ޕޭމަންޓް ސިސްޓަމް

ޕޭމަންޓް ސިސްޓަމް ލަސްވަނީ ބޭންކްތަކާ ގުޅުވާލާތީ: އެމްއެމްއޭ

Nov 15, 2021
1

ގައުމީ ޕޭމަންޓް ސިސްޓަމް ގާއިމް ކުރުމުގައި ވަގުތު ނަގަނީ ހުރިހާ ބޭންކްތަކާ ގުޅުވާލަން މަސައްކަތް ކުރާތީ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.

ރައްޔިތުން މަޖިލީހުގެ ބަޖެޓް ކޮމެޓީގައި އިއްޔެ ވާހަކަފުޅު ދައްކަވަމުން ގަވަރުނަރު އަލީ ހާޝިމް ވިދާޅުވި ގޮތުގައި ޕޭމަންޓް ސިސްޓަމްގައި މިހާރު ކުރިއަށް ދަނީ ހާޑްވެއާ އިންސްޓޯލްކޮށް ޓެސްޓް ކުރުމުގެ މަރުހަލާއެކެވެ.

"މީގައި އަންނަ ލަސްކަމެއް އަންނަނީ އަޅުގަނޑުމެން ބޭނުންވާ ހުރިހާ ބޭންކްތައް އެއް ފަހަރާ ސިސްޓަމަށް ގުޅެން. އެހެންވީމަ ހުރިހާ ބޭންކްތައް ވެސް ތައްޔާރު ވާން ޖެހޭ. ތިޔަ ބޭފުޅުންނަށް ވެސް ފެންނާނެ ސިސްޓަމްގެ ޗޭންޖާސްއާ ހެދި ބޭންކް އޮފް މޯލްޑިވްސް އިން މަސައްކަތް ތަކެއް ކުރާތަން. ހަމަ އެ މަސައްކަތުގައި އެހެން ބޭންކްތަށް ވެސް ކުރޭ،" ހާޝިމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ހީކުރަން ހުރިހާ ބޭންކަތައް ވެސް ތައްޔާރު ވާނެ ކަމަށް އަންނަ އަހަރުގެ ތެރޭގައި."

ގައުމީ ޕޭމަންޓް ސިސްޓަމް ގާއިމް ކުރަން ހަވާލު ކޮށްފައި ވަނީ މި ފަދަ މަސައްކަތް ކުރަން ދުނިޔޭގައި މަޝްހޫރު "ޓިއޭޓޯ އެވްރީ" ގެ ސަބްސިޑަރީއެއް ކަމުގައިވާ ޓިއޭޓޯ ލެޓްވިއާ އެސްއައިއޭ އާ އެވެ. އެއީ ފިންލެންޑުގެ ކުންފުންޏެކެވެ. ގައުމީ ޕޭމަންޓް ސިސްޓަމް ގާއިމް ކުރަން ފުރަތަމަ ނިންމީ މިދިޔަ އަހަރު އެވެ. ނަމަވެސް ތަފާތު ސަބަބުތަކާހުރެ އެކަން އޮތީ ނުވެ އެވެ.