މާލޭގައި ހިންގާ ކޯޓުތަކަށް ހާއްސަ ކޮށްގެން ހަދަން ނިންމާފައިވާ "ނިޔާވެހި" ކޯޓު ކޮމްޕްލެކްސް އިމާރާތް އެޅުމަށް އަންނަ އަހަރު ބަޔަކު ހޯދައި އެ އިމާރާތުގެ މަސައްކަތް ފެށޭނެ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެފި އެވެ.
ޑީޖޭއޭ އިން އެ މައުލޫމާތު ދިނީ އެ އިދާރާގެ އިސް ވެރިން، ބަޖެޓް ދިރާސާ ކޮމިޓީއަށް ހާޒިރުވެ މައުލޫމާތު ހިއްސާ ކުރެއްވި އިރު އެވެ.
ކޮމިޓީގައި ޑީޖޭއޭގެ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އައިޝަތު ރިޒްނާ ވިދާޅުވީ ކޯޓު ކޮމްޕްލެކްސް ކުރަހައި ޑިޒައިން ކުރުމަށް ބަޔަކާ މިހާރު ހަވާލު ކޮށްފައިވާ ކަމަށެވެ. އެ މަސައްކަތް ގިނަވެގެން ތިން މަސް ތެރޭގައި ނިންމާލެވޭނެ ކަމަށެވެ.
ރިޒްނާ ވިދާޅުވީ މަސައްކަތްތައް ކުރިއަށްދާ ގޮތަށް ބަލާއިރު އަންނަ އަހަރުގެ ކުރީކޮޅު ކޯޓު ކޮމްޕުލެކްސް އަޅަން ބަޔަކު ހޯދުމަށް ބީލަމަށް ލައި އިމާރާތުގެ އަމަލީ މަަސައްކަތް ފެށޭނެ ކަމަށެވެ. އަދި ބަޖެޓުގައި ފައިސާ ހިމަނާފައިވާ ގޮތަށް ބަލާއިރު 2024 ވަނަ އަހަރުގެ ތެރޭގައި އެ އިމާރާތުގެ މަސައްކަތް ނިމޭނެ ކަމަށެވެ.
ނިޔާވެހި ކޯޓް ކޮމްޕްލެކްސްގެ މަސައްކަތްތަކަށް އަންނަ އަހަރުގެ ބަޖެޓުގައި ފަސް މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. އަދި 2023 ވަނަ އަހަރުގެ ބަޖެޓުގައި 8.10 މިލިއަން ރުފިޔާ ހިމަނަން ނިންމާފައިވާއިރު 2024 ވަނަ އަހަރުގެ ބަޖެޓުގައި އެ އިމާރާތް މުޅިން ނިންމާލަން 40.4 މިލިއަން ރުފިޔާ ހިމަނަން ނިންމާފައިވެ އެވެ.
ނިޔާވެހި ހަދަނީ ހަތަރު އިމާރާތް ހިމެނޭ ގޮތަށް އެންމެ އުސް އިމާރާތުގައި 10 ބުރި ހިމެނޭ ގޮތަށެވެ. އިމާރާތްތަކުގެ އުސްމިން އެނގޭނީ ޑިޒައިން ފައިނަލްވުމުން ކަމަށް ޑީޖޭއޭ އިން ކުރިން ބުނެފައިވެ އެވެ.
ހުޅުމާލޭގެ ސެންޓްރަލް ޕާކް ކައިރީގައި ހަދަން ނިންމާފައިވާ ނިޔާވެއްސަށް ބަދަލުކުރަން ނިންމާފައިވަނީ މާލޭގައި ހިންގާ ސުޕީރިއާ ކޯޓުތައް ކަމަށްވާ ކްރިމިނަލް ކޯޓާއި، ސިިވިލް ކޯޓާއި، ފެމިލީ ކޯޓާއި، ޖުވެނައިލް ކޯޓާއި، ޑްރަގު ކޯޓުގެ އިތުރުން ހައިކޯޓާއި، ޑީޖޭއޭ އެވެ.
ޑީޖޭއޭ އިން ވަނީ އައްޑޫގައި ވެސް ކޯޓު ކޮމްޕްލެކްސް އެޅުމަށްޓަކައި އެތަނުގެ ޑިޒައިން އެ އިމާރާތް ޑިޒައިންކޮށް ކުރެހުންތަކާއި، ޓެކްނިކަލް ސްޕެސިފިކޭޝަން، އަދި ބީއޯކިއު ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދާފަ އެވެ.
ނިޔާވެހީގެ އިތުރުން ވަކި އިމާރާތެއްގެ ގޮތުގައި ސުޕްރީމް ކޯޓުގެ އިމާރާތް ހެދުމަށް ވެސް އަންނަ އަހަރުގެ ބަޖެޓުގައި 1.5 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.
ބަޖެޓް ކޮމިޓީގައި ޑީޖޭއޭގެ ކަންބޮޑުވުމުގެ ގޮތުގައި ރިޒްނާ އެންމެ ބޮޑަށް ފާހަގަ ކުރެއްވީ ސުޕްރީމް ކޯޓާއި ހައިކޯޓާއި އަދި ޑީޖޭއޭ މިހާރު ހިންގަމުން ގެންދާ ކުރީގެ ރިޔާސީ ގަނޑުވަރު، ތީމުގޭގެ އިމާރާތާއި ބައެއް ވަސީލަތްތައް ބެލެހެއްޓުމާއި މަރާމާތު ކުރުމަށް ޑީޖޭއޭގެ ބަޖެޓުން ބޮޑު ހަރަދެއް ކުރަންޖެހުމުގެ މައްސަލަ އެވެ. ރިޒްނާ ވިދާޅުވި ގޮތުގައި ޑީޖޭއޭ އިން އެ ހަރަދު ކުރަންޖެހޭ އިރު އެއީ އަދުލު އިންސާފު ފޯރުކޮށްދިނުމާ އެއްވެސް ގުޅުމެއް ނެތް ހަރަދު ތަކެކެވެ.
ރިޒްނާ ވިދާޅުވީ އަދުލު އިންސާފު ފޯރުކޮށް ދިނުމުގެ މަސައްކަތަށް ދައުލަތުން ޑީޖޭއޭ އަށް ފޯރުކޮށްދޭ ބަޖެޓުގެ ބޮޑު ބައެއް ތީމުގޭގެ މަރާމާތަށް ހިނގަނީ އެ އިމާރާތަކީ ވަކި ފެންވަރަކަށް އަދި ވަކި ގޮތަކަށް މަރާމާތު ކުރަން ޖެހޭ ތަނަކަށް ވާތީ ކަމަށެވެ. ތީމު ގޭގައި ހަދާފައިވާ ޕޫލާއި، ޕަވާ ބެކަޕް ސިސްޓަމާ އަދި ޕަމްޕް ސިސްޓަމް މަރާމާތު ކުރުމަށް ޑީޖޭއޭ އިން ކޮންމެ އަހަރަކު ބޮޑު ހަރަދެއް ކުރާކަން ރިޒްނާ ފާހަގަކުރެއްވި އެވެ. ރިޒްނާ ވިދާޅުވި ގޮތުގައި ތީމުގޭގެ އިމާރާތާއި އެ ތަނުގައި ހުރި ވަސީލަތްތަކަށް ޑީޖޭއޭ އިން ހަރަދު ކުރަންޖެހެނީ އެ ހަރަދުތައް ވަކި ހަރަދުތަކެއްގެ ގޮތުގައި ބަޖެޓުގައި ހިމެނިޔަސް ފިނޭންސް މިނިސްޓްރީން އެކަމަށް ފައިސާ ދޫނުކުރާތީއާއި އެއީ ދައުލަތުގެ އަގުހުރި ހަރު މުދަލަކަށް ވާތީ އެވެ. އެހެންވެ ރިޒްނާ ވަނީ ތީމުގޭގެ އިމާރާތާއި އެ ތަނުގައި ހުރި ވަސީލަތްތައް މަރާމާތުގެ ކުރުމުގެ މަސައްކަތް ކުރުމަށް ހަރުދަނާ އިންތިޒާމެއް ހަމަޖައްސައިދިނުމަށް އެދިވަޑައިގެންފަ އެވެ.
ޑީޖޭއޭގެ އަންނަ އަހަރުގެ ބަޖެޓުގެ ގޮތުގައި ކަނޑައަޅާފައިވަނީ 107.4 މިލިއަން ރުފިޔާ އެވެ. މީގެތެރެއިން 85.5 މިލިއަން ރުފިޔާ ރިކަރަންޓް ހަރަދުގެ ގޮތުގައި ހިމަނާފައިވާއިރު ކެޕިޓަލް ހަރަދުގެ ގޮތުގައި ހިމަނާފައިވަނީ 21.9 މިލިއަން ރުފިޔާ އެވެ.