ކޮމަންވެލްތު ޖަމިއްޔާ

ރާނީ ދެއްވާ ޒުވާނުންގެ އެވޯޑު ފުރަތަމަ ފަހަރަށް ދިވެއްސަކަށް

އިނގިރޭސި ރާނީ ކުއީން އެލިޒަބަތު ގެ ރަސްކަމަށް، 60 އަހަރު ފުރުމާ ގުޅުވައިގެން ކޮމަންވެލްތުން ދޭ ހިދުމަތްތެރި ޒުވާނުންގެ އެވޯޑް، "ކުއީންސް ޔަންގް ލީޑާސް އެވޯޑް"ގެ ފުރަތަމަ ފަހަރަށް ރާއްޖޭގެ އަންހެނަކު ހޯއްދަވައިފި އެވެ.

އިންސާނިއްޔަތަށް އަގުހުރި ހިދުމަތްތަކެއް ކުރުމުގެ ސަބަބުން ދޭ މި ފަހުރުވެރި އެވޯޑް ރާއްޖެއިން ހޯދާފައިވަނީ އޯޓިޒަމްއާއި، އަންހެނުން ބާރުވެރިކުރުމުގެ ދާއިރާއިން ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރައްވަމުން ގެންދަވާ ސަފާތު އަހުމަދު ޒާހިރު އަށެވެ. ސަފާއަކީ އަންހެނުން ބާރުވެރިކުރުމުގެ އެކި ޕްރޮގްރާމްތައް ރާއްޖޭގައި ހިންގައި އޮގަނައިޒް ކުރާ ޖަމިއްޔާއެއް ކަމަށްވާ "ވިމެން އޮން ބޯޑްސް" ގެ ސެކްރެޓަރީ ޖެނަރަލް ވެސް މެ އެވެ.

އެވޯޑް ލިބުމާއި ގުޅިގެން "އަވަސް" އާ ވާހަކަފުޅު ދައްކަވަމުން ސަފާތު ވިދާޅުވީ، އެވޯޑަށް ކުރިމަތިލެއްވީ، މިހާރަށް ވުރެ ބޮޑަށް އެކި ދާއިރާތަކުން އަންހެނުންނަށް ހުރި ފުުސަތުތައް ފުޅާކޮށް، އަންހެނުން ހޭލުންތެރިކުރުމަށް ކުރަން ބޭނުންވާ ގިނަ މަސައްކަތްތަކެއް ހުރުމުން އެކަންކަން ބައިނަލްއަގުވާމީ އެހީއާ އެކު ކުރެވޭނެ ފުރުސަތެއް ހޯދުމުގެ ބޭނުމުގައި ކަމަށެވެ. އޭނާ އަށް އެވޯޑް ލިބުމަކީ އަންހެނުންގެ ދައުރު ފުޅާކުރަން އެކި ކަހަލަ މަސައްކަތް ކުރަން ކުރިއަށްވުރެ ފަހި ފުރުސަތުތަކެއް ލިބިގެންދާނެ ކަމެއް ކަމަށް ގަބޫލުކުރައްވާތީ އެކަމާ މެދު އުފާކުރައްވާކަމަށް ސަފާތު ވިދާޅުވި އެވެ.

ކްއީންސް ޔަންގް ލީޑާސްގެ އެވޯޑަށް ހުށަހެޅި އެޕްލިކޭޝަން ފޯމުގައި ފާހަގަކުރެއްވި މައިގަނޑު ތިން ކަމަކާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ސަފާތު ވިދާޅުވީ، ރާއްޖެއަކީ ޖިންސްގެ ތަފާތުކުރުން މަދު ގައުމެއްގެ ގޮތުގައި ގިނަ ބަޔަކަށް ގަބޫލުކުރެވުނަސް ބޭރުފުށުން އެކަން ފެންނަން ނެތް ކަމަށެވެ. ސަރުކާރުގެ އިސް މަގާމުތަކުންނާއި، ސިޔާސީ ސްލޮޓްތަކުން އިނގިލިން ގުނާލެވޭހާ މަދު އަންހެނުން ފެންނަކަމީ، އަންހެނުންނަށް މުޖުތަމައުގައި ހުރި ފުރުސަތުތައް މަދުކަން ހާމަވާ ކަމެއް ކަމަށް ވެސް ސަފާތު ވަނީ ވިދާޅުވެފައެވެ. 

ސަފާތުގެ ހުށަހެޅުންތައް:

  • އަންހެނުން ހޭލުންތެރިކުރަން އދ އާ ގުޅިގެން ދުނިޔޭގެ ފެންވަރުގެ ޕްރޮގްރާމްތައް ހިންގުން
  • ވަޒީފާ އަދާކުރާ އަންހެނުންނަށް ހާއްސަ ޑޭކާއެއް ސެންޓަރެއް ހެދުމަށް މަސައްކަތް ކުރުން
  • ސިޔާސީ ގޮތުން އަންހެނުން ބާރުވެރި ކުރުވުމުގެ މަސައްކަތްތައް ފުޅާކުރުން

"މިނިސްޓާސް ލެވެލް އަށް ބެލިޔަސް ފެންނަނީ ދެތިން ބޭފުޅުން، ހަމަ އެގޮތަށް އިސް ސިޔާސީ ދާއިރާތައް ވެސް. ވިޔަފާރިއާ އިގްތިސާދުގެ ދާއިރާގެ އެންމެ މަތީ ފަންތީގައި ހަރަކާތްތެރިވަނީ ސުމެއް ޕަސެންޓް އަންހެނުންނޭ ބުނުމަކީ ދޮގަކަށް ނުވާނެ. އެހެންވީމަ މި ކަންކަން ބަދަލުކުރަން އެބަ ބޭނުންވޭ. މި އެވޯޑު އަޅުގަނޑަށް އެފަދަ ކަންކަން ކުރުމުގައި އެހީއަކަށް ވާނެ،" ސަފާތު ވިދާޅުވި އެވެ.

ކްއީންސް ޔަންގް އެވޯޑަކީ އުމުރުން 18-29 އަހަރާ ދެމެދުގެ ހިދުމަތްތެރި ޒުވާނުންނަށް ދޭ އެވޯޑެކެވެ. މި އެވޯޑް ހާސިލްކުރާ ޒުވާނުންނަށް ކުއީން އެލިޒަބަތުގެ އަތްޕުޅުން އިނާމު ލިބުމުގެ ޝަރަފުގެ އިތުރަށް، ބައިނަލް އަގުވާމީ ހާއްސަ ޓްރެއިނިންތަކެއްގައި ބައިވެރިވުމުގެ ފުރުސަތުވެސް ލިބޭނެ އެވެ.