ވިސްނުން ނޫން ކަމަށްވެސް އޭނާ އަށް ފާޑކިޔާ މީހުން ބުނެ އެވެ.