ޑރ. މުހައްމަދު ޖަމީލް އަހުމަދު

ޕީޖީއަކީ ސަރުކާރު ވަކީލެއް: ޖަމީލް

Nov 15, 2021
4

ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް އަކީ ސަރުކާރަށް ވަކާލާތުކުރައްވާ ސަރުކާރުގެ ވަކީލެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ޑރ. ޖަމީލް މިހެން ވިދާޅުވެފައި ވަނީ ޕީޖީ އޮފީހުން ފަހަކަށް އައިސް ނިންމާފައިވާ ބައެއް ނިންމުންތަކަށް އިޝާރާތް ކުރައްވާފަ އެވެ.

އެގޮތުން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް މެޝިން ރީޑަބަލް ނަންބަރު ބޯޑު ތައްޔާރުކުރުމަށް ބަޔަކާ ހަވާލުކުރި ކަމަށް ބުނާ މައްސަލާގައި އެ މަސައްކަތަށް ހުށަހެޅި ބިޑްތައް އިވެލުއޭޓް ކުރި ޓްރާންސްޕޯޓް މިނިސްޓްރީގެ ބިޑް ކޮމިޓީގެ މެންބަރުންނަށް ދައުވާ ނުކުރުމަށް ޕީޖީ އޮފީހުން ނިންމި ނިންމުން ވަނީ ފާހަގަކުރައްވާފަ އެވެ.

އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. ޒިޔާދު ބާގިރުގެ މައްޗަށް އުފުލި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުކުރުމުގެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމި މައްސަލަ އިސަތިއުނާފް ކުރަން ނިންމާފައިވާ ކަމާއި އަދި ވެންޓިލޭޓަރު މައްސަލައާއި ޔޫޓު މިނިސްޓަރު އަހުމަދު މަހުލޫފަށް ދައުވާ ކުރުމާމެދު އަންނަ ހަފްތާ ގޮތެއް ނިންމާގެ ކަމަށް ޕީޖީ އިން ނިންމާފައިވާ ކަން ފާހަގަކުރެއްވި އެވެ.

މި މައްސަލަތައް ފާހަގަކުރައްވައި ޑރ. ޖަމީލް މިއަދު ވިދާޅުވީ ދައުލަތުން ދައުވާ ކުރާނެ މައްސަލަތަކާއި އަދި ދައުވާ ނުކުރާނެ މައްސަލަތައް ރައްޔިތުންނަށް މިހާރު އެނގޭ ކަމަށެވެ.

އެހެންކަމުން ރާއްޖޭގައި ގާނޫނު އަސާސީގެ ޒިންމާ އަދާކުރާ ޕީޖީއެއް މިހާރު ނެތް ކަމަށް ޖަމީލް ވިދާޅުވި އެވެ. އަދި އެ މަގާމުގައި ހުންނެވީ ސަރުކާރަށް ވަކާލާތުކުރައްވާ ވަކީލެއް ކަމަށް ވިދާޅުވެ ޕީޖީ އަށް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

"ޖޭއެސްސީއާއެކު ޕީޖީވެސް ރިފޯމްކުރަން ޖެހޭ. އޭޖީ އޮފީހުން ދައުވާ އުފުލި ޒަމާނަށް އަނބުރާ އެކަން ރުޖޫއަވެއްޖެ،" ޖަމީލް ވިދާޅުވި އެވެ.

ބައެއް މައްސަލަތަކުގައި ދައުލަތުން ތަފާތުކުރުންތައް ގެންގުޅޭ ކަމަށް އަބަދުވެސް އަޑު އަރަ އެވެ. ނަމަވެސް އެއްވެސް ފަރާތެއްގެ އެއްވެސް ނުފޫޒެއް ނެތް ކަމަށް އިއްޔެ ނޫސްވެރިންނާ ބައްދަލުކުރައްވައި ޝަމީމް ތަކުރާރުކޮށް ވިދާޅުވި އެވެ. ޝަމީމް ވިދާޅުވެފައި ވަނީ އެ އޮފީހަށް ވެސް އަދި އެ މަނިކުފާނަށް ވެސް އެއްވެސް މީހަކު ނުފޫޒު ފޯރުވާފައި ނުވާނެ ކަމަށެވެ.