ޕީޕީއެމް

7.7 ބިލިއަން ރުފިޔާ ޗާޕު ނުކުރަން ގޮވާލައިފި

ދައުލަތުގެ ހަރަދަށް ޒިންމާވާ ގާނޫނުގެ މާއްދާތަކެއް ސަސްޕެންޑް ކޮށްގެން 7.7 ބިލިއަން ރުފިޔާ ޗާޕް ނުކުރުމަށް އިދިކޮޅު ކޯލިޝަނުން ސަރުކާރަށް ގޮވައިލައިފި އެވެ.

އޯވާޑްރޯ އިތުރުކުރުމަށް އިއްޔެ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމާ ގުޅިގެން އިދިކޮޅުން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށް އެކަން އެގޮތަށް ނުކުރުމަށް ގޮވައިލައިފަ އެވެ. އޭގެއިތުރުން މިއަދު ޕީޕީއެމުން ނެރުނު ބަޔާނެއްގައި ބުނީ އެކަން އެގޮތަށް ކޮށްގެން ގައުމުގެ އިގްތިސޯދަށް ގެއްލުންވެ، އަދި ރައްޔިތުންނަށް އެކަމުގައި އެއްވެސް މަންފާއެއް ނުކުރާނެ ކަމަށެވެ.

ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގައި ދައުލަތުގެ ބަޖެޓުގެ އިތުރަށް ހަރަދުކުރަން ނެގޭނީ ދައުލަތުގެ ތިން އަހަރުގެ އާމްދަނީގެ އެއް ޕަސެންޓް ކަމަށްވިޔަސް އެ ގާނޫނުގެ (ހ)، (ރ) އަދި (ބ) ސަސްޕެންޑްކޮށްގެން މިހާތަނަށް ހަތަރު ބިލިއަން ރުފިޔާ ނަގާފައިވާ ކަމަށާއި މި އަހަރު ނިމޭއިރު އަދިވެސް އެ ފައިސާ ދައްކާފައިވާ ނުވާ ކަމަށްވެސް ބަޔާނުގައިވެ އެވެ. ނަމަވެސް އެމްއެމްއޭ އަށް އެފައިސާ 91 ދުވަސް ތެރޭގައި ދެއްކުމަށް ގާނޫނުން ލާޒިމުކުރާ ކަމަށް ވެސް ޕީޕީއެމްގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

އެ ފައިސާ ދައްކާނެ ގޮތުގެ ޕްލޭނާއި އަދި ފައިސާ ބޭނުންކުރާނެ ގޮތުގެ ޕްލޭނެއް ވެސް ފިނޭންސް މިނިސްޓްރީން އެކުލަވާލާފައި ނުވާ ކަމަށް ބުނެ އިދިކޮޅު ކޯލިޝަނުން ވަނީ އެކަމުގައިވެސް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

"އަންނަ އަހަރު ދައުލަތުގެ ދަރަނި 100 ބިލިއަނަށްވުރެ މައްޗަށް އަރައިގެންދާއިރު ގަވަރުނަރުގެ ހުއްދަ ނެތި މަރުކަޒީ ބޭންކަށް ނުފޫޒު ފޯރުވައިގެން މިހާ ގިނަ އަދަދެއްގެ ފައިސާ އަނެއްކާވެސް ޗާޕުކުރުމަކީ އޭގެ ސަބަބަބުން މިހާރު އުފުލިފައިވާ ތަކެތީގެ އަގު އަނެއްކާވެސް މައްޗަށް އުފުލި، ޑޮލަރުގެ އަގު ބޮޑުވެ ކަޅު ބާޒާރުގައި ޑޮލަރުގެ ރޭޓު ހުރި ވަރަށްވުރެވެސް މައްޗަށް ގޮސް ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތަށް މިކަމުގެ ސަބަބުން ނޭދެވޭ އަސަރު ކުރާނެ ކަމެކެވެ." ޕީޕީއެމްގެ ބަޔާނުގައި ބުނެފައިވެ އެވެ.

ވިޔަފާރިތަކަށް ކަނޑައަޅާފައިވާ މޮރެޓޯރިއަމްގެ މުއްދަތު ނިމުމާ ގުޅިގެން އިންކަމް ސަޕޯޓް ހުއްޓާލާފައިވާއިރު ގިނަ އަދަދެއްގެ ފައިސާ ޗާޕުކުރުމަކީ ވިޔަފާރިތައް ބަނގުރޫޓުވެ ކުދި ވިޔަފާރިތައް ނެތި ހިނގައިދާނެ ކަމެއް ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

އޯވާޑްރޯ އިތުރުކުރުމަށް މަޖިލީހަށް ހުށަހަޅާފައިވާއިރު އިދިކޮޅު މެމްބަރުންގެ އަޑު މަޖިލީހުގައި ކަނޑުވާލާފައިވާ ކަމަށް ވެސް ބުނެ އެވެ. ފައިސާ ޗާޕްކުރުމަށްފަހު އިސްރާފު ކުރުމުގެ ބަދަލުގައި އެ ފައިސާ ޗާޕް ނުކުރުމަށް އިދިކޮޅުން ވަނީ ތަކުރާރުކޮށް ގޮވާލާފަ އެވެ.