ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް ރިޓަޔާޑް އަހުމަދު ޝިޔާމްގެ މައްޗަށް ދައުވާ ކުރަން ފޮނުވުމަކީ ގައުމީ ހިދުމަތުގައި ގުރުބާންވީ ސިފައިންނަށް ދިން ސިޔާސީ ހަމަލާއެއް ކަމަށް ކުރީގެ ނާއިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
ވިލިމާލޭގައި ހުންނަ ކޯސްޓް ގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރުގައި، ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް ރިޓަޔާޑް އަހުމަދު ޝިޔާމްގެ ބައްޕާފުޅު، ދިރިއުޅުއްވެވި މައްސަލާގައި އޭނާގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފައެވެ.
ޖަމީލް މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ޝިޔާމަށް ދައުވާކުރިއިރު ވެންޓިލޭޓަރު ހިޔާނާތުގެ މައްސަލަ ކޮބައިތޯ ސުވާލު ކުރައްވާފައެވެ. އަދި މަޖިލީހުގެ ރައީސްގެ މައްޗަށް އޭސީސީން ސާބިތުކުރި ކޮރަޕްޝަންގެ މައްސަލަ މިއަދު އަމަލު ކުރި އުސޫލުން ބޭރުންވީ ކީއްވެގެންތޯވެސް ވަނީ ސުވާލު ކުރައްވާފައެވެ.
ޖަމީލް އެ އިޝާރާތް ކުރައްވަނީ ދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހު ގއ. ވިލިނގިލީގައި ބޭއްވި ދެކުނުގެ އަތޮޅުތަކުގެ މަހާސިންތާގައި ބައިވެރިވެވަޑައިގަތުމުގެ ގޮތުން ރައީސް ނަޝީދު ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެހެން ދަތުރުފުޅުތަކެއް ކުރައްވައި އެ ދަތުރުފުޅުތަކުގައި މަޖިލީހުގެ މުވައްޒަފުންނާއި ވަސީލަތްތައް ބޭނުން ކުރި މައްސަލައާ ގުޅިގެން އޭސީސީން ނިންމި ނިންމުމަށެވެ. އެ މައްސަލަ ތަހުގީގު ކުރުމަށްފަހު، އޭސީސީން މަޖިލީހުގެ އިދާރާއަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ މަޖިލީހުގެ ރައީސް ނަޝީދު ރަސްމީ ދަތުރަކަށް ކުރެއްވީ ވިލިނގިލީގައި ބޭއްވި ދެކުނުގެ މަހާސިންތާއަށެވެ. އޭގެ ފަހުން ފުވައްމުލައް ސިޓީއާއި އައްޑޫ ސިޓީއަަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނުގެ ހަށިފާރަވެރިންނާއި ޗީފް ބިއުރޯ އޮފިސަރު ގަމުން މާލެ ދިއުމުގެ ޓިކެޓަށް 133 ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. އެއީ މަހާސިންތާގައި ނުހިމެނޭ ދެ ދަތުރަކަށްވެފައި، އޭރު ކޫއްޑޫ އިން މާލެއަށް ދަތުރުތަކުގެ އަގަކީ 1222 ރުފިޔާ ކަމަށް ވުމުން ޓިކެޓަށް ހަރަދުކޮށްފައިވާ އިތުރު 444 ރުފިޔާ މަޖިލީހުގެ އިދާރާއަށް ދިނުމަށް އެ ކޮމިޝަނުން ނަޝީދަށް ވަނީ އަންގައިފަ އެވެ.
ޝިޔާމަށް ދައުވާ ކުރަން ފޮނުވުން ޖަމީލް ސިފަ ކުރެއްވީ ގައުމީ ހިދުމަތުގައި ގުރުބާންވީ ސިފައިންނަށް ދިން ސިޔާސީ ހަމަލާއެއްގެ ގޮތުގައެވެ.
ކުރީގެ ޗީފް އޮފް ޑިފެންސް ޝިޔާމަށް ދައުވާ ކުރަން ފޮނުވިއިރު ވެންޓިލޭޓަރު ފަދަ ބޮޑެތި ހިޔާނާތްތަކަށްވީ ކިހިނެއްތޯ؟ މަޖިލިސް ރައީސްގެ މައްޗަށް އޭސީސީން ސާބިތުކުރި ކޮރަޕްޝަން މިއުސޫލުން ބޭރުވީ ކިހިނެއްތޯ؟ މިއީ ގައުމީ ހިދުމަތުގައި ގުރުބާންވީ ސިފައިންނަށް ދިން ސިޔާސީ ހަމަލާއެއްޑރ. މުހައްމަދު ޖަމީލް އަހުމަދު | ކުރީގެ ނާއިބް ރައީސް
އޭސީސީން ބުނީ ތަހުގީގަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، އެމްއާރުސީސީގެ ވީއައިޕީ ގޭގައި 18 ޖުލައި 2017 އިން 11 ޑިސެންބަރު 2018 ގެ ނިޔަލަށް، ޝިޔާމުގެ ބައްޕަ ދިރިއުޅެފައިވާއިރު، އެތަނުގައި އާންމުންނަށް ދިރިނޫޅެވޭ އުސޫލުން ވީއައިޕީ ގޭގައި އާންމުންނަށް ދިރިނޫޅެވޭނެކަން އެނގޭ ކަމަށެވެ.
އެގޮތުން، އެ އަމަލަކީ ދައުލަތުގެ މުވައްޒަފެއްގެ ވަޒީފާ ނުވަތަ މަގާމު ބޭނުންކޮށްގެން ދައުލަތުން ހަރަދުކުރާ ތަނެއްގެ މަންފާ އެ މަންފާއެއް ލިބެންނުޖެހޭ ފަރާތްތަކަށް ލިއްބައިދޭ އަމަލެއްކަން ފާހަގަކުރެވޭކަމަށެވެ. އަދި ޝިޔާމްގެ ބައްޕަ ބެލެހެއްޓުމަށް އެމްއެންޑީއެފްގައި ކުރިން މަސައްކަތްކުރި މީހެއް އެމްއާރުސީސީގެ ވީއައިޕީ ގޭގައި ދިރިއުޅެފައިވާކަމަށެވެ.
އޭސީސީން ވަނީ އެމްއާރުސީސީގެ ވީއައިޕީ ގޭގައި ޝިޔާމްގެ ބައްޕަ ދިގު މުއްދަތަކަށް ދިރިއުޅުމަށް ބަހައްޓައި، ޝިޔާމްގެ ބައްޕަ ބެލެހެއްޓުމަށް ސިފައިންގެ މުވައްޒަފެއް އެތަނުގައި ބަހައްޓާފައިވަނީ މަގާމްގެ ނުފޫޒު ބޭނުންކޮށްގެން، އެނގިހުރެ ސިފައިންގޭގެ ގާނޫނާ ގަވައިދާ ހިލާފަށް ޝިޔާމްގެ ބައްޕައަށް ނާޖާއިޒު ފައިދާތަކެއް ހޯދައިދިނުމަށްކަން ތަގުގީގަށް ފާހަގަކުރެވިފައިވާ ކަމަށް ބުނެފައެވެ.
އޭސީސީން މިއަދު މި ނިންމުން ނިންމި ނަމަވެސް ޝިޔާމްގެ ބައްޕާފުޅު، ސިފައިންގެ ކޯސްޓް ގާޑްގެ މެރިޓަމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރުގައި ވީއައިޕީކޮށް ދިރިއުޅުއްވި މައްސަލައަކީ ކޮރަޕްޝަން އެކުލެވޭ މައްސަލައެއް ނޫން ކަމަށް އޮގަސްޓް 16، 2020 ގައި ވަނީ ނިންމާފައެވެ.
މި ފަހުން އެ ކޮމިޝަނުން ގެންދަނީ ކުރިން ނިންމި އެތަށް ނިންމުމެއްތަކެއް އެ ނޫން ގޮތްގޮތަށް ނިންމަމުންނެވެ. އެކަމާއި ގުޅިގެން އޭސީސީއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެ އެ ކޮމިޝަންގެ މެންބަރުންގެ ގާބިލްކަމާއި ނަޒާހަތްތެރިކަމާމެދު މަޖިލީސް މެންބަރުންނާއި ސިޔާސީ ބޭފުޅުން އަދި އާންމުންވެސް ސުވާލު އުފައްދަވައެވެ. ބައެއް މީހުންގެ ނަޒަރުގައި އޭސީސީގެ މެންބަރުން ހާއްސަކޮށް އެ ކޮމިޝަންގެ ރައީސާ މަސައްކަތް ކުރައްވަނީ މަގާމު ދިފާއު ކުރެއްވުމަށެވެ. ނިންމުންތައް އެކި ފަހަރު އެކި ގޮތަށް އަންނަނީ އެހެން ވެގެނެވެ.
މީގެ ކުރިން ވެންޓިލޭޓަރު މައްސަލާގައިވެސް ފުރަތަމަ މައްސަލައެއް ނެތް ކަމަށް އަދި ފަހުން އެތަށް ބައެއްގެ މައްޗަށް ދައުވާ ކުރަން ވަނީ ނިންމާފައެވެ. ނަމަވެސް ޕީޖީން އެ ނިންމުމާ އެއްގޮތަށް ދައުވާ ކޮށްދީފައެއް ނުވެއެވެ. އެއީ އޭސީސީގެ ތަހުގީގު ފުރިހަމަ ކޮށްފައިނުވާތީއެވެ.