އަނާރާ ނައީމް

އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ބެލެވެނީ ޔާމީނާއި ސޯލިހް: އަނާރާ

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައިވެސް ވާދަކުރައްވާނެ ކަަމަށް ބެލެވެނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އާއި އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު ޑރ. އަނާރާ ނައީމް ވިދާޅުވެއްޖެ އެވެ.

ކުރީން އަދާލަތު ޕާޓީގައި ވަރަށް އިސް ދައުރެއް އަދާކުރެއްވި އަދި އެ ޕާޓީގެ ސިޔާސީ ބުރަދަން ނެތި ދިޔަ ދުވަސްތަކުގައި އިންތިހާބީ މަގާމެއްގައި ހުންނެވި ހަމައެކަނި މެންބަރު އަނާރާ މިހެން ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ނަތީޖާ ގުޅިގެންނެވެ. އިއްޔެ އޮތް އެ ޕާޓީގެ އެތެރޭގެ އިންތިހާބުގައި މަގާމުތަކަށް އިންތިހާބުވެވަޑައިގެންނެވީ އިސް ލީޑަރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތާއީދު އޮތް ބޭފުޅުންނެވެ.

އެކަމަށް އިޝާރާތް ކުރައްވާ އަނާރާ ވިދާޅުވީ ބޮޑު ޕާޓީއެއްގެ އެތެރޭގެ އިންތިހާބަކަށް ފަހު އަލިވިލުނީ 2023 ގައި ވާދަކުރައްވާނެ ބޭފުޅުންވެސް ސާފުކޮށް އެނގިގެންވާ ފަދަ ފަތިހަކަށް ކަމަށެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައިވެސް ވާދަކުރައްވާނެ ކަަމަށް ބެލެވެނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އާއި އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަމަށް ވިދާޅުވިއެވެ.

"ބޮޑު ޕާޓީއެއްގެ އެތެރޭގެ އިންތިހާބަކަށް ފަހު މިއަދު އަލިމިވިލުނީ 2023 ގައި ވާދަކުރައްވާނެ ބޭފުޅުންވެސް ސާފުކޮށް އެނގިގެންދާ ފަދަ ފަތިހަކަށް. ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައިވެސް ވާދަކުރައްވާނެ ކަމަށް ބެލެވެނީ ރައީސް ޔާމީން އާއި ރައީސް ސޯލިހް،" އަނާރާ ވިދާޅުވިއެވެ.

އެންމެ ފަހުން އޮތް 2018 ގެ އިންތިހާބުގައިވެސް ވާދަކުރެއްވީ މި ދެ ބޭފުޅުންނެވެ. އޭރު އަނާރާގެ ތާއީދު އޮތީ ރައީސް ސޯލިހަށެވެ. ނަމަވެސް މި ފަހުން އަނާރާ ގެންދަވަނީ ރައީސް ޔާމީންގެ ތަރައްގީގެ މަސައްކަތްތައް ފާހަގަ ކުރައްވަމުންނެވެ.

ބޮޑު ޕާޓީއެއްގެ އެތެރޭގެ އިންތިހާބަކަށް ފަހު މިއަދު އަލިމިވިލުނީ 2023 ގައި ވާދަކުރައްވާނެ ބޭފުޅުންވެސް ސާފުކޮށް އެނގިގެންދާ ފަދަ ފަތިހަކަށް. ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައިވެސް ވާދަކުރައްވާނެ ކަމަށް ބެލެވެނީ ރައީސް ޔާމީން އާއި ރައީސް ސޯލިހް
ޑރ. އަނާރާ ނައީމް | މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު

2023 ގެ ރިޔާސީ އިންތިހާބަށް ނިކުތުމަށް އެމްޑީޕީގެ ޓިކެޓަށް ދެ ރައީސުންގެވެސް ބޮޑު ޝައުގެއް އޮތްއިރު އެތެރޭގެ އިންތިހާބުގެ ނަތީޖާއިން އެމްޑީޕީގެ ކޮންޓްރޯލް އޮތް އަދި ރިޔާސީ ޓިކެޓް ލިބިވަޑައިގަންނަވާނެ ބޭފުޅަކު ޔަގީން ކުރެވިފައިވާ ކަމަށް ގިނަ ބަޔަކު ދެކެއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް މިހާތަނަށް އިއުލާނު ކުރައްވާފައިވަނީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އާއި މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރައީސް ކާނަލް މުހައްމަދު ނާޒިމެވެ.

އެމްޑީޕީން ކޮން ބޭފުޅެއް؟

2023 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދެވުމަށް ޕާޓީގެ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ރައީސް ނަޝީދު ގެންދަވަނީ ވިދާޅުވަމުންނެވެ. އިއްޔެވެސް އެ ވާހަކަފުޅު ތަކުރާރު ކުރެއްވެވިއެވެ. އަދި ރައީސް ސޯލިހް ދެވަނަ ދައުރަކަށް ކުރިމަތިލައްވާނެ ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށް ވިދާޅުވިއެވެ. އަދި ޕްރައިމަރީގައި ވާދަކުރައްވާ ކާމިޔާބު ކުރެއްވޭނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައިވެއެވެ.

"އަޅުގަނޑު ލަފަޔެއް ނުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު [ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް] ނުކުންނަވާނެ ކަމަކަށް. އެހެންނަމަވެސް އަޅުގަނޑު ނުކުންނަ ވާހަކަ ތަކުރާރުކޮށް އެކި ގޮތްގޮތަށް އެބަ ބުނެވޭ،" އެމްޑީޕީގެ މުހިންމު ވޯޓެއް އިއްޔެ ހިނގަނިކޮށް ނަޝީދު ވިދާޅުވި އެވެ.

ނަމަވެސް ސަރުކާރުން ވަނީ އެކަން ދޮގުކޮށްފައެވެ. ރައީސް އޮފީހުން ބުނީ ރިޔާސީ ރޭހަށް ނުނިކުންނަވަން ނިންމަވާ ރައީސް ސޯލިހް އެކަން އެއްވެސް ބޭފުޅަކަށް ހިއްސާކުރައްވާފައިނުވާނެ ކަމަށެވެ. އަދި ރައީސްގެ ނިންމެވުން ރައްޔިތުންނާ ހިއްސާ ކުރައްވާނެ ކަމަށެވެ.

ރިޔާސީ ދެވަނަ ދައުރެއްގެ ޝައުގުވެރިކަން ފާޅުނުކުރެއްވި ނަމަވެސް ނުރަސްމީކޮށް ރައީސްގެ ރިޔާސީ ކެމްޕެއިން އޮތީ ފެށިފައެވެ. އެމަނިކުފާނު ރަށްރަށަށް ވަޑައިގަންނަވާއިރު "އިބޫ 2023" ގެ ބެނާތަކާއި ޕޯސްޓަރުތަކުން ރަށްރަށް ޒީނަތްތެރިކުރެއެވެ. އަދި ރައީސްގެ އެންމެ އަރިސް ބޭފުޅުން ގެންދަވަނީ ރައީސް ސޯލިހަށް ދެވަނަ ދައުރެއް ހޯދައިދޭން ބޭނުންވާ ކަަމަށް ފާޅުގައި ވިދާޅުވަމުންނެވެ.

އެމްޑީޕީގެ ޓިކެޓް ޕްރައިމަރީއެއް ނެތި ރައީސް ސޯލިހަށް އެރުވުމަށްވެސް ބައެއް މެންބަރުން ވަކާލާތު ކުރައްވައެވެ. ނަމަވެސް ޕްރައިމަރީއެއް ނެތި ރިޔާސީ ޓިކެޓް ދިނުމާއި ރައީސް ނަޝީދާއި އެމަނިކުފާނުގެ އަރިސް ބޭފުޅުން ވަރަށް ދެކޮޅު ހައްދަވައެވެ.

އަލަށް މަގާމަށް ވަޑައިގެންނެވި ބޭފުޅުންނާއެކު އެ މައްސަލާގައި އަމަލު ކުރައްވާނެ ގޮތެއް އަދި މުޅީން ސާފެއް ނޫނެވެ. ޕްރައިމަރީއެއް އޮތަސް އިއްޔެގެ ނަތީޖާއިން ޕްރައިމަރީވެސް ރައީސް ސޯލިހް ކާމިޔާބު ކުރައްވާނެ ކަމަށް ވަނީ ބެލެވިފައެވެ. ނަމަވެސް ދެ ރައީސުންގެ ޕްރައިމަރީއެއް އޮވެއްޖެނަމަ އެމްޑީޕީ މިހާރަށްވުރެވެސް ބޮޑަށް ބައިބައިވެ ބަލިކަށިވާނެ ކަމަށް ބެލެވެއެވެ.

ޔާމީނަށް ފުރުސަތު އެބައޮތް؟

ކުރިއަށް އޮތް ރިޔާސީ އިންތިހާބުން ރައީސް ޔާމީނަށް އަދި ފުރުސަތު އެބައޮތެވެ. މިދިޔަ އަހަރުގެ ޑިސެންބަރު 30 ވަނަ ދުވަހާ ހަމައަށް އެ ފުރުސަތު އޮތީ ބަންދުވެފައެވެ. ނަމަވެސް އެމަނިކުފާނުގެ މައްޗަށް އޮތް ހުކުމް ސުޕްރީމް ކޯޓުން ބާތިލުކުރުމުން އެ ފުރުސަތު އަލުން ހުޅުވުނީއެވެ.

އަދިވެސް ރައީސް ޔާމީންގެ މައްޗަށް ދަށު ކޯޓްތަކުގައި ދައުވާތަކެއް އެބަ ހިނގައެވެ. އާރަށު މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލައިފައި ވަނީ ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެވެ. އެ ދައުވާތަކުގެ ޝަރީއަތް އެބަ ހިނގައެވެ. ދައުވާއެއް ސާބިތުވެއްޖެނަމަ އަލުން ޖަލަށް ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެ އެވެ. އޭރުން ރިޔާސީ އިންތިހާބުން ފުރުސަތު ގެއްލިވަޑައިގަތީ އެވެ.

ނަމަވެސް އެ ދައުވާތަކުން އެމަނިކުފާނު ސަލާމަތްވެވަޑައިގަންނަވާނެ ކަމަށް އިދިކޮޅު ދެ ޕާޓީން ދެކެއެވެ. އަދި ރިޔާސީ އިންތިހާބުގައި ރައީސް ޔާމީންގެ ނަން އޮންނާނެ ކަމަށް ތަކުރާރުކޮށް ބުނެއެވެ. ރިޔާސީ އިންތިހާބުގެ ވާހަކައެއް ރައީސް ޔާމީން އަދި ނުދައްކަވައެވެ. ނަމަވެސް ދެން އުފެދޭނީ ޕީޕީއެމްގެ ސަރުކާރެއް ކަމަށް ތަކުރާރުކޮށް ވިދާޅުވެއެވެ.