ޑރ. މުހައްމަދު ޖަމީލް އަހުމަދު

"ޝަމީމްގެ ޒިންމާއަކީ ޔާމީނަށް އެކަނި ދައުވާކުރުން"

ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމްގެ ޒިންމާއަކީ ހަމައެކަނި ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީންގެ މައްޗަށް ދައުވާ ކުރުން ކަމަށް އެމަނިކުފާނުގެ އިސް ވަކީލު އަދި ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ޖަމީލް މިހެން ވިދާޅުވީ ވެންޓިލޭޓަރު ހިޔާނާތާއި ގުޅިގެން އޭސީސީން ދައުވާ ކުރަން ފޮނުވި މީހުންނަށް ދައުވާ ނުކުރަން ޕީޖީން ނިންމާފައިވާ ނިންމުން ރިވިއު ކުރަން އެދުމުން އެ ނިންމުން ބަދަލު ނުކުރާނެކަން ޕީޖީ އޮފީހުން އޭސީސީއަށް އެންގުމާއި ގުޅިގެންނެވެ.

ޖަމީލް ވިދާޅުވީ ކޮވިޑްގެ އެންމެ ބޮޑު ކޮރަޕްޝަނަކީ ވެންޓިލޭޓަރު ގަންނަން ކުރި ހަރަދު ކަމަށާ އެކަމަށް ދެ މިލިއަން ޑޮލަރު ނެގި ކަމަށެވެ. އަދި ވެންޓިލޭޓަރުވެސް ފައިސާވެސް ލިބިފައިނުވާ ކަމަށް ވިދާޅުވިއެވެ. ޕީޖީ ހުސައިން ޝަމީމްގެ ހަމައެކަނި ޒިންމާއަކީ ރައީސް ޔާމީނަށް ދައުވާ ކުރުން ކަމަށްވެސް ޖަމީލް ވިދާޅުވިއެވެ.

"ޕީޖީ އަކީ ރައީސް އޮފީހުގެ ޑިވިޝަނެއްކަން ކަށަވަރުވެއްޖެ. މިއީ ދައާވާކުރަންޖެހޭ މައްސަލައެއް،" ވެންޓިލޭޓަރުގެ ހިޔާނާތާށް އިޝާރާތް ކުރައްވާ ޖަމީލް ވިދާޅުވިއެވެ.

ކޮވިޑްގެ އެންމެ ބޮޑު ކޮރަޕްޝަންގައި ވެންޓިލޭޓަރު ގަންނަން 2 މިލިއަން ޑޮލަރު ނެގި. ވެންޓިލޭޓަރުވެސް ފައިސާވެސް ނުލިބުނު. ޕީޖީ ހުސައިން ޝަމީމްގެ ޒިންމާއަކީ ރައީސް ޔާމީނަށް ދައުވާކުރުން އެކަނި. ޕީޖީ އަކީ ރައީސް އޮފީހުގެ ޑިވިޝަނެއްކަން ކަށަވަރު ވެއްޖެ. މިއީ ދައުވާކުރަންޖެހޭ މައްސަލައެއް
ޑރ. މުހައްމަދު ޖަމީލް އަހުމަދު | ކުރީގެ ނާއިބު ރައީސް

ހެލްތު މިނިސްޓްރީއަށް ވެންޓިލޭޓަރުގެ ގަތުމުގައި ކޮރަޕްޝަން ހިމެނުނު މައްސަލާގައި 11 ފަރާތަކަށް ދައުވާ ކުރަން ކުރިން ފޮނުވި އެވެ. ނަމަވެސް އެ މައްސަލައިގައި ދައުވާ ކުރާނެ ހެއްކާއި ގަރީނާ ނެތް ކަމަށް ބުނެ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ފަހުން ނިންމީ ދައުވާ ނުކުރާށެވެ.

ވެންޓިލޭޓަރުގެ މައްސަލައާ ގުޅޭގޮތުން ޕީޖީ އޮފީހުން އެންމެ ފަހުން ވާހަކަ ދެއްކީ މީގެ މަހެއްހާ ދުވަސް ކުރިން ނެވެ. ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގައި ޕްރޮސިކިއުޓާ ޖެނެރަލް އަހުމަދު ޝަމީމް އޭރު ވިދާޅުވީ އެ މައްސަލަ އިތުރަށް ބަލަމުން އަންނަ ކަމަށާއި އަދި އިތުރު މައުލޫމާތުތަކެއް ވެސް މިހާރު ލިބިފައިވާ ކަމަށެވެ. ނަމަވެސް އޭގެ ތަފްސީލެއް މިހާތަނަށް ދީފައެއް ނުވެއެވެ.

ދުބާއީގެ ކުންފުންޏެއްކަމަށްވާ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކޮށްގެން 75 ވެންޓިލޭޓަރު ގެންނަން ހަވާލު ކުރިޔަސް މިހާތަނަށް ލިބިފައިވަނީ 15 ވެންޓިލޭޓަރެވެ. ވެންޓިލޭޓަރު ގެންނަން ދުބާއީގެ ކުންފުންޏަށް ވަނީ އެޑްވާންސްގެ ގޮތުގައި 30.91 މިލިއަން ރުފިޔާ ވެސް ދީފަ އެވެ.

ވެންޓިލޭޓަރު މައްސަލާގައި އޭސީސީންވެސް ތަފާތު އެކި ގޮތްގޮތަށް ވާހަކަ ދައްކާ މައްސަލަ ނިންމާފައިވެއެވެ. ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެ ގާބިލް ކަމާމެދު ސުވާލު އުފެދިފައިވާ އޭސީސީންވެސް ފުރަތަމަ ނިންމީ ވެންޓިލޭޓަރު ގަތުމުގައި މައްސަލައެއް ނެތް ކަމަށެވެ. އެކަމުގައި މައްސަލައެއް އޮތް ކަމަށް ނިންމާ ދައުވާކުރަން ފޮނުވީ ސިޔާސީ ބޭފުޅުން އެކަން ފެންމަތިކޮށް އޭސީސީއަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުކުރި ފަހުންނެވެ.