މުހައްމަދު ނާޒިމް

ސިޔާސީ މަގާމުތައް މަދުކުރަން ނާޒިމް ގޮވާލައްވައިފި

ސިޔާސީ މަގާމުތަކަށް އަންނަ އަހަރުގެ ބަޖެޓުގައި ހުށަހެޅި އަދަދު މާބޮޑު ކަމަށާއި އަދި އެ މަމާމުތައް ކުޑަކުރަން ދަނގެތީ ދާއިރާގެ މެމްބަރު އަދި މޯލްޑިވްސް ނެޝެނަލް ޕާޓީގެ ރައީސް މުހައްމަދު ނާޒިމް ގޮވާލަައްވައިފި އެވެ.

ނާޒިމް އެފަދައިން ގޮވާލެއްވީ އަންނަ އަަހަރަށް ލަފާކުރާ ބަޖެޓާ ގުޅޭގޮތުން މިއަދު މަޖިލީހުގައި ކުރިއަށް ދިޔަ ބަހުސްގައި ވާހަކަ ދައްކަވަމުން ނެވެ.

ނާޒިމް ވިދާޅުވީ މި ސަރުކާރުން ވެރިކަަމަށް އައި ފުރަތަމަ އަހަރު 689 ސިޔާސީ މަގާމު އުފައްދާފައިވާ ކަމަށެވެ. އަދި އެ އަދަދު އިތުރުވަމުން އައިސް އަންނަ އަހަރު 1039 ސިޔާސީ މަގާމު އުފެދޭނެ ކަމަށެވެ.

ނަމަވެސް މި ބަދަލާއެކު އެންމެ އަސާސީ ހަރަދުތަކަށް ކުރާ ހޭދައަށް ވުރެ ސިޔާސީ މަގާމުތަކަށް ކުރާ ހަރަދުތައް ބޮޑުވެގެންދާނެކަން ނާޒިމް ފާހަަގަކުރެއްވި އެވެ.

"މިގޮތަށް ބޮޑުވުމުން ހުރިހާ އަތޮޅު ތައުލީމީ މަރުކަޒާއި ކުޅުދުއްފުށީގެ ހޮސްޕިޓަލާއި ރ. އުނގޫފާރު ހޮސްޕިޓަލް ހިންގުމަށް ހިނގާ ހަރަދު ގާތްގަނޑަކަށް 439 މިލިއަން ރުފިޔާއަށްވާ އިރު މި ހަރަދަކީ މި ދެންނެވި ސިޔާސީ މަގާމުތަކަށް ހިނގާ ހަރަދަށްވުރެ ކުޑަ ހަރަދެއް. ސިޔާސީ މަގާމުތައް ނޫފެއްދި ނަމަ ހުރިހާ އަތޮޅު ތައުލީމީ މަރުކަޒުތަކާއި ދެ ހޮސްޕިޓަލެއް ހިންގުމަށް ދާ ހަރަދު ސަލާމަތް ކުރެވޭނެ " ނާޒިމް ވިދާޅުވި އެވެ.