ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އާއި ގުޅިގެން އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށައަޅާފައިވަނީ ފާސިގުވެފައިވާ ހެކިތަކެއް ކަމަށް ރައީސް ޔާމީންގެ އިސް ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކާ ގުޅިގެން މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފައި ވަނީ އިބްތިދާއީ އަޑުއެހުމެކެވެ. މި އަޑުއެހުމުގައި މިއަދު ދެފަރާތުން ވެސް ވަނީ ހެކި ހާމަކޮށްފަ އެެވެ. ޖުމްލަ 86 ހެއްކެއް ވަނީ ހުށައަޅާފައެވެ.
އެގޮތުން ދައުލަތުގެ ފަރާތުން ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ މި ދެ ދައުވާ ސާބިތު ކުރަން ހުށަހަޅާ ޝަފައީ ހެކިންގެ ތެރޭގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރާއި، އެމްއެމްޕީއާރްސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ އިތުރުން ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު އަދި ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ މައުރޫފް ހިމެނެ އެވެ. ކިތާބީ ހެކިންގެ ތެރޭގައި ބެންކެ ސްޓޭޓްމެންޓްތަކާއި އޭރު ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ އާއި ދެމެދު ކުރެވުނު މުއާމަލާތްތައް ހިމެނެ އެވެ.
ކޯޓުން ނިކުމެވަޑައިގެން ނޫސްވެރިންނާއި ވާހަކަދައްކަވަމުން ޑރ. ޖަމީލް ވިދާޅުވީ ރަައީސް ޔާމީންގެ މަައްޗަށް ބަރިބަރިއަށް އުފުލަމުން ގެންދަނީ ސިޔާސީ ދައުވާތަކެއް ކަމަށާ ދައުވާތަކުގައި އަސާސެއް ނެތް ކަމަށެވެ. އަދި ކޮންމެ ދައުވާއެއްވެސް ބިނާކުރަނީ ފާސިގުވެފައިވާ ހެކިތަކެއްގެ މައްޗަށް ކަމަށް ވިދާޅުވިއެވެ.
ޖަމީލް ވިދާޅުވި ގޮތުގައި ރައީސް ޔާމީނާ ދެކޮޅަށް ހެކިބަސް ދިނުމަށް ޝަރުތުކޮށް ދައުލަތާއެކު ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު އާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު އެއްބަސްވުން ހަދާފައިވާއިރު އެ އެއްބަސްވުން އެ ބޭފުޅުންގެ އަތުގައި އެބައޮތެވެ.
"މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އަޅުގަނޑުމެންނަށް އެއްވެސް އާ ވާހަކައެއް އަޑެއް ނީވޭ. ތަކުރާރުކޮށް އަދީބާއި ޒިޔަތުގެ ވާހަކަ، އަދީބާއި ޒިޔަތު ހެކިންގެ ގޮތުގައި މަތިމައްޗަށް މި ގެންނަނީ. އެ މީހުންނަކީ މި ދެންނެވިހެން ދެ ފާސިގުން، ދޮގު ހަދާފައިވާ މީހުން. ރައީސް ޔާމީންގެ ކަނޑައެޅިގެން އަދުއްވުން، ދުޝްމަނުން. އިސްލާމީ ޝަރީއަތާއި މި ޒަމާނުގެ ގާނޫނުތަކަށް ބެލިކަމަށްވިޔަސް އެއްވެސް ގާނޫނީ ހުއްޖަތެއް މި މީހުންްގެ ހެކި ބަހަކަށް ބުރަަދަނެއް ނެތް،"
ޖަމީލް ވިދާޅުވީ މިއަދުގެ އަޑުއެހުމަކީވެސް އައު އެއްވެސް ވާހަކައެއް ނެތް އަޑުއެހުމެއް ކަމަށެވެ. އަދި ދައުލަތުން ހުށައެޅިފަދަ ކިތަންމެ ހެއްކެއް ހުށައެޅިދާނެ ކަމަށް ވިދާޅުވެ ރައީސް ޔާމީނާ ދެކޮޅަށް އެއްވެސް ހެއްކެއް ހުށައެޅިފައި ނެތް ކަަމަށް ވިދާޅުވިއެވެ.
"...ދެން 86 ހެކި ދައުލަތުން ހުށައަޅާފައި އޮތް އޮތުން ބަޔަކަށް ހީވެދާނެ ވަރަށް ގިނަ ވާހަކަތަކެކޭ. ލައިބްރަރީއެއްގައި ހުރި ފޮތްތަކެއްގެ ނަން ކިޔާ ގޮތަށް އަޅުގަނޑުމެންނަށްވެސް މި ރާއްޖޭގެ ލައިބްރަރީތަކުގައި ހުރި ހުރިހާ ފޮތްތަކުގެ ނަން ކިއިދާނެ. މި ހުރީ ހެކިތަކޭ، މިއިން އެއްވެސް ކަމެއް ނުކުރާ ކަމަށް. އެހެންވީމަ އަޅުގަނޑު ދަންނަވާނީ އެއްވެސް ހެއްކެއް ދެއްކިފައެއް ނެތޭ ރައީސް ޔާމީނާ ދެކޮޅަށް،"
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އަޅުގަނޑުމެންނަށް އެއްވެސް އާ ވާހަކައެއް އަޑެއް ނީވޭ. ތަކުރާރުކޮށް އަދީބާއި ޒިޔަތުގެ ވާހަކަ، އަދީބާއި ޒިޔަތު ހެކިންގެ ގޮތުގައި މަތިމައްޗަށް މި ގެންނަނީ. އެ މީހުންނަކީ މި ދެންނެވިހެން ދެ ފާސިގުން، ދޮގު ހަދާފައިވާ މީހުން. ރައީސް ޔާމީންގެ ކަނޑައެޅިގެން އަދުއްވުން، ދުޝްމަނުން. އިސްލާމީ ޝަރީއަތާއި މި ޒަމާނުގެ ގާނޫނުތަކަށް ބެލިކަމަށްވިޔަސް އެއްވެސް ގާނޫނީ ހުއްޖަތެއް މި މީހުންްގެ ހެކި ބަހަކަށް ބުރަަދަނެއް ނެތް. ދެން 86 ހެކި ދައުލަތުން ހުށައަޅާފައި އޮތް އޮތުން ބަޔަކަށް ހީވެދާނެ ވަރަށް ގިނަ ވާހަކަތަކެކޭ. ލައިބްރަރީއެއްގައި ހުރި ފޮތްތަކެއްގެ ނަން ކިޔާ ގޮތަށް އަޅުގަނޑުމެންނަށްވެސް މި ރާއްޖޭގެ ލައިބްރަރީތަކުގައި ހުރި ހުރިހާ ފޮތްތަކުގެ ނަން ކިއިދާނެ. މި ހުރީ ހެކިތަކޭ، މިއިން އެއްވެސް ކަމެއް ނުކުރާ ކަމަށް. އެހެންވީމަ އަޅުގަނޑު ދަންނަވާނީ އެއްވެސް ހެއްކެއް ދެއްކިފައެއް ނެތޭ ރައީސް ޔާމީނާ ދެކޮޅަށްޑރ. މުހައްމަދު ޖަމީލް އަހުމަދު | ރައީސް ޔާމީންގެ އިސް ވަކީލް
ރައީސް ޔާމީންގެ ފަރާތްޕުޅުން ވެސް ވަނީ ޝަފައީ ހެކިންނާއި ކިތާބީ ހެކިން ހުށަހަޅާފަ އެވެ. އެގޮތުން ޖުމްލަ 30 ހެއްކެއް ހުށަހެޅުއްވި އެވެ. ޝަފައީ ހެކިންގެ ގޮތުގައި މާލޭގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް އާއި ސަން ސިޔާމާއި، އަހުމަދު ކްރިކް ރިޒާ ހިމެނެ އެވެ.
ދައުވާގައިވާ ގޮތުން ރައީސް ޔާމީން ރިޝްވަތު ނަންގަވާފައި ވަނީ ފުއްގިރީގައި ރިސޯޓެއް ހަދަން އެރަށް ކުއްޔަށް ދޫކޮށްގެން އަހްމަދު ކްރިކް ރިޒާ މެދުވެރިކޮށެވެ. އަދި މަނީލޯންޑާ ކޮށްފައިވަނީ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުން ކޮށްގެންނެވެ.
ޖަމީލް ވިދާޅުވީ ގާނޫނީ ޓީމުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މިނިވަން ޕްރޮސެކިއުޓަރު ޖެނެރަލް އެ މަގާމުގެ މިނިވަންކަން ގެއްްލުވާލެއްވުން ކަމަށެވެ. އަދި ޕީޖީ ހަރަކާތްތެރިވެވަޑައިގަންނަވަނީ އައު ގާނޫނު އަސާސީ ވުޖޫދުވުމުގެ ކުރީން ސަރުކާރުގެ ބައެއްގެ ގޮތުގައި ޕީޖީ އޮތް ދުވަސްވަރު އަމަލު ކުރެއްވި ގޮތަށް ކަމަށް ވިދާޅުވިއެވެ.
"މުޅި ދައުލަތުގެ ޕްރޮސެކިއުޓަރުގެ ހައިސިއްޔަތުން މިއަދު އުފުލާ ދައުވާތަކަކީ ދިވެހިރާއްޖޭގެ ދުސްތޫރާއި ރާއްޖެއަށް މި ގެނައި އިސްލާހީ މަސައްކަތާއި މުޅިން ފުށުއަރާ ގޮތަށް އުފުލާ ދައުވާތަކެއްކަން އަޅުގަނޑު ފާހަގަކުރަން. ދައުލަތުގެ ޕްރޮސެކިއުޓަރު ޖެނެރަލް ހަގީގަތުގައި އަމަލު ކުރަމުން ގެންދަވާ ގޮތަށް ބަލާކަމުގައިވަންޏާމު އެއީ 2008 ގެ ގާނޫނު އަސާސީ ވުޖޫދުވުމުގެ ކުރީގައި ޕްރޮސެކިއުޝަންއަކީ ސަރުކާރުގެ ބައެއްގެ ގޮތުގައި އޮވެގެން ހަރަކާތްކުރި ޒަމާނުގައި ކަންތައް ކުރާ އުސޫލުން ދިވެހި ސަރުކާރުން ބޭނުންވާ ދައުވާތައް ވާދަވެރި ސިޔާސީ ފަރާތްތަކުގެ މައްޗަށް އުފުލުމުގެ މަސްއޫލިއްޔަތެއް ކަމުގައި ދެކިގެން އެގޮތަށް މިއަދު މިނިވަން މުސްތަގިއްލު ޕްރޮސެކިއުޓަރު އަމަލުކުރުން އެންމެ ބޮޑު ކަންބޮޑުވުމަކީ،" ކުރީން އިސް ގާޒީ ކަމާއި ޖަސްޓިސް މިނިސްޓަރުކަންވެސް ކުރެއްވި ޖަމީލް ވިދާޅުވިއެވެ.