އަބްދުއްރަހީމް އަބްދުﷲ

މިއީ އެންމެ ހަޑިމުޑުދާރު ސަރުކާރު: އަބްދުއްރަހީމް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަކީ ދިވެހި ތާރީހުގައިވެސް ފެނިގެންދާ އެންމެ ހަޑިމުޑުދާރު ސަރުކާރު ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފި އެވެ.

ރައީސް ސޯލިހުގެ ސަރުކާރަށް މިއަދު ތިން އަހަރު ފުރުމާ ގުޅިގެން އަވަސް އަށް ދެއްވި އިންޓަވިއުއެއްގައި އިދިކޮޅު ކޯލިޝަން ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މިހާރު މިއޮތް ސަރުކާރަށް ވުރެ ވަކިން ވިޔާނުދާ އަދި ހުޑުމުޑުދާރު ސަރުކާރެއް ފެންނަން ނޯންނާނެ ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ އެންމެ ބޮޑު ހިތާމައަކީ މިސަރުކާރުގައި ދިވެހިންގެ މިނިވަންކަން ގެއްލުވާލައި ދިވެހި ގައުމިއްޔަތު އެއްކޮށް ފުނޑާލުން ކަމަށެވެ. ގައުމު ދަރާ ވިކި ރައްޔިތުން ހާލުގައި ޖެހިފައިވާ ކަމަށާއި ރައީސް ސޯލިހު ވައުދުވި ތަރައްގީގެ އެއްވެސް ކަމެއް ނުހިނގާ ކަމަށެވެ.

"ލޯނު ނަގަނީ ރައްޔިތުންނަށް ހިދުމަތް ދޭން ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމަށާއި ތަރައްގީގެ މަޝްރޫއުތައް ހިންގަން. އެކަމަކު އެފަދަ އެއްވެސް މަސައްކަތެއް ނުކޮށް ލޯނުން ހަރަދުކުރަނީ މުވައްޒަފުންނަށް މުސާރަ ދޭން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ދިވެހިންގެ ދީނަކީ އިސްލާމް ދީން ކަމަށްވާއިރު މިވެރިކަމުގައި ދީނަށް ފުރައްސާރަކުރުމާއި ހަޖޫޖެހުން ހައްދުފަހަނައަޅައި ގޮސްފައިވާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. ޖިންސީ ގޯނާކުރުމާއި ރޭޕްކުރުން ވެސް އެ ހާލަތަށް ގޮސް އެފަދަ އަމަލުތައް ހިންގާ މީހުންނަށް މިވެރިކަމުގައި ފިޔަވަޅު އަޅާ މަންޒަރު ފެނިވަޑައިނުގަތުމަކީ ކަންބޮޑުވާ ކަމެއް ކަމުގައި ވިދާޅުވި އެވެ. އެކަމަކު ކުޑަކުއްޖަކަށް ޖިންސީ ގޯނާކޮށްގެން ޖަލަށްލާފައި ހުރި މީހަކަށް މައާފްދީ މިވެރިކަމުގައި އެފަދަ މީހަކު ޖަލުން މިނިވަންކުރީ ސީދާ ރައީސް ސޯލިހު ކަމަށް ފާހަގަކުރެއްވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ މިދިޔަ ތިން އަހަރު ދައުލަތަށް ލިބުނު ހިލޭ އެހީއާއި ލޯނާއި އާމްދަނީން ކުރި ކަމެއްވެސް ފެންނަން ނެތް ކަމަށެވެ. އެހެން އެވީ ސަރުކާރުގެ އިސްވެރިންގެ ކޮރަޕްޝަންގެ އަމަލުތައް އިންތިހާއަށް ގޮސްފައިވާތީ ކަމަށް ވިދާޅުވި އެވެ. ދެން އަންނަ ސަރުކާރަކުން އެ މައްސަލަތައް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމުގެ ޔަގީންކަންވެސް ދެއްވެވި އެވެ.

ގައުމެއްގެ ހަމަޖެހުން ގުޅިފައިވަނީ އަދުލު އިންސާފު ކަށަވަރުވުމުގެ މައްޗަށް ކަމަށް ފާހަގަކުރައްވާ އަބްދުއްރަހީމް ވިދާޅުވީ ޝަރުއީ ދާއިރާ އަށް މިހާ ބޮޑަށް ނުފޫޒު ފޯރުވި ސަރުކާރެއް ނޯންނާނެ ކަމަށެވެ.

ބައެއް މިސާލުތައް ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް މުހައްމަދު ނަޝީދާއި، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި އެމްއެންޕީގެ ރައީސް އަދި މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމަކީ ޓެރަރިޒަމްގެ ދައުވާގެ ކުށް، ކުރިން ސާބިތުވި ބޭފުޅުން ކަމަށެވެ. އެ ބޭފުޅުން މިނިވަންވެ މިއަދު އެ ތިއްބެވި މަގާމުތަކަށް ވަޑައިގެންނެވުނީ ހުކުމްތައް ރިވިއުކުރުމުގެ ނަމުގައި ރައީސް ސޯލިހު ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުއްވުމުން ކަމަށް އަބްދުއްރަހީމް ތުހުމަތުކުރެއްވި އެވެ.

މިސަރުކާރަށް ފަސް އަހަރުގެ ދައުރު ފުރިހަމަކުރުމަށް ފުރުސަތު ދީފިނަމަ ދިވެހި ރައްޔިތުންނަށް އުފުލަން އުދަގޫ އެތައް ތަކްލީފްތަކަކާ ކުރިއަށް އޮތް ދުވަސްތަކުގައި ކުރިމަތިލާންޖެހޭނެ ކަމަށް އަބްދުއްރަހީމް ގަބޫލުކުރައްވަ އެވެ. އެހެންކަމުން ގާނޫނީ އިމުގެ ތެރެއިން މިސަރުކާރު ބަދަލުކުރުމަށް އަބްދުއްރަހީމް ވަނީ ދިވެހި ރައްޔިތުންނަށް އިލްތިމާސް ކުރައްވާފަ އެވެ.

"ވެރިކަން ފެށެނީ ރައްޔިތުންނާ ހަމައިން. ވެރިކަން ގޯސްވާނަމަ އެ ވެރިކަމެއް ހަމައަކަށް އަޅުވާ ބަދަލުކުރަންޖެހޭނަމަ އެކަން ކުރުމުގެ ފުުރުސަތު ވެސް އޮތީ ރައްޔިތުންނަށް. މިސަރުކާރަށް ދެން އެންމެ ދުވަހެއް ދިނަސް މި ގައުމު އަނބުރާ ދިވެހި ރައްޔިތުންނަށް ނުލިބިދާނެ. އެހެންވީމާ އަޅުގަނޑު ދިވެހި ރައްޔިތުންގެ ކިބައިން އެދެން ރައްޔިތުން އަޑުއުފުލުމަށް،" އަބްދުއްރަހީމް ވިދާޅުވި އެވެ.