ކަނޑުމަގުން ރާއްޖެ އެތެރެކުރި 9.9 ކިލޯގެ މަސްތުވާތަކެއްޗާ ހަވާލުވާން ދިޔަކަމުގެ ދައުވާލިބުނު ތިން މީހެއްގެ މައްޗަށް އެ ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ހ. ކަހަފަތި އިލްޔާސް އަހުމަދާއި ވ. ކެއްކުރި އިބްރާހިމް ޝިހާބާއި މއ. ކެނޯވާ ހަސަން ޝިމާޒްގެ މައްޗަށް ދައުލަތުން ދައުވާކުރީ ނޮވެމްބަރު، 2012 ގައި އިތުރު ބަޔަކާ ގުޅިގެން ކަނޑުމަގުން ރާއްޖެއަށް 9.9 ކިލޯގެ ޑްރަގް އެތެރެކުރި ކަމަށް ބުނެ އެވެ.
އެ މައްސަލައިގައި އެ ތިން މީހުންގެ މައްޗަށް އުފުލި ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާ ސާބިތުނުވާ ކަމަށް ކަނޑައަޅައި، ކޯޓުން ކުރި ހުކުމުގައިވަނީ ބޮޑުތަކުރުފާނުމަގުން މާލޭ ކޮމާޝަލް ހާބަރު ސަރަހައްދަށް އެ ތިން މީހުން ސައިކަލުތަކެއް ދިޔައީ އެ މަސްތުވާތަކެއްޗާ ހަވާލުވާން ކަން ސާބިތުނުވާ ކަމަށެވެ.
ފުލުހުން ތުހުމަތު ކުރާ ގޮތުގައި އެ ތިން މީހުން ސައިކަލުތަކެއްގައި ކޮމާޝަލް ހާބަރު ސަރަހައްދަށް ދިޔައީ ކަނޑުމަގުން އެތެރެކުރި އެ މަސްތުވާތަކެތި ކޮމާޝަލް ހާބަރުގެ ފާރުމަތިން އެއްލުމުން އެތަކެއްޗާ ހަވާލުވުމަށެވެ. އޭރު ފުލުހުންނާއި ކަސްޓަމްސް އޮފިސަރުން ދިޔައީ އެ ތަކެއްޗާ ހަވާލުވާން އަންނަ ބަޔަކު ހޯދުމަށް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.
މުދާ އުފުލާ އާގުބޯޓަކުން އެތެރެކުރި އެ މަސްތުވާތަކެއްޗާކީ މިދިޔަ އަހަރުގެ ތެރޭގައި ކަނޑުމަގުން އެތެރެކުރަނިކޮށް އަތުލައިގަތް 24 ކިލޯގެ މަސްތުވާތަކެތި ފިޔަވައި އެއްފަހަރާ އެންމެ ގިނައިން ފަހުގެ ތާރީޚެއްގައި އަތުލައިގަތް މަސްތުވާތަކެއްޗެވެ. އެ މައްސަލައިގައި އެ ތިން މީހުންގެ އިތުރުން ނުވަ މީހެއްގެ މައްޗަށް ވެސް ދައުވާކުރަން ފުލުހުން ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފަ އެވެ. އޭގެ ތެރޭގައި ބިދޭސީން ވެސް ހިމެނެއެވެ.
އެ ތިން މީހުންގެ ތެރެއިން އިލްޔާސް އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނިކޮށް ކޯޓުން އޭނާ ދޫކޮށްލުމުން މަސްތުވާތަކެއްޗާ އެކު އަނެއްކާވެސް ވަނީ ހައްޔަރުކޮށްފަ އެވެ.