ސާފް ސުޒުކީ ކަޕް

ރާއްޖޭގެ އެޓޭކިން ފޯސްއަށް ބޮޑު އިތުބާރެއް!

ރާއްޖޭގެ ގައުމީ ޓީމުގައި، ދާއިމީ ހައްލެއް ހޯދަން އެންމެ އުނދަގޫ ޑިޕާޓެމެންޓަކީ، ޑިފެންސެވެ. އެކަމަށް އެންމެ އެކިއުރޭޓް ހައްލެއް އަދިވެސް ނުހޯދެއެވެ. އެންމެ ބޮޑު މައްސަލައަކީ، ޑިފެންސްގައި ކުޅޭ ކުޅުންތެރިން ދޭތެރެއިން ބަދަލުވުމުމެވެ. މިދިޔަ ދެތިން އަހަރު، މައި ޑިފެންސްގައި، ވިކްޓަރީގެ ކެޕްޓަން ޝާފިއު އަހްމަދާއި، މާޒިޔާގެ އަމްދާން އަލީ (އެންޑީ) ބެލެހެއްޓި އެވެ. މިހާރު އެ ކުޅުންތެރިންނެއް ނެތެވެ.

އެއާ ހިލާފަށް، ޓީމުގެ އެޓޭކިންގައި، މިދިޔަ ދެތިން އަހަރު ތިބީ، އެއް ކުޅުންތެރިންތަކެވެ. މިހާރުގެ ކޯޗް ޕީޓާ ޝެގަޓް އައިސް ކޮންމެވެސް ވަރަކަށް ބަދަލު ގެނެ އެވެ. އޭނާ ގެނައި އެންމެ ބޮޑު ބަދަލަކީ، ކުރިން ބެންޗުން މެޗު ފަށާ ކުޅުންތެރިން، ޓީމުގެ ފުރަތަމަ 11 އިން ޖާގަ ދިނުމެވެ. ޓީމުގެ އެންމެ ކުރީގައި، މާޒިޔާގެ އިތުބާރު ފޯވަޑުން ކަމަށްވާ، ނާއިޒު ހަސަން (ދާދު) ނުވަތަ އަސަދުﷲ އެވެ. ޓޮޕް ސްޓައިކަރުގެ ފަހަތުން، ތިން ކުޅުންތެރިންނެވެ. ނިއު ރޭޑިއަންޓްގެ ހަމްޒާ މުހައްމަދު (ހަމްޕް) އާއި އަލީ ފާސިރު (ސެންޓޭ) އެވެ. އަދި ޓީސީގެ އިބްރާހިމް މަހްދީ ހުސައިން (ހަބޭސް އިއްބެ) ނުވަތަ އިބްރާހިމް ވަހީދު ހަސަން (ފެލައިނީ އިއްބެ) އެވެ. މިއީ މާޗް މަހު ބޫޓާންއާ ދެކޮޅަށް ކޯޗް ޝެގަޓް އެޓޭކިން ލައިން އަތުރާލި ގޮތެވެ.

އެ މެޗުގައި، ފަހުން ގެނައި ބަދަލުތަކުން، ދެ އިއްބެގެ ކޮމްބިނޭޝަން ޓީމުގައި ވަރަށް ބޮޑަށް ފައްކާވެގެން ދިޔަ އެވެ. އެއީ މިވަގުތު ރާއްޖޭގެ އެޓޭކިންގައި އެންމެ ބަރާބަރު ކޮމިނޭޝަންއެވެ. މި އެޓޭކިން ފޯސްއަށް އިތުބާރު އެބައޮތެވެ. ބޫޓާނާ ދެކޮޅަށް މާލޭގައި ކުޅުނު މެޗުގައި، އެހާ ތަފާތު ބޮޑު ނަތީޖާއަކުން ބޫޓާންގެ މައްޗަށް ކުރި ހޯދޭނެ ކަމަކަށް އެއްވެސް މީހަކު ހީއެއް ނުކުރެއެވެ. އޭއީ މިދިޔަ ހަތް ވަރަކަށް އަހަރު ތެރޭ، ރާއްޖެއާ ބޫޓާން ކުޅުނު މެޗުތަކުގައި، ހަނި ގޮތަކަށް ނޫނީ ރާއްޖެއަށް އެ ޓީމު އަތުން މޮޅުވެފައިވެސް ނެތުމުންނެވެ. އެ މެޗުގެ 7-0 ގެ ނަތީޖާއަކީ، ބޫޓާންއާ ދެކޮޅަށް ރާއްޖެއިން މިހާތަނަށް ނެރުނު އެންމެ ތަފާތު ބޮޑު ނަތީޖާ އެވެ.

ޑިފެންސަށް ހައްލު ހޯދާނީ އެޓޭކު ވަރުގަދަ ކޮށްގެން

ސާފް ޗެމްޕިއަންޝިޕްގެ ކުރިން، ގަތަރުގައި ގައުމީ ޓީމުން ކުރިއަށް ގެންދިޔަ، ޓްރެއިނިންގައި، އެ ގައުމުގެ ދެ ވަނަ ޑިވިޝަން ކުލަބު އަލް މަރްހިއްޔާއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ކޯޗް ޝެގަޓް ބުނީ، ރާއްޖެއިން ގިނަ ގޯލްތަކެއް ޖެހޭނަމަ ބައިކޮޅަށް ވަންނަ ލަނޑުތަކުގެ އަސަރެއް ނުކުރާނެ ކަމަށެވެ. އޭނާ ބުނީ ޑިފެންސަށް ހައްލު ހޯދާނީ އެޓޭކު ވަރުގަދަ ކޮށްގެން ކަމަށެވެ.

"ޑިފެންސް ކުރުމަކީ ހަމައެކަނި ޓީމުގެ ފަހަތުގައި ތިބޭ ޑިފެންޑަރުންގެ އެކަނި ކަމެއް ނޫން، ޑިފެންސް ފުރަތަމަ ލައިން ފެށޭނީ ޓީމުގެ އެންމެ ކުރީގައި ހުންނަ ކުޅުންތެރިޔާއިން ފެށިގެން،" ޝެގަޓް ބުންޏެވެ. "ޓީމުގެ އެޓޭކު ވެސް ފެށޭނީ ގޯލްކީޕަރުން ފެށިގެން، ކުރިއަށް އޮތް ދުވަސްތަކުގައި ގިނަ ކަންކަމެއް އަހަރެމެންނަށް ރަނގަޅު ކުރެވޭނެ."

ސާފް ސުޒުކީ ކަޕްުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި މިއަދު ޝްރީ ލަންކާއާ ދެކޮޅަށް ނިކުންނައިރު، ޓީމަށް ލިބޭނެ އެންމެ ބޮޑު އިތުބާރަކީ، އެޓޭކިންގައި ނަތީޖާ ނެރެފައިވާ ގުރޫޕެއް އޮތުމެވެ. ޝެގަޓް އަބަދުވެސް ބުނާ ވާހަކައެއް އޮވެ އެވެ. ބޫޓާންއާ ދެކޮޅަށް ނިކުތް ޓީމަށް އިތުބާރު ކުރަން ޖެހެއެވެ. އެއީ ރާއްޖޭގެ އެންމެ މުހިންމު ކުޅުންތެރިން ނުލައި 7-0 ގެ ބޮޑު ނަތީޖާއެއް ނެރުމުންނެވެ. އެ ޓޭކިން ޑިޕާޓްމެންޓުން ފެންނާނެ އެންމެ ބޮޑު ޕޮޒެޓިވް ކަމަކީ ގޭމްގެ ޓެމްޕޯ އެއްވަރެއްގައި ހަލުވިކޮށް ކުރިއަށް ގެންދާނެ ކުޅުންތެރިން ތަކެއް ތިބުމެވެ.

ލަންކާއާ ދެކޮޅަށް ނިކުންނައިރު ހަނދާން ކުރަން ޖެހޭ ކަމަކީ، ލަންކާގެ ކީޕަރު ސޫޖަން ޕެރާރާއެވެ. ރާއްޖޭގެ ކުލަބު އީގަލްސްއަށް ކުޅެމުންގެންދާ ކީޕަރަކީ ދިވެހި ކުޅުންތެރިންނާ ދެކޮޅަށް ކުޅެފައިވާ ކުޅުންތެރޮޔަކަށް ވުމުން ކުޅުންތެރިންގެ އޭތޭޚިން މޫވްމެންޓާ މެދު ސަމާލުވާން އޭނާއަށް އެނގޭނެ އެވެ. ރާއްޖޭގެ އެޓޭކިން ކުޅުންތެރިންނަވެސް އޭނާ އެނގޭނެއެވެ.