ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތްތަކުގައި ބައިވެރިވެޑައިގަންނަވާ ވަކީލުންނަށް ކެމެރާ ފުރަގަހުގައި ތިބެގެން މައްސަލައިގައި ނުހިމެވޭ މީހުން އިރުޝާދުދީ އެހީތެރިވާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.
މި މައްސަލަ ފެންމަތިވެފައި ވަނީ މިއަދު އޮންލައިންކޮށް ބޭއްވި އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތާއި ގުޅުންހުރި މައްސަލަތަކެއްގައި ދައުވާ ކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ނިހާން ހުސައިން މަނިކުގެ ޝަރީއަތުގެ އަޑުއެހުމުގަ އެވެ.
އެ މައްސަލައިގައި މިއަދު ބާއްވާފައި ވަނީ ހެކި ހާމަކުރުމުގެ އަޑުއެހުމެކެވެ. ނަމަވެސް ދިފާއީ ވަކީލް މުހައްމަދު ޝާފިއު ވިދާޅުވެފައި ވަނީ އެ މައްސަލައިގައި ހެކި ހުށަހެޅުމުގެ މަރުހަލާ އާއި ދެން ހުރި އަޑުއެހުންތައް ވެސް ކުރިއަށް ގެންދަން ބޭނުންވަނީ ހުރިހާ އެންމެން ކޯޓަށް ހާޒިރުކޮށްގެން ކަމަށެވެ.
ސަބަބެއް ކަމަށް ވިދާޅުވެފައި ވަނީ ދައުލަތުގެ ވަކީލުންނަށް ފަރުދާގެ ފުރަގަހުގައި ތިބެގެން މައްސަލަތަކުގައި ނުހިމެނޭ މީހުން އިރުޝާދުދީ އެހީތެރިވާކަމުގެ މައުލޫމާތު ލިބިފައިވާތީ އެވެ. އެފަދަ މައްސަލަތަކެއް މީގެ ކުރިން ހިނގާފައިވާ ކަމަށް ވެސް ފާހަގަކުރެއްވި އެވެ.
ނަމަވެސް ދައުލަތުގެ ވަކީލް އެކަމަށް އިންކާރުކުރެއްވި އެވެ. އަދި ވިދާޅުވެފައި ވަނީ ކެމެރާއިން ފެންނަން ތިބި ދެ ވަކީލުން ފިޔަވައި އިތުރު މީހަކު އެތަނުގައި ނެތް ކަމަށެވެ. އަދި އިތުރު މީހަކު އިރުޝާދު ވެސް ނުދޭ ކަމަށެވެ. އިބްތިދާއީ މަރުހަލާގައި ވީޑިއޯ ކޮންފަރެންސްކޮށް އަޑުއެހުންތައް ބޭއްވުމަށް ގާނޫނުން އިހުތިޔާރު ދޭ ކަމަށް ވެސް ވިދާޅުވި އެވެ.
ނަމަވެސް ޝާފިއު ވަނީ އެކަމަށް އިންކާރުކުރައްވާފަ އެވެ. އަދި އެފަދަ ވަހުމުތަކެއް ހުރުމުން ހުރިހާ އެންމެ ކޯޓަށް ހާޒިރުކޮށްގެން އަޑުއެހުންތައް ކުރިއަށް ގެންދަން އެދިވަޑައިގަތެވެ.
މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވިދާޅުވީ އޮންލައިންކޮށް ޝަރީއަތް ހިންގާނަމަ ދެ ފަރާތުން ވެސް އެހެން މީހުންނާ މަޝްވަރާކޮށްގެން ވަކާލާތުކުރުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ. އެހެންކަމުން ގާޒީ ނިންމެވީ އަޑުއެހުން މެދުކަނޑައިލުމަށްފަހު ދެ ފަރާތުން ވެސް ކޯޓަށް ހާޒިރުވުމަށެވެ.
މި މައްސަލައިގެ އަޑުއެހުންތައް ފަހުން ކުރިއަށް ގެންގޮސްފައި ވަނީ ހަސްމުންނާއި އަދި ނޫސްވެރިން ވެސް ކޯޓަށް ހާޒިރުކޮށްގެންނެވެ.