ވިޔަފާރި

ލުފްތަންސާ އެއާލައިންގެ އުދުހުންތައް ބުރާސްފަތި ދުވަހު ރާއްޖެއަށް ފަށަނީ

Dec 8, 2015
  • ލުފްތަންސާއަކީ ޔޫރަޕުގެ އެންމެ ބޮޑު އެއާލައިން
  • ދަތުރުކުރަނީ ޔޫރަޕުން ރާއްޖެއަށް ސީދާ ދަތުރުތައް
  • ހަފުތާއަކު ދެ ފްލައިޓް ބާއްވާނެ

ޔޫރަޕުގެ އެންމެ ބޮޑު އެއް އެއާލައިން، ލުފްތަންސާގެ ދަތުރުތައް ބުރާސްފަތި ދުވަހު ރާއްޖެއަށް ފަށާނެ ކަމަށް މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނެފި އެވެ.

އެމްއޭސީއެލް އިން ދަނީ ޖަރުމަނުގެ ލުފްތަންސާ އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ފެށުމުގެ ގޮތުން ވާން ޖެހޭ ތައްޔާރިތައް ވަމުންނެވެ. އަދި މި އެއާލައިނަށް މަރުހަބާ ކިއުމުގެ ގޮތުން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ގައި ހާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ވެސް ދަނީ ތައްޔާރުވަމުންނެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި އެއާލައިން ރާއްޖެއަށް ދަތުރުތައް ބާއްވަނީ ޖަރުމަނުގެ ލުފްތަންސާ އިން ޖަރުމަނުން މާލެ އަށެވެ. މި ފްލައިޓް ދަތުރުކުރާނީ ޖަރުމަނުގެ ވިޔަފާރީގެ މައި މަރުކަޒު ކަމަށްވާ ފްރެންކްފަޓާއި ރާއްޖެއާ ދެމެދު އެވެ. މި އެއާލައިނުން ހަފުތާއަކު ދެ ދުވަހު ދުވަހު އުދުހޭނެ އެވެ.

ލުފްތަންސާގެ ދަތުރުތައް ބުރާސްފަތި ދުވަހު ރާއްޖެއަށް ފަށަން ނިންމާފައިވާއިރު، މި އަހަރުގެ ކުރީކޮޅު ދަތުރުތައް މެދުގަނޑާލުމަށްފަހު، ބްރިޓިޝް އެއާވޭސްގެ ދަތުރުތައް ވެސް އަލުންވަނީ ފަށާފަ އެވެ.

ލުފްތަންސާ އެއާލައިންއަކީ 200 ގައުމަށް ދަތުރުތައް ބާއްވާ އެއާލައިނެކެވެ. މި އެއާލައިންގެ ފްލީޓްގެ އަދަދު 200 އަށްވުރެ ގިނަ އެވެ.