ގައުމީ ފުޓްބޯޅް ޓީމް

މަހިންދަރާޖަޕަކްސަ ކަޕް: ރާއްޖެ ކަޓައިފި

Nov 16, 2021

ޕްރައިމް މިނިސްޓަރު މަހިންދަ ރާޖަޕަކްސަ ޓްރޮފީ 2021 ފުޓްބޯޅަ މުބާރާތުން ރާއްޖެ ކަޓައިފި އެވެ.

ރާއްޖެ މުބާރާތާއި ވަކިވާން ޖެހުނީ ކޮލަމްބޯގެ ރޭސްކޯސް ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗުގައި ސީޝެލްސް އާއެކު ކުޅެ އެއްވަރުވުމުންނެވެ. މި މުބާރާތުގައި މީގެ ކުރީން ރާއްޖެ ކުޅުނު ދެ މެޗުންވެސް މޮޅުއް ނުވެވުނެވެ. ފުރަތަމަ މެޗުގައި ލަންކާއާ ކުޅެ 4-4 އިން އެއްވަރުވީއެވެ. ފަހު މެޗުގައި ބަންގާޅާ ކުޅެ ބަލިވީއެވެ.

ކޮލަންބޯއަށް ވަރަށް ބޮޑަށް މޫސުން ގޯސްވެފައިވާއިރު މިއަދު މެޗު ކުޅެމުންދިޔަ އިރުވެސް ބޯކޮށް ވާރޭވެހުނެވެ. އެކަމާއި ގުޅިގެން ދެ ޓީމަށްވެސް އުނދަގޫތަކާއި ކުރިމަތިލާން ޖެހުނެވެ.

މިއަދުގެ މެޗުގައި ލަނޑެއް ނުޖެހުނު ނަމަވެސް ސީޝެލްސްއަށްވުރެ ރަނގަޅަށް ރާއްޖެ ކުޅުނެވެ. އަދި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ކުރިއެވެ.

މި މެޗުގައި ދެ ރަތް ކާޑު ފެނިގެންދިޔަ އެވެ. ސީޝެލްސްގެ ޑިފެންޑަރު މާކު ކުރި ދެ ފައުލަކާއި ގުޅިގެން އޭނާއަށް ވަނީ ދެ ރީދޫ ކާޑާއެކު ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ. މެޗު ނިމެން ވަރަށް ކަައިރިވެފައިވަނިކޮށް ރާއްޖޭގެ އަސްހަދު އަލީ (އަޑުބަރޭ) އަށްވެސް ރަތް ކާޑެއް ދެއްކިއެވެ.

އޭނާއަށް ކާޑު ދެއްކީ ބޯޅަ ނެތިސް ސީޝެލްސްގެ ކެޕްޓަނަށް ފައުލް ކުރުމާއި ގުޅިގެންނެވެ. އަޑުބަރޭ ވަނީ ބޯޅަ ނެތީސް އޭނާގެ އަތުން ސީޝެލްސްގެ ކެޕްޓަނަށް ހަމަލާދީފައެވެ.

މިއަދުގެ މޮޅުން މޮޅުވެގެން ރާއްޖެއަށް ފައިނަލަށް ދިއުމުގެ ފުރުސަތު އޮތެވެ. ނަމަވެސް މެޗު އެއްވަރުކޮށްލައިގެންވެސް ފައިނަލަށް ދިއުމުގެ ފުުރުސަތު ސީޝެލްސްއަށް އޮތުމުން ފައިނަލްގެ ފުރަތަމަ ޖާގަ އެ ގައުމަށް ކަށަވަރުވީއެވެ.