ކްރިމިނަލް ކޯޓް

ވަކީލަކު ހަމަޖައްސަން ނާޒިމަށް ހަތް ދުވަސް

Nov 14, 2021

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބޮމުގެ ހަމަލާދިން މައްސަލާގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އއ. މާޅޮހު އަސަރީގޭ މުހައްމަދު ނާޒިމަށް ދައުލަތުން ކުރާ ޓެރަރިޒަމްގެ އެހެން ދައުވާއަކާ ގުޅިގެން ވަކީލަކު ހަމަޖައްސަން އޭނާ އަށް އިތުރު ފުރުސަތެއް ދީފި އެވެ.

ނާޒިމަށް ދައުލަތުން ދައުވާ އުުފުލާފައިވާ ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރާކަން ދޭހަވާ ފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދައުވާއާއި ގުޅިގެން މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމަށް ނާޒިމް ހާޒިރުވީ ވަކީލަކާ ނުލަ އެވެ.

މާފުށި ޖަލުގައި ބަންދުކޮށްފައި ހުރި ނާޒިމުގެ ޝަރީއަތް މިއަދު ކުރިއަށް ގެންދަން މަސައްކަތް ކުރީ އޮންލައިންކޮށެވެ. ވަކީލަކާ ނުލައި ޝަރީއަތަށް ހާޒިރުވުމަށްފަހު ނާޒިމް ބުނީ އޭނާގެ ވަކީލަކީ ތަހުގީގުގައިވެސް މަަސައްކަތް ކުރާ ވަކީލު ކަމަށެވެ.

މައްސަލައާއި ގުޅުންހުރި ލިޔުންތައްވީ ވަކީލުގެ އަތުގައިކަން ފާހަގަކޮށް ވަކީލާ ގުޅުމަށް ވަގުތުކޮޅެއް ދިނުމަށް ނާޒިމް އެދުނެވެ. އެހެންވެ ޝަރީއަތުގެ މަޖިލިސް ފަސްވަރަކަށް މިނެޓަށް ގާޒީ ހަސަން ސައީދު މެދުކަނޑާލެއްވި އެވެ.

އިރުކޮޅެއް ފަހުން ޝަރީއަތް ފެށުމުން ނާޒިމް ވަނީ ވަކީލާ ގުޅޭގޮތް ނުވާތީ އެހެން ދުވަހަކަށް ޝަރީއަތް ފަސްކޮށްދިނުމަށާއި ވަކީލަކު ހަމަޖައްސަން 10 ދުވަސް ދިނުމަށް އެދިފަ އެވެ.

ނާޒިމް ބޭނުންވާނަމަ ދައުލަތުން ވަކީލަކު ހަމަޖެއްސިދާނެ ކަން ހަނދާންކޮށްދެއްވުމަށްފަހު ގާޒީ ނިންމެވީ ވަކީލަކު ހަމަޖައްސަން ހަތް ދުވަހުގެ މުއްދަތެއް ދިނުމަށެވެ. ދައުލަތުން އެކަމަަށް އިއުތިރާޒު ކޮށްފައެއް ނުވެ އެވެ.

އޭގެފަހުން ގާޒީ ވަނީ މިއަދުގެ އަޑުއެހުން ނިންމާލާފަ އެވެ. އެކަމަކު ދެން އަޑުއެހުމެއް ބާއްވާނެ ވަކި ދުވަހެއް ވިދާޅުވެފައެއް ނުވެ އެވެ.

ރައީސް ނަޝީދަށް ހަމަލާދިނުމުގައި އެންމެ އިސްކޮށް މަސައްކަތް ކުރި އަދުހަމް އަހްމަދު ރަޝީދު މާލެ އިން ހުޅުމާލެއަށް ގެންދިޔަ ކަމަށް ފުލުހުން ތުހުމަތުކުރާ މީހަކީ ނާޒިމް އެވެ. އެހެންވެ އެ މައްސަލާގައި އޭނާގެ މައްޗަށް ވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ އުފުލާފަ އެވެ. މިމައްސަލާގައި މިދިޔަ ސެޕްޓެމްބަރު 21 ވަނަ ދުވަހު ބޭއްވި ޝަރީއަތުގެ މަޖިލީހަށް ވެސް ނާޒިމް ހާޒިރުވީ ވަކީލަކާ ނުލަ އެވެ.

ސީރިއާގައި ހިނގަމުންދާ ދާހިލީ ހަނގުރާމައިގައި ބައިވެރިވުމަށް އެ ގައުމަށް އެތެރެވާން އުޅެނިކޮށް ހައްޔަރުކުރެވުނު މަދު ދިވެހިންގެ ތެރޭގައި ވެސް ނާޒިމް ހިމެނެ އެވެ.