ރާއްޖޭގެ އެހެން ރަށްތަކުގެ ހުޅަނގުން ރަށްތަކާ ނެއްޓި އެކަހެރިކޮށް އުފެދިފައިވާ ހދ. މަކުނުދޫގައި އެއާޕޯޓެއް އަޅައިދިނުމަށް އެ ދާއިރާގެ މެންބަރު އަނާރާ ނައީމާއި ކައުންސިލުން އެދެފި އެވެ.
މަކުނުދޫ ކައުންސިލްގެ މެންބަރު ހުސެއިން ސާމީ މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ވަނީ ރައްޔިތުންގެ އެދުން އިބޫއަށް ދަންނަވާފަ އެވެ. އަސާސީ ހިދުމަތްތައް ހޯދުމަށް މަކުނުދޫގެ ރައްޔިތުން ކުޅުދުއްފުއްޓަށް ދާއިރު އެ ރަށަށް ގޮސް އައުމަށް ހަ ގަޑިއިރު ހޭދަވާކަން އޭނާ ފާހަގަކުރެއްވި އެވެ. އެއީ ވެސް ގަދަ ކަނޑެއް ހުރަސްކޮށްފައި ކުރަންޖެހޭ ދަތުރަކަށްވާތީ އެކަން ރައްޔިތުންނަށްވެފައިވަނީ ވަރަށް ބޮޑު ދަތިކަމަކަށް ކަމަށް ސާމީ ފާހަގަކުރެއްވި އެވެ.
ސާމީ ވަނީ އެ ރަށުގެ ބޮޑު ފަޅަކީ އެތައް މަޝްރޫއެއް ހިންގޭނެ ފަޅެއް ފާހަގަކުރައްވައި، ރަށަށް މަތިންދާބޯޓެއް ޖެއްސޭނެ ގޮތްވުމަކީ ރަށުގެ ރައްޔިތުންގެ އެންމެ ބޮދު އެދުން ކަމަށް ވިދާޅުވެފަ އެވެ. އެކަން އިބޫގެ ވެރިކަމެއްގައި ފުރިހަމަ ކޮށް ދެއްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނައީމް ވެސް ވިދާޅުވީ ކޯލިޝަންގެ ސަރުކާރެއްގައި މަކުނުދޫގައި އެއާޕޯޓެއް ގާއިމްވެގެން ދިޔުމަކީ ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ. މީގެކުރިން ދަތުރުކުރުމުގައި މަކުނުދޫއަށް ހިތާމަވެރި ހާދިސާތަކެއް ހިނގާފައިވާކަން ފާހަގަކުރައްވައި އަނާރާ ވަނީ އެކަން ވީއެންމެ އަވަހަކަށް ހައްލުކޮށްދެއްވުމަށް އިބޫގެ އަރިހުން އެދިވަޑައިގެންފަ އެވެ.
މަކުނުދޫގައި އޮންނަ ބޮޑު ފަޅުގެ ދިގުމިނުގައި 17.2 ނޯޓިކަލް މޭލް ހުރެ އެވެ. ރ. އަތޮޅުގެ ރަށްތަކާ ދާދިގާތަށް ފަޅުގެ ދިގުމިން ގޮސްފައިވެ އެވެ.