ޕީޕީއެމް

އޯޑިއޯ މައްސަލަ: އިދިކޮޅުން އަނެއްކާ ފުލުހަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ހުކުމް ކުރި ފަނޑިޔާރުންގެ ތެރޭގައި ހިމެނޭ ފަނޑިޔާރުންތަކެއް ވާހަކަ ދައްކާ ކަމަށް ބުނާ އޯޑިއޯތަކުގެ ތަހުގީގުގެ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް އިދިކޮޅު ޕީޕީއެމް / ޕީއެންސީ ކޯލިޝަންގެ އިސް ބޭފުޅުން އަނެއްކާ ވެސް ފުލުހުންގެ އިދާރާއަށް ވަޑައިގެންފި އެވެ.

ޕޮލިސް ހެޑް ކުއާޓާސްއަށް ވަޑައިގެންނެވުމަށްފަހު ނިކުމެވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ އެކްޓިން ލީޑަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވިދާޅުވީ އެބޭފުޅުން ޕޮލިހަށް ވަޑައިގަތީ ތަކުރާރުކޮށް ކޮމިޝަނާ އޮފް ޕޮލިސް، މުހައްމަދު ހަމީދު އާއި ބައްދަލުކުރައްވަން ސިޓީ ފޮނުވައި، އެޔަށް ޖަވާބު ނުލިބުމުން ކަމަށެވެ.

އަދުރޭ ވިދާޅުވީ މީގެ ކުރިން ފުލުހުންނާ ބައްދަލުކޮށް، އޯޑިއާތަކާ ގުޅިގެން ސުވާލުކުރުމުން އެ އެއްޗެހި ތަހުލީލުކުރަން ރާއްޖެއިން ބޭރަށް ފޮނުވައިފައިވާ ކަމުގެ މައުލޫމާތު ދިން ކަމަށެވެ. އަދި 10 ދުވަސް ތެރޭގައި އޭގެ ނަތީޖާ ލިބޭނެ ކަމަށް ބުނި ކަމަށެވެ. ނަމަވެސް އޭގެ ފަހުން އިތުރު 10 ދުވަސް ފާއިތުވެއްޖެ ކަމަށް ވިދާޅުވެ އަދުރޭ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

ފުލުހުން މި މައުލޫމާތު ހިއްސާކޮށްފައި ވަނިކޮށް ޖޭއެސްސީ އިން މައްސަލަ ތަހުގީގުކޮށް، ހެދި އެނަލިސިސްތަކުން އަޑު ދިމާވަނީ އެންމެ ފަނޑިޔާރެއް ކަމަށް ބުނެފައިވާކަން އަދުރޭ ފާހަގަކުރެއްވި އެވެ. ނަމަވެސް ޖޭއެސްސީ އަކީ އެފަދަ ތަހުގީގުތައް ހިންގަން ޖެހޭ މުއައްސަސާ ކަމާމެދު ވަނީ ސުވާލު އުފައްދާފަ އެވެ.

"އަޅުގަނޑަކަށް ނޭންގެ އެއީ ޖޭއެސްސީ އިން ކިހިނެއް ނިންމި ނިންމުމެއް ކަމެއް. އެމީހުންނެއް ނޫން މިފަދަ ތަހުގީގުތައް ހިންގަން ޖެހޭނީ. އެއީ ފުލުހުންގެ މަސައްކަތެއް،" އަދުރޭ ވިދާޅުވި އެވެ.

ފުލުހުންގެ އިދާރާއަށް ވަޑައިގަތް ނަމަވެސް މިއަދު ސީޕީ އާ ބައްދަލުވާ ގޮތް ނުވާ ކަމަށް އަދުރޭ ވިދާޅުވި އެވެ. ސަބަބެއް ކަމަށް ވިދާޅުވެފައި ވަނީ އިދިކޮޅު ކޯލިޝަންގެ ފަރާތުން ރާއްޖޭގައި ތިބި އިންޑިއާ ސިފައިންނާ ދެކޮޅަށް "އިންޑިއާއައުޓް" ގެ ނަމުގައި ސިލްސިލާކޮށް ހަރަކާތްތަކެއް ހިންގާތީ، ސީޕީ ހުންނެވީ އެކަމާ ގުޅޭ ގޮތުން އިންޑިއާ އާއި މަޝްވަރާކުރެއްވުމަށް އިންޑިއާގައި ކަމަށް ފުލުހުންގެ އިދާރާއިން މައުލޫމާތު ދީފައިވާ ކަމަށެވެ.

ސީޕީގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވެސް މިވަގުތު މި ކަންތައްތަކާ ގުޅިގެން އިންޑިއާގެ ހުރި ކަންބޮޑުވުންތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް އިންޑިއާއަށް ވަޑައިގެންފައިވާ ކަމަށް ފުލުހުންނާ ހަވާލާދީ އަދުރޭ ވަނީ ވިދާޅުވެފަ އެވެ.

މި ހަރަކާތްތައް އިދިކޮޅުން ހިންގި ނަމަވެސް ރައީސް ޔާމީންގެ ޝަރީއަތާ ގުޅޭ ކަންކަން ނުހުއްޓުވޭނެ ކަމަށާއި މި މައްސަލަ ތަހުގީގު ނުކޮށް އޮއްވައި ސުޕްރީމް ކޯޓުން ރައީސް ޔާމީނާ ދެކޮޅަށް މައްސަލަ ނިންމައިފިނަމަ އެ ދެވުނީ ވަރަށް ބޮޑު އަނިޔާއެއް ކަމަށް ވެސް އަދުރޭ ވަނީ ވިދާޅުވެފަ އެވެ.

ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ އޯޑިއޯ ރެކޯޑިން ތަކެއް ކަމަށް ބުނެ މީޑިއާގައި ދައުރުވި އޯޑިއޯތަކުގެ ފޮރެންސިކް އެނާލިސިސް ހަދައި އެ މައުލޫމާތު ޖޭއެސްސީއާ ހިއްސާކޮށްފައި ވަނީ ފުލުހުން ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ. އޭގެ ތެރެއިން ގާޒީ ހުސެއިން ފާއިޒް ރަޝާދުގެ އަޑު ފިޔަވައި ދެން ހުރި އޯޑިއޯތަކަކީ ސައްހަ އޯޑިއޯ ތަކެއް ނޫން ކަމަށް ޖޭއެސްސީ އިން ވަނީ ބުނެފަ އެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ އަލީ އާދަމް އާއި ޑްރަގް ކޯޓުގެ ގާޒީ މުހައްމަދު ސަމީރުގެ އަޑާ އެ އޯޑިއޯތަކުގައި ވާހަކަދައްކާފައިވާ މީހާގެ އަޑު ދިމާނުވާކަން ކަށަވަރުވާ ކަމަށް ޖޭއެސްސީ އިން ވަނީ ބުނެފަ އެވެ. މި ދެ ގާޒީންގެ މައްޗަށް އުފައްދާފައި ވަނީ ދޮގު ތުހުމަތުތަކެއްކަން ފާހަގަކޮށް އެ ދެ ފަނޑިޔާރުންގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައެއް ނެތްކަމަށް އެ ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.