ވެރިކަމުގެ ނިޒާމް

ރާއްޖޭގެ ޖުމްހޫރީ ނިޒާމުގައި ރަސްކަމުގެ އަސަރުތައް

ދިވެހިރާއްޖޭގައި ޒަމާންތަކެއް ވަންދެން ދެމިގެންދިޔަ ރަސްކަމުގެ ވެރިކަން ޖުމްހޫރިއްޔަތަކަށް ބަދަލުވީ 1968 ވަނަ އަހަރު އެވެ. ނަމަވެސް ރާއްޖޭގެ މިއަދުގެ ޖުމްހޫރީ ނިޒާމުގައިވެސް، ކުރީގެ ރަސްކަމުގެ އަސަރުތައް އަދިވެސް ފެންނާން އެބަހުއްޓެވެ. އަދި ތާރީޚީ ރަސްކަމުގެ އާދަކާދަތައް މިޒަމާނުގެ ސިޔާސީ ވައްޓަފާޅިއާއި އެކުވެފައިވާ މިންވަރު ބޮޑެވެ. އެގޮތުން ސަރުކާރުގެ އިދާރީ ހިންގުމާއި، އާންމު ރައްޔިތުންގެ ވިސްނުމުގައި ރަސްކަމުގެ ދުވަސްވަރުގެ ބައެއް ސިފަތައް އަދިވެސް ފެންނަމުން އެބަދެ އެވެ.

ހާއްސަކޮށް ވެރިކަމުގެ ނިޒާމުގައި މަރުކަޒީ ބާރުތައް އެއްފަރާތެއްގައި އެއްކުރެވިފައިވާ މިންވަރާއި، އެއްވެސް ސުވާލެއް ނެތި "ވެރިންނަށް ކިޔަމަންތެރިވުމުގެ" ސަގާފަތް އަދިވެސް ވަރަށް ފުޅާ ދާއިރާއެއްގައި ފެންނަން އެބަހުއްޓެވެ. މިއީ ގަރުނުތަކެއް ވަންދެން ދެމިގެން އައި ރަސްކަމުގެ ނިޒާމުގެ ނުސީދާ އަސަރުތަކެވެ. ނަމަވެސް ޒަމާނީ ޑިމޮކްރަސީގެ އަސާސްތަކާއި އުސޫލުތައް ހަރުދަނާވަމުން އަންނަވަރަކަށް، މި އާދަތަކާއި ވިސްނުންތަކަށް ބަދަލު އަންނަމުންދާ ކަމަށްވެސް ގަބޫލުވެސް ކުރަންޖެހެ އެވެ. ހާއްސަކޮށް ޒުވާން ޖީލުގެ މެދުގައި ޑިމޮކްރެޓިކް އަސާސްތަކަށް ބުރަވާ މިންވަރު އިތުރުވަމުން އެބަދެ އެވެ.

ރަސްކަމަކުން ޖުމްހޫރީ ނިޒާމަކަށް ބަދަލުވުން

ރާއްޖޭގައި ޒަމާންތަކެއް ވަންދެން އޮތް ރަސްކަމުގެ ނިޒާމު ޖުމްހޫރިއްޔަތަކަށް ފުރަތަމަ ބަދަލުވީ ޖެނުއަރީ 1، 1953 ގައެވެ. ނަމަވެސް އެގޮތުގައި 8 މަސް ވާންދެން އޮތުމަށްފަހު އަނެއްކާވެސް ރަސްކަމަކަށް އިޔާދަވީ އެވެ. އެއަށްފަހު އަނެއްކާވެސް މާޗް 18، 1968 ގައި ބޭއްވި ގައުމީ ވޯޓަކުން ރަސްކަމުގެ ނިޒާމު އުވާލައި ޖުމްހޫރިއްޔަތަކަށް ބަދަލުކުރުމަށް ނިންމި އެވެ.

މި ބަދަލު ތަސްދީގު ކުރެއްވީ ނޮވެމްބަރު 11، 1968 ގައި ރައީސް އިބްރާހީމް ނާސިރެވެ. މިއީ ދިވެހިރާއްޖޭގެ ރަސްކަމުގެ ނިމުމާއި ދިވެހި ޖުމްހޫރިއްޔާގެ ފެށުމެވެ. މި މުހިއްމު ބަދަލާއެކުވެސް ކުރީގެ ރަސްކަމުގެ ނިޒާމުގެ ބައެއް ކަންތައްތައް އޭރުގެ ޖުމްހޫރިއްޔަތުގެ ނިޒާމަށް ދެމިގެން އައެވެ. އާދެ ޖުމްހޫރިއްޔަތެއް ކަމުގައިވީ ނަމަވެސް ރަސްކަލެއްގެ ވެރިކަމުގެ ދުވަސްވަރުގެ ގިނަ އާދަކާދަތައް ދަމަހައްޓާފައިވެ އެވެ.

ރަސްކަމުން "ވާރުތަ" ވެފައި ހުރި ބައެއް ސިފަތައް

ރައީސުލްޖުމްހޫރިއްޔާއަކީ، ރައްޔިތުންނަށް "އެބައިމީހުންގެ ވެރިކަން" ހިންގައިދިނުމަށް އިންތިހާ ބުކުރާ "ޚާދިމުގެ" މަގާމެވެ. ނަމަވެސް، ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބު ކުރެވޭ ފަރާތަށް ކުރެވޭ އިހްތިރާމާއި އާންމުކޮށް ރަސްކަމެއްގައި ވެރިންނަށް ކުރެވޭ ފަދަ އިހްތިރާމާއި އެއްފަދަ ވެއެވެ.

ބައެއް ރަސްމީ އަދި އާންމު ބައްދަލުވުންތަކުގައި ރައީސުލްޖުމްހޫރިޔާއަކީ ރަސްކަލެއްގެ ފަދަ އިހްތިޔާރު ލިބިގެންވާ ވެރިއެއްގެ ގޮތުގައި ފާހަގަވެ އެވެ. މީގެ އިތުރުން ވަޒީރުން ރަށްރަށަށް ކުރައްވާ ދަތުރުތަކުގައި، އެބޭފުޅުންނަށް އިސްތިގުބާލުކުރުމުގެ ގޮތުން ރަސްކަމުގެ ބައެއް އާދަކާދަތައް ހިފަހައްޓާފައި ހުރިކަން މަންޒަރުތަކުން ސާފުވެ އެވެ.

ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި މިފަދަ ބާރުތައް އެއްފަރާތަކަށް ދިނުމަކީ ޑިމޮކްރެޓިކް އުސޫލުތަކާއި ޖަވާބުދާރީވުމުގެ އަސާސްތަކާ ފުށުއަރާ ކަމެކެވެ.

ރަސްކަމުގެ ނިޒާމެއްގައި ފާހަގަކޮށްލެވޭ އެއް ސިފައަކީ، ރަސްމީ މުއާމަލާތްތަކުގައި ބޭނުންކުރާ ބަސްމަގެވެ. މިއަދުވެސް އާންމު ރައްޔިތުން ސަރުކާރުގެ ވުޒާރާތަކަށް ފޮނުވާ ސިޓީތަކުގައި "ޚާދިމްކުމް" ފަދަ އިބާރާތްތައް ބޭނުންކުރެ އެވެ. މިއީ ރައްޔިތުން، ރަދުންގެ ހާދިމުންގެ ގޮތުގައި ތިބި ދުވަސްވަރުގެ ނިޝާނެކެވެ.

މީގެ އިތުރުން ސަރުކާރުގެ ރަސްމިއްޔާތުތަކާއި، ރަސްމީ ޕްރޮޓޮކޯލްތަކާއި، އާންމު ހަފުލާތައް ބައެއް ފަހަރަށް އިންތިޒާމު ކުރެވިފައި ހުންނަނީވެސް ކުރީގައި ރަދުންނަށާއި ބޮޑުންނަށް އިޙްތިރާމް އަދާކުރި ގޮތަށެވެ. މީގެ ތެރޭގައި އާންމު ޖަލްސާތައް ތަރުތީބުކުރާ ގޮތާއި، ގައުމީ މުނާސަބަތުތަކުގެ ޝަރަފުވެރިކަމާއި އަދި އިއްޒަތްތެރިން ބަލައިގަންނަ ގޮތް ހިމެނެ އެވެ. މި އާދަކާދަތައް "ޒަމާނީވެފައި" ހުރި ނަމަވެސް އަދިވެސް އިހުގެ ރަސްކަމުގެ ނިޝާންތައް އެކަންކަމުގައި ފެންނާން ހުރެ އެވެ.

މިހާރުގެ ސިޔާސީ މަޝްރަޙު

ދިވެހިން މިހާރު އަމަލުކުރަމުންދާ ފެހި ގާނޫނުއަސާސީއަށް 2007 ވަނަ އަހަރު އަމަލުކުރަން ފެށިފަހުން، ރިޔާސީ އެތައް އިންތިހާބެއް ބާއްވައިފި އެވެ. މގެތެރެއިން އެންމެ ފަހުގެ އިންތިހާބަކީ 2023 ގައި ބޭއްވުނު އިންތިހާބެވެ. މިއީ ދިވެހިރާއްޖޭގެ ޑިމޮކްރެޓިކް މަރުޙާލާ ކުރިއަށްދާ ކަމުގެ ނިޝާނެކެވެ. ނަމަވެސް މިފެންނަ ރަސްކަމުގެ އާދަކާދަތަކަކީ، ސަގާފީ ކަންކަން ކުރިއަރުވާ ދެމެހެއްޓުންތޯ ނުވަތަ ފުރިހަމަ ޑިމޮކްރެޓިކް ވެއްޓެއް އުފެދުމަށް ހުރަސްއަޅާ ކަންތައްތަކެއްތޯ ބަހުސް ކުރެވިދާނެ އެވެ.

ދިވެހިރާއްޖޭގެ ސިޔާސީ ނިޒާމު ޑިމޮކްރެޓިކް އޮނިގަނޑަކަށް ތަރައްގީވެފައި އޮތް ނަމަވެސް ވެރިކަން ހިންގުމުގެ ކަންކަމުގައި ރަސްކަމުގެ މާޒީ އަދިވެސް ފެންނަމުންދެ އެވެ. މާޒީގެ އާދަކާދަތައް ޒަމާނީ ވެރިކަން ހިންގުމުގެ ގޮތްތަކާއި މަސްހުނިވެފައި ހުރުމުން، ދިވެހިރާއްޖޭގެ ޑިމޮކްރެޓިކް ސިޔާސީ ނިޒާމު ކުރިއެރުވުމުގައި ގޮންޖެހުމަކަށްވެ އެވެ.