ވެނެޒުއެލާ ކަހަލަ ގައުމަކަށް ދަތިކުރަން އެމެރިކާއިން ކިތަންމެ ފިޔަވަޅެއް އެޅި ނަމަވެސް ކުއްލި ސިހުމެއް ދުނިޔެއަށް ނާންނާނެ ކަމަށް ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ ވިދާޅުވެެއްޖެ އެވެ.
މަދުރޯ ވިދާޅުވި ގޮތުގައި ރަޝިއާއާ ދެކޮޅަށް އެމެރިކާ އާއި ބައިވެރިން އެޅި ދަތިކުރުމުގެ ފިޔަވަޅުތައް އެނބުރި ގޮސް ހަފައިގަތީ އެމީހުންގެ ގައިގައި ކަމަށެވެ. އޭނާ އަދި ވިދާޅުވީ އެ ގައުމުތަކުގެ ހާލަތު މިހާރު އޮތީ ފާލުން ނެއްޓި އަތަށް ގޮވާފައި ކަމަށެވެ.
އެމެރިކާއަކީ ވަރަށް ހަސަދަވެރި ގައުމެއް ކަމަށް މަދޫރޯ ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ އެމެރިކާގެ ވެރިކަމަށް ސަހަލު މީހަކު ވެސް ނާރާ ކަމަށެވެ.
މުޅި ދުނިޔޭގައި ވެރިކަން ކުރަން އެމެރިކާ އެދޭއިރު އެއީ ނުވާނެ ކަމެއްކަން އެ މީހުން ނުދަންނަ ކަމަށް ވެސް މަދޫރޯ ވިދާޅުވި އެވެ. މަދޫރޯ ވިދާޅުވި ގޮތުގައި އެމެރިކާގެ ހަމަތައް ތަންފީޒު ކުރަން ގޮތް ހުސްވުމުން ދެން އަޅަނީ ދަތިކުރުމުގެ ފިޔަވަޅުތަކެވެ.
މަދޫރޯ ވިދާޅުވި ގޮތުގައި ވެނެޒުއެލާއަށް ދަތިކުރަން އަޅާފައި ހުރި ފިޔަވަޅުތަކާއެކު އުޅެން ފަސޭހައެއް ނޫނެވެ. ރަޝިއާއަށް ދަތިކުރަން އަޅާފައި ހުރި ފިޔަވަޅުތަކުން ރަޝިއާއަށް ވެސް ގެއްލުންވާނެ އެވެ. އެކަމަކު ގޮތްހުސްވާތީ ފެންނަނީ އެމެރިކާ އާއި ޔޫރަޕެވެ.
ރަޝިއަށް ދަތިކުރަން އަޅާފައި އޮތީ އެންމެ ފިޔަވަޅެއް ދެފިޔަވަޅެއް ނޫން ކަމަށް ވެސް މަދޫރޯ ވިދާޅުވި އެވެ. އެހެންކަމުން ރަޝިއާއަށް ވާނެ ދަތި އަންދާޒާކުރަން ވެސް އެނގިވަޑައި ނުގަންނަވާ ކަމަށެވެ.
ދުނިޔެ މިހާރު ތެލަށް ޖެހިފައި އޮތް އިރު ވެެނެޒުއެލާއިން ތެޔޮ އުފައްދާ އަދަދު އިތުރު ކުރަން އެމެރިކާ ޕްރެޝަރުކުރާ ކަމަށް ވެސް މަދޫރޯ ވިދާޅުވި އެވެ. އެމެރިކާ އާއި ޔޫރަޕް ތެޔޮ ކުންފުނިތަކުން ވެނެޒުއެލާގައި އިންވެސްޓްކުރަން މަޝްވަރާ ކުރާ ކަމަށާާއި އެއީ މާބޮޑު އުފާފުޅެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
ތުރުކީއަށް ކުރެއްވި ރަސްމީ ދަތުރެއްގައި ނޫސްވެރިންނަށް މަދޫރޯ ވިދާޅުވީ ތުރުކީއާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި އިންވެސްޓް ކުރުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށާއި އިންވެސްޓްމަންޓް ތަކަށް ބޭނުންވަނީ އިތުބާރު ކުރެވޭ ބައިވެރިން ކަމަށެވެ.