މިނިވަން މުއައްސަސާތަކުގެ ތެރެއިން 17 މުއައްސަސާއަކާ ބައްދަލުކުރުމަށް ބަޖެޓް ކޮމިޓީން ނިންމައިިފި އެވެ.
ބަޖެޓް ކޮމިޓީގެ މިއަދުގެ ބައްދަލުވުން ހެނދުނު 10:00 އިރު ފެށުމަށްފަހު ކޮމިޓީގެ މުގައްރިރު އަދި އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް ވިދާޅުވީ ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގައި މިނިވަން މުއައްސަސާތަކުން ކަންބޮޑުވާ މައްސަލަތައް ލިޔުމުން އަންގަން އެދުމުން 17 މުއައްސަސާ އަކުން ބައްދަލުކުރަން އެދުނު ކަމަށެވެ. އެހެންކަމުން ބައްދަލުކުރަން އެދުނު މިނިވަން މުއައްސަސާތަކާ ބައްދަލުކުރުމަށް ކޮމިޓީން ވަނީ ނިންމާފަ އެވެ.
ކޮމިޓީން ނިންމާފައިވަނީ ކޮންމެ މުއައްސަސާ އަކަށް ވެސް 45 މިނެޓްގެ ވަގުތު ދިނުމަށެވެ.
މިނިވަން މުއައްސަސާތަކުގެ ތެރެއިން މިއަދު އަށް މުއައްސަސާ އަކާ ބައްދަލުކުރުމަށްފަހު ބާކީ ނުވަ މުއައްސަސާއާ މާދަމާ ބައްދަލުކޮށް ނިންމުމަށްވެސް ކޮމިޓީން ފާސްކޮށްފައިވެ އެވެ،
ކޮމިޓީއަށް މިއަދު ހާޒިރުކުރާ މިނިވަން މުއައްސަސާތައް
- ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) - 13:15 އިން 14:00 އަށް
- އިލެކްޝަންސް ކޮމިޝަން - 15:30 އިން 16:15 އަށް
- ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) - 16:15 އިން 17:00 އަށް
- ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) - 17:00 އިން 17:45 އަށް
- މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) 20:00 އިން 20:45 އަށް
- މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) - 20:45 އިން 21:30 އަށް
- ޓެކްސް އެޕީލް ޓްރައިބިއުނަލް - 21:30 އިން 22:15 އަށް
- އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް - 22:15 އިން 23:00 އަށް
ބަޖެޓް ކޮމިޓީން މިނިވަން މުއައްސަސާތަކާ ބައްދަލުކުރަން ނިންމާފައިވާ ގޮތުގެ ތާވަލާ މެދު މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތެއް ބެލުމަށް ފުރުސަތު ހުޅުވާލުމުން އިދިކޮޅު ޕީއެންސީގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވީ މިނިވަން މުއައްސަސާތަކާ ބައްދަލުކުރަން ވާނީ އެމްއެމްއޭ އާއި ފިނޭންސް މިނިސްޓްރީގެ ބޭފުޅުންނާ އެކު ބަޖެޓާ ގުޅޭގޮތުން ފުންކޮށް ވާހަކަދެއްކުމަށްފަހު ކަމަށެވެ. މިނިވަން މުއައްސަސާތަކުގެ ތެރެއިން ބައެއް ތަންތަނަކީ ދައުލަތަށް އެއްވެސް އާމްދަނީ އެއް ލިބޭ ތަންތަނަށް ނުވާތީ ކޮމިޓީގައި ހުރިހާ މިނިވަން މުއައްސަސާ އަކަށް އެއްވަރަށް ވަގުތު ދޭން ފެނިވަޑައިނުގަންނަވާ ކަމަށްވެސް ސައީދު ވިދާޅުވި އެވެ.
"ސީދާ ބަޖެޓާ ގުޅުންހުރި ކަމެއް ފާހަގަކުރަން ބޭނުންފުޅު ކަމަށްވަންޔާ ލިޔުމުން މިކޮޅަށް ފޮނުވި ދާނެ. ކޮންމެހެން ހަމަ ޖަވާބު ދެއްވާ ކޮންމެ މުއައްސަސާ އަކަށް އަޅުގަނޑަކަށް ހިއެއް ނުވޭ 45 މިނެޓްގެ އެލޮކޭޝަނެއް ހައްދަވަންޖެހޭނެ ހެނެއް. އެހެންވެ އެކަން ފާހަގަކޮށްލީ،" ކުރިން އިކޮނޮމިކް މިނިސްޓަރު ކަން ވެސް ކުރެއްވި ސައީދު ވިދާޅުވި އެވެ.
ސައީދުގެ ހިޔާލަށް އެމްޑީޕީގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ތާއީދު ކުރެއްވި އެވެ. ޝަރީފް ވިދާޅުވީ މިނިވަން މުއައްސަސާތަކަށް ސަރުކާރުން ދީފައިވާ ބަޖެޓަކީ މިވަގުތަށް ދެވޭނެ އެންމެ ބޮޑު ބަޖެޓް ކަމަށެވެ. އަންނަ އަހަރު ނިމޭއިރު ދައުލަތުގެ ޖުމްލަ ދަރަނި 100 ބިލިއަން ރުފިޔާ އަށް އަރާނެ ކަން ފާހަގަކުރައްވަމުން ޝަރީފް ވިދާޅުވީ މުއައްސަސާތައް ކޮމިޓީ އަށް ހާޒިރުވި ނަމަވެސް މިހާރު ދީފައިވާ ބަޖެޓަށް އެންމެ އެއްޗެއް ވެސް އިތުރަށް ދޭން އޭނާ އަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ.
"އޯއީސީޑީ ގައުމަކަށް ވުރެ ރާއްޖޭގައި މިހާރު މުއައްސަސާތައް ގިނަވެއްޖެ. އެކަމުގެ ސަބަބުން ރައްޔިތުންގެ ތަރައްގީއަށް ގައުމުގެ އިގްތިސޯދީ ކުރިއެރުމަށް ރައްޔިތުންގެ ލާބައާއި މަންފާ އަށް ޕަބްލިކް ގުޑްސް ބިނާކުރަން ހުރި ފައިސާ ނަރުދަމާ ތެރެއިން ލާފައި މިއޮށް ދަނީ ފައިބައިގެން. އެކަމަކު އަޅުގަނޑުމެންގެ ތެރެއިން އެއްވެސް މީހެއްގެ ހިތްވަރެއް ނެތް މިވާހަކަ މަޖިލީހުގެ ފްލޯގައިވެސް މި ކޮމިޓީގައި ދައްކާކަށްވެސް. އަދި މި ވާހަކަ ދައްކަން ފަށައިފިއްޔާ އިއްޒަތްތެރި މުގައްރިރުވެސް އަޅުަގނޑަށް ހުއްޓުވާނެ،" ޝަރީފްގެ ކަންބޮޑުވުންތައް ހިއްސާކުރައްވަމުން ވިދާޅުވި އެވެ.
ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓަށް އޮޑިޓާ ޖެނަރަލްއާއި މަރުކަޒީ ބޭންކް، އެމްއެމްއޭގެ ގަވަރުނަރުގެ ޕްރޮފެޝަނަލް އޮޕީނިއަން ހޯދުމަށް އޮޑިޓާ ޖެނަރަލް މިހާރު ވަނީ ބަޖެޓް ކޮމިޓީ އަށް ހާޒިރުކޮށްފަ އެވެ. އަދި މިއަދު 11:30 ގައި ގަވަރުނަރު ބަޖެޓް ކޮމިޓީއަށް ހާޒިރުކުރަން ވަނީ ނިންމާފަ އެވެ. މީގެއިތުރުން މިއަދު މެންދުރުފަހު 2:00 އިން 3:30 އަށް ފިނޭންސް މިނިސްޓްރީގެ ބޭފުޅުން ކޮމިޓީއަށް ހާޒިރުކޮށް ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓާ ގުޅޭގޮތުން ސާފުކުރަން ޖެހޭ ކަންކަން ކުރުމަށް ވަނީ ނިންމާފަ އެވެ.