ލައިފްސްޓައިލް

10 ކިލޯ ހިއްކާލައިގެން ވައްކަން ކުރީމަވެސް ސަލާމަތް ނުވި

އެކި މީހުން ބަރުދަން ލުއިކޮށް ހިކެން ބޭނުންވަނީ އެކި ސަބަބު ތަކާ ހުރެ އެވެ. އެއްބަޔަކު ހިކެނީ ހަށިގަނޑު ރީތިކޮށް ލޫޅާފަތިކޮށް ބެހެއްޓުމަށެވެ. އަނެއް ބަޔަކު ހިކެން މަސައްކަތް ކުރަނީ ސިއްހީ މައްސަލަތަކާ ހެދި މަޖްބޫރުވެގެންނެވެ. ނަމަވެސް އިންޑިޔާގެ އަހުމަދު އާބާދުގެ މޯތީ ސިންގް ޗައުހާން 10 ވަރަކަށް ކިލޯ ހިކެން މަސައްކަތްކުރީ ވައްކަން ކުރާށެވެ.

ނަމަވެސް މިހާ ބޮޑަށް ހިކިގެން ވެސް ވައްކަން ކުރަން އޭނާއަށް މާ ގިނަ ދުވަހު އުޅެވޭގޮތެއް ނުވި އެވެ. ފުލުހުން މިހާރު ވަނީ އޭނާ ހިފާ ހައްޔަރުކޮށްފަ އެވެ.

މޯތީ ސިންގް ހައްޔަރުކުރުމަށްފަހު ފުލުހުން އޭނާއާ ސުވާލުކުރުމުން ވައްކަން ކުރުމުގެ ނިޔަތުގައި އޭނާ ހިކުނު ގޮތް ވެސް ވަނީ ކިޔައިދީފަ އެވެ. އޭނާ ބުނި ގޮތުގައި ގޭގެޔަށް ވައްކަންކުރަން އާއްމުކޮށް ވަންނަނީ އޭ ގޭގޭގައި ހުންނަ ފެންލައިޓް ތަކުންނެވެ. ނަމަވެސް އޭނާ ފަލަކަމުން ފެންލައިޓްތަކުން ދެމިގަނެގެން ނުވަދެވޭތީ ބަރުދަނުން 10 ކިލޯ ލުއިކޮށްލާފައިވާ ކަމަށެވެ.

މޯތީ ސިންގް، 34، މީގެ ދެ އަހަރު ކުރިން މަސައްކަތްކުރީ ބޯޕާލްގެ ބަސަންތު ބަހާރް ސޮސައިޓީގައި ހުރި މޯހިތު މަރާޑިއާ ކިޔާ މީހެއްގެ ގޭގަ އެވެ. އެ ގޭގައި މަސައްކަތް ކުރަމުން އޭނާވަނީ އެ ގޭ މީހުން ފައިސާ އާއި ގަހަނާ އަދި އަގުބޮޑު ތަކެތި ރައްކާކޮށްފައި ހުންނަ ތަންތަން ދެނެގަނެފަ އެވެ. އަދި ސީސީޓީވީ ކެމެރާތައް ހުރި ތަންތަނާއި އެ ތަކެތި މަސައްކަތްކުރާ ގޮތް ވެސް އޭނާ ހޯދި އެވެ.

އެ ގެއަކީ އިލެކްޓްރޯނިކް ދޮރެއް ލާފައި ހުންނަ ގެއެއްކަމުން އެ ގޭގެ ދޮރު ފަޅާލައިގެން އެހާ ފަސޭހައިން ނުވަދެވޭނެކަން މޯތީ ސިންގް އަށް އެނގުނެވެ. އެހެންވެ އެގެއިން ވައްކަން ކުރަން އޭނާއަށް ތަފާތު ގޮތަކަށް ވިސްނަން ޖެހުނެވެ. އެގޮތުން ގޭގެ ފެންލައިޓުން ދެމެގަނެގެން އެ ގެއަށް ވަނުމަށް ވިސްނި އެވެ. ނަމަވެސް ފަލަ ކަމުން އެކަން ނުވާނެކަން އޭނާއަށް ޔަގީންވެ ހިކެން މަސައްކަތް ފެށީ އެވެ.

އޭގެ ފަހުން ފާއިތުވީ ތިން މަސް ދުވަހު އޭނާ ދުވާލަކު އެއް ފަހަރު ކައިގެން ޑައިޓްކޮށް 10 ކިލޯ ހިއްކާލި އެވެ. އޭނާ ވަޒީފާ އަދާކުރި ގޭގެ ވެރިމީހާ ފުލުހުން ކައިރީ ބުނި ގޮތުގައި މޯތީ ސިންގް އެއްގޮތަކަށް ވެސް ރޭގަނޑު ކައެއް ނޫޅެ އެވެ. ކޮންމެވެސް ބަހަނާއެއް ދައްކާފައި އޭނާ ރޭގަނޑުގެ ކެއުން އެއްގޮތަކަށް ވެސް ނުކާކަމަށާއި އެހެންވެ އޭނާ ވަރަށް އަވަހަށް ހިކުނުކަން ފާހަގަ ކުރެވުނުކަމަށް ގޭގެ ވެރިމީހާ ބުނެފައި ވެއެވެ.

މޯތީ ސިންގް އެންމެ ފަހުން އޭނާ އުޅުނު ގެއިން ވައްކަން ކޮށްގެން ފިލި އެވެ. ސީސީޓީވީ ކެމެރާ ހުރި ނަމަވެސް އެއަށް ނާރާ ގޮތަށް އުޅެން މޯތީ ސިންގް ދަސްކޮށްކޮށްފައިވާތީ ގެއިން ވައްކަންކުރި މީހާ ހޯދަން ފުލުހުންނަށް ދަތިވި އެވެ. ނަމަވެސް ވައްކަންކުރަން ވަންނަން އެގޭގެ ބަދިގޭގައި ހުރި ކުޑަދޮރެއްގެ ބިއްލޫރިގަނޑު ކަފާލަން ބޭނުންވާ އާލާތްތައް ގަންނަން އޭނާ ހާޑްވެއާ ފިހާރައެއްގައި ހުއްޓާ ސީސީޓީވީ ކެމެރާއަށް އަރާފައި ހުއްޓެވެ. ވައްކަންކުރީ މޯތީ ސިންގް ކަން ފުލުހުންނަށް އެނގުނީ އެހިސާބުންނެވެ.

މަރާޑީގެ ގެއިން ނޮވެމްބަރު 5 ވަނަ ދުވަހު މޯތީ ސިންގް ވައްކަންކޮށް 37 ލައްކަ ރުޕީސް އާއި އަގުބޮޑު ސާމާނުތައް ވަގަށް ނަގާފައި ވެއެވެ. ފުލުހުން އޭނާ ހައްޔަރުކުރއިރު ވެސް ވަގަށް ނެގި ތަކެތި އޭނާގެ އަތުގައި ހުއްޓެވެ.

ވަގުކަލޭގެ ހުރިތަން ފުލުހުން ހޯދީ އޭނާގެ ފޯނުގެ ސިގްނަލުންނެވެ. އޭނާ ހައްޔަރުކުރީ އަމިއްލަ ރަށް ކަމަށްވާ އުދައިޕޫރަށް ދިޔުމަށް ދަތުރުކުރަމުން ދަނިކޮށެވެ. އޭރު އޭނާގެ އަތުގައި ވަގަށް ނެގި ފައިސާތަކާއި އަގުބޮޑު މުދާތައް ހުއްޓެވެ.