ތުރުކީން އެދިފައި އޮތް ގޮތަށް އަސްކަރިއްޔާ ޒަމާނީކޮށް ފައިޓަރު ޖެޓްތަކުގެ ފެންވަރު މަތިކުރަން ބޭނުންވާ ސާމާނު ފޯރުކޮށްދޭނެ ކަމަށް އެމެރިކާއިން ބުނެފި އެވެ.
އެމެރިކާ އަތުން އެފް16ގެ ފައިޓަރު ޖެޓް ގަތުމަށާއި މިހާރު ތުރުކިގައި ހުރި ފައިޓަރު ޖެޓްތައް މަރާމާތުކޮށް ފެންވަރު މަތިކުރުމަށް އެމެރިކާއަށް 1.4 ބިލިއަން ޑޮލަރު ތުރުކީން ވަނީ ދައްކާފަ އެވެ. އެހެން ނަމަވެސް އެމެރިކާއިން އެމަސައްކަތްތައް ކޮށްދޭނެ ތާރީހެއް ނުދީ ވަނީ ލަސްކޮށްފަ އެވެ.
ތުރުކީއާ ދޭތެރޭ އެމެރިކާއިން ގެންގުޅުނު ވިސްނުން ބަދަލުކުރީ ރަޝިއާއިން އެސް400 މަރުކާގެ މިސައިލް ޑިފެންސް ސިސްޓަމް ގަތުމުންނެވެ. އެމެރިކާއާށް ހީވެފައި އޮތީ ޒަމާނީ ފައިޓަރު ޖެޓްތަކާ ބެހޭ މައުލޫމާތު ތުރުކީއަށް ފޯރުކޮށްދީފި ނަމަ ރަޝިއާއާ ހިއްސާކުރާނެ ކަމަށެވެ.
އަނެއްކޮޅުން އަސްކަރީ ނިޒާމް ހަރުދަނާކުރުމުގައި ތުރުކީން ރަޝިއާއަށް ބަރޯސާކުރާ ކަމަށް ބުނެ އެމެރިކާއިން އޮތީ ތުރުކީއަށް ދަރިކުރުމުގެ ފިޔަވަޅުއަޅައި، އެފް35 ޖޮއިންޓް ސްޓްރައިކް ފައިޓަރު ޕްރޮގްރާމުން އަންކާރާ ބޭރުކޮށްފަ އެވެ.
މިކަމާ ގުޅިގެން ތުރުކީން ބުނީ ފައިޓަރު ޖެޓްތައް ސަޕްލައިކޮށް ނުދޭނަމަ ތުރުކީން ދެއްކި ފައިސާ އަނބުރާ ދޭންޖެހޭނެ ކަމަށެވެ. އެހެން ނަމަވެސް މިއެދުމަށް ވެސް އެމެރިކާ ވަކި ޖަވާބެއް ނުދެ އެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑަންއާ ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އެކި ފަހަރު މަތިން ބައްދަލުކުރައްވައި ކުރެވުނު މަޝްވަރާގައި މިހާރު އޮތީ ތުރުކިއަށް ފައިޓަރު ޖެޓްތަކުގެ ބައިތައް ސަޕްލައިކޮށްދޭ ހިސާބުގަ އެވެ.
ތުރުކީއަށް ފައިޓަރު ޖެޓްތައް ވިއްކަން އެމެރިކާ އެއްބަސްވި ނަމަވެސް ގިނަ ޝަރުތުތަކެއް ދައްކާފައި ހުރި ކަމަށް މަސްދަރުތަކުން ބުނެ އެވެ. އޭގެ ތެރޭގައި އެމެރިކާއަށް އަސްކަރީ ގޮތުން އެހީތެރިވުމާއި ކަޅުކަނޑާއި ދެކުނު ޗައިނާ ކަނޑުގައި އެމެރިކާ ހިންގާ ޕްރޮގްރާމްތައް ރުހުމުގެ ލޮލަކުން ބެލުން ވެސް ހިމެނެ އެވެ.
އުރުދުޣާން ވިދާޅުވެފައި އޮތީ އެމެރިކާއިން ފައިޓަރު ޖެޓް ނުވިއްކި ނަމަވެސް މައްސަލައެއް ނެތް ކަމަށާއި ރަޝިއާއާ މުޅިން ބީރައްޓެހި ނުވެވޭނެ ކަމަށެވެ.