ފާއިތުވި ތިން އަހަރު ވަކި މީހެއްވީމަ ވަކިގޮތެއް ހެދުމުގެ ސަގާފަތު ދަނީ ބާރަށް ކުރިއަށް ކަމަށް މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު އަނާރާ ނައީމު ވިދާޅުވެއްޖެ އެވެ.
އަނާރާ މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ތިން އަހަރު ފުރުމާއި ދިމާކޮށް ކުރެއްވި ޓްވީޓެއްގައެވެ.
ސިޔާސީ މަސައްކަތްޕުޅާއި ތަންކޮޅެއް ދުރުގައި ހުންނެވި ނަމަވެސް އަނާރާ މިއަދު ކުރެއްވި ޓްވީޓްގައި ވަނީ ސަރުކާރަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ފާއިތުވި ތިން އަހަރު ވަކި މީހެއްވީމަ ވަކިގޮތެއް ހެދުމުގެ ސަގާފަތު ދަނީ ބާރަށް ކުރިއަށް ކަމަށެވެ. އަދި ރައްޔިތުންގެ މެދުގައި އިންސާފާއި ހަމަހަމަކަން ގާއިމު ކުރުމަށް މަސައްކަތް ކުރަން ޖެހިފައިވާ ކަމަަށް ވިދާޅުވިއެވެ.
އަނާރާއަކީ މި ސަރުކާރު ގެނައުމަށް މަސައްކަތް ކުރެއްވި އިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. ރައީސް ޔާމީންގެ ސަރުކާރާ ދެކޮޅަށް މަޖިލީސްތެރެއިން ކުރިއަށް ގެންދިޔަ މަސައްކަތްތަކުގައި އަނާރާ މުހިންމު ދައުރެއް އަދާކުރެއްވިއެވެ.
ނޮވެންބަރު 17، 2018 ގައި ފެށުނު ރައީސް ސޯލިހުގެ ވެރިކަމަށް މިއަދު ތިން އަހަރު ފުރުމާއި ގުޅިގެން ސަރުކާރާ ގުޅިފައިވާ ޕާޓީތަކުން ގެންދަނީ މަރުހަބާ ކިޔަމުންނެވެ. އެ ޕާޓީތަކުގެ ނަޒަރުގައި ނިމިދިޔައީ ކާމިޔާބު ތިން އަހަރެވެ.
އިދިކޮޅު ދެ ޕާޓީގެ ނަޒަރުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަކީ ދިވެހި ތާރީހުގައިވެސް ފެނިގެންދާ އެންމެ ހަޑިމުޑުދާރު ސަރުކާރެވެ.