ސާފް ސުޒުކީ ކަޕް

ލަންކާގެ އަމިއްލަ ބާރު ނެތް، ރާއްޖެއަށް އިތުރު އިންތިޒާރެއް

ސާފް ސުޒުކީ ކަޕުގެ ގުރޫޕް ބީ ގައި ލަންކާއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރު ވުމުން މުބާރާތުގެ ސެމީ ފައިނަލަށް ދިއުމަށް ރާއްޖެއަށް އިތުރު އިންތިޒާރެއް ކުރަން ޖެހިއްޖެ އެވެ.

މެޗު އެއްވަރު ވުމުން، ލަންކާއަށްވެސް ސެމީ ފައިނަލަށް ދިއުމުގެ އުންމީދެއް އެބައޮތެވެ. ނަމަވެސް އެ ޓީމަށް، އަމިއްލަ ބާރެއް ނެތެވެ. އެ ޓީމުން އިންތިޒާރު ކުރަން ޖެހޭނީ އާދިއްތަ ދުވަހު، ރާއްޖެއާ އިންޑިއާ ކުޅޭ މެޗުގެ ނަތީޖާ އަށެވެ. އިންޑިއާ އާއި އެއްވަރު ކޮށްލައިގެންވެސް ރާއްޖެއަށް ސެމީ ފައިނަލަށް ދިއުމުގެ ފުރުސަތު އެބައޮތެވެ. މި މެޗު އެއްވަރުވުމުން، އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އަށް ވަނީ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ކަށަވަރު ވެފަ އެވެ.

ފުރަތަމަ މެޗުގައި، އިންޑިއާ އަތުން ބަލިވި، ލަންކާގެ ކޯޗް އެމްޑީ ނިޒާމް ފަކީރު އަލީ، ވަނީ ރާއްޖެއާ ދެކޮޅަށް ކުޅެން އޭނާ ބޭނުންވި ގޭމްގެ 50 ޕަސަންޓް ކާމިޔާބު ކޮށްފަ އެވެ. ލަންކާގެ ގޭމް އޭނާ ބައްޓަން ކޮށްފައި ވަނީ، ފުރަތަމަ ޑިފެންސް ކުރުމަށް ފަހު ކައުންޓަ އެޓޭކުގައި ނުރައްކާ ކުރުމަށެވެ. ފުރަތަމަ ހާފުގައި ރާއްޖެއިންވެސް ނުރައްކާތެރިން ދެ ބޯޅައެއް ލަންކާގެ ގޯލަށް ފޮނުވާލި އެވެ. ނަމަވެސް އެ ބޯޅަތައް ދިފާއު ކުރުމުގައި ލަންކާގެ ކީޕަރު ސޫޖަން ޕެރާރާ ވަރަށް ހުށިޔާރެވެ. އޭނާ ވަނީ މެޗުގައި މޮޅު ކުޅުމެއް ދައްކާފަ އެވެ.

މެޗު ފަށައިގެން ދެ ވަނަ މިނެޓްގައި، ރާއްޖެއިން ވަނީ ލަންކާގެ ގޯލަށް ނުރައްކާ ކޮށްފަ އެވެ. ނާއިޒް ހަސަން (ދާދު) ނެގި ކޯނަރު، އިބްރާހިމް ވަހީދު ހަސަން (ފެލައިނީ އިއްބެ) ބޮލުން ފޮނުވާލުމުން، ސުޖަން އެ ބޯޅަ ދިފާއު ކުރީ ގޯލް ލައިން މަތިންނެވެ. ރާއްޖޭގެ ހަމަލާތައް އުފައްދަން މަސައްކަތް ކުރިއިރު، ލަންކާގެ ޑިފެންސުން ވަނީ އޭރިއާ ބޭރުން ގިނަ ފައުލު ތަކެއް ކޮށްފަ އެވެ.

ލަންކާގެ އޭރިއާ ބޭރުން، ލިބުނު ހިލޭ ޖެހުމެއްގައި ކެޕްޓަން އަކުރަމް އަބްދުލް ގަނީ ފޮނުވާލި ބޯޅަ ނުރައްކާކޮށް ގޯލް ތެރެއަށް އޮހެން ދިޔަ ނަމަވެސް ސުޖަން ވަނީ އެ ބޯޅަ ދިފާއުކޮށް ކޯނަރަކަށް ފޮނުވާލާފަ އެވެ.

ފުރަތަމަ ހާފުގައި، ލަންކާއިން ވަނީ ކައުންޓަ އެޓޭކު ފުރުސަތެއްގައި ގޯލެއް ކާމިޔާބު ކޮށްފަ އެވެ. ވީޑިއޯ ރިޕްލައިން ފެންނަ ގޮތުގައި އެއީ ގޯލެކެވެ. ނަމަވެސް ރެފްރީ ނިންމީ އޮފްސައިޑް ކަމަށެވެ.

ދެ ވަނަ ހާފުގައި، ލަންކާގެ ހަމަލާތައް ވަރުގަދަ ކުރި އެވެ. އެ ޓީމުގެ ހަމަލާތަކުގައި އެންމެ ބޮޑު ދައުރެއް އަދާ ކުރީ، ކަވިންޑޫ އިޝާން އާއި މުހައްމަދު ނައިޒަރު ފައިސަލް އެވެ. އެ ދެ ކުޅުންތެރިން ފޮނުވާލި ހަމަލާތައް ދިފާއު ކުރުމުގައި ރާއްޖޭގެ ކީޕަރު މުހައްމަދު ފައިސަލް ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ.

ދެ ވަނަ ހާފުގައި، ރާއްޖެއިން ވެސް ވަނީ ލަނޑެއް ޖަހާފަ އެވެ. ނަމަވެސް އެ ބޯޅަ ގޯލަށް ވައްދާލި، މުހައްމަދު ރިހާމް ހުރީ، ބޯޅަ ފޮނުވާލިއިރުވެސް އޮފްސައިޑް ލައިންގަ އެވެ. ފުރަތަމަ ހާފުގައި، ޑިފެންސިވް މިޑްފީލާޑާ މުހައްމަދު އިރުފާންއަށް ވެސް ބޯޅައެއް ތަނަވަސްވި އެވެ. ނަމަވެސް އޭނާ ބޯޅައިގައި ޖަހަން ފައި ހަރަކާތް ކުރި ނަމަވެސް އެ ބޯޅައަިގައި އޭނާ ފައި ލައްވާ ނުލި އެވެ.