ފެން ކުންފުނި، އެމްޑަބްލިއުއެސްސީ އިން ވަރަށް ކުލަގަދަކޮށް ބައިނަލްއަގްވާމީ ފިރިހެނުންގެ ދުވަސް ފާހަގަކޮށްފި އެވެ.
މާދަމާ ދުނިޔޭގައި ފާހަގަކުރާ ބައިނަލްއަގްވާމީ ފިރިހެނުންގެ ދުވަހާއި އަދި ދުނިޔޭގެ ފާހާނާ ދުވަސް އެކީ ފާހަގަކުރުމަށް އެމްޑަބްލިއުއެސްސީ އިން މިއަދު ބޭއްވި އިވެންޓްގައި ކުންފުނީގެ ގިނަ އަދަދެއްގެ ފިރިހެން މުވައްޒަފުން ވަނީ ބައިވެރިވެފަ އެވެ.
މި އިވެންޓްގައި ވާހަކަދައްކަވަމުން ކުންފުނީގެ ސީއީއޯ ހަސަން ޝާހް ވިދާޅުވީ އާއިލާތަކަށާއި މުޖުތަމައަށް ފިރިހެނުން ގެނެސްދޭ ހެޔޮ ބަދަލު އަބަދުވެސް ފެންނަމުން އަންނަ ކަމަށެވެ. އެ ކުންފުނީގެ ބޮޑު އާބާދީގައި ހިއްސާވަނީ ފިރިހެނުން ކަމަށާއި ރައްޔިތުންނަށް ނަރުދަމާ އާއި ސާފު ބޯފެން ފޯރުކޮށްދިނުމަށް ކުންފުނިން ކުރާ މަސައްކަތުގައި ވެސް އެންމެ ބޮޑަށް ހިއްސާ އޮންނަނީ ފިރިހެން މުވައްޒަފުންގެ ފަރާތުން ކަމަށެވެ.
ކުންފުނީގެ މަސައްކަތްތަކުގެ ތެރޭގައި ހައި ރިސްކް މަސައްކަތްތައް ހިމެނޭއިރު، އެ މަސައްކަތްތައް ކުރުމުގައި އަވަދިނެތި ފިރިހެން މުވައްޒަފުން ކުރާ މަސައްކަތް ޝާހު ފާހަގަކުރެއްވި އެވެ.
ޝާހުގެ ވާހަކައިގައި، ފިރިހެނުންނާ އެއް ސަފެއްގައި އަދި އެއް ހަމައެއްގައި އަންހެނުން ވެސް މަސައްކަތް ކުރަމުން އަންނަ ކަން ފާހަގަކުރެއްވި އެވެ. ދެ ޖީންސް ހަމަހަމަކަމާއި، ދުޅަހެޔޮކޮށް ބޭތިއްބުމަށް ޖިމް އާއި އަދި އެހެނިހެން ޓްރެއިނިން ޕްރޮގްރާމްތައް ކުންފުނީގެ ފަރާތުން ކުރިއަށް ގެންދާކަން ޝާހު ފާހަގަކުރެއްވި އެވެ.
ދުނިޔޭގެ ފާހާނާ ދުވަހާ ގުޅިގެން ޝާހު ވިދާޅުވެފައި ވަނީ ދުނިޔޭގެ އެކި ހިސާބުތަކުގައި ރައްކާތެރި ނަރުދަމާގެ ނިޒާމެއް ނެތް ކަމަށެވެ. ނަމަވެސް ރާއްޖޭގައި އެފަދަ ތަކުލީފަކާއި މައްސަލައަކާއި ކުރިމަތިލާން ނުޖެހޭކަމީ އުފާކުރައްވާ ކަމެއް ކަމަށް ޝާހު ވިދާޅުވި އެވެ.
މި ސަރުކާރުން ވެފައިވާ ވައުދުތަކުގެ ތެރޭގައި ހުރިހާ ރަށެއްގައި ނަރުދަމާގެ ނިޒާމް ގާއިމްކުރުމާއި ސާފު ބޯފެން ފޯރުކޮށްދިނުން ހިމެނޭ ކަން ފާހަގަކުރައްވައި ޝާހު ވިދާޅުވީ އެ މަސައްކަތުގެ ބޮޑުބަޔަކަށް ހިދުމަތް ފޯރުކޮށްދިނުމާ ހަވާލުވެ އޮތީ އެމްޑަބްލިއުއެސްސީ ކަމަށެވެ.
އެމްޑަބްލިއުއެސްސީ އިން މިއަދު ބޭއްވި މި އިވެންޓްގައި ފިރިހެން މުވައްޒަފުންގެ މެދުގައި ލަކީ ޑްރޯއެއް ނަގައި ނަސީބުވެރި މުވައްޒަފުންނަށް އިނާމު ހަވާލުކުރި އެވެ. އަދި ކުންފުނީގެ ފުޓުބޯޅަ ޓީމަށް ވަނީ ޖާޒީ ވެސް ހަވާލުކޮށްފަ އެވެ.