ކުލަ ކުލައިގެ ރީތި ވެލިން ޒީނަތްތެރި ވެފައިވާ ފަރުބަދައެއް އޮންނަ ގައުމެއްގެ ވާހަކަ އަޑު އެހިން ހެއްޔެވެ؟ އީރާނުގެ ހޮރްމުޒް އައިލެންޑްގައި މިފަދަ ފަރުބަދަތައް އެބަހުއްޓެވެ. ރެއިންބޯ ކުލަތަކުން ޒީނަތްތެރިވެފައިވާ މި ފަރުބަދަތަކުގެ ޚާއްސަ އަނެއް ސިފައަކީ މި ފަރުބަދައިގެ ހުންނަ ވެއްޔަކީ އިންސާނުން ކެއުމަށް ކަމުދާ މީރު އެއްޗަކަށް ވުމެވެ.
އީރާނުގެ މި ރަށުގައި އުޅޭ މީހުން އެއްގޮތަކަށް ވެސް ކެއްކުމުގައި ހަވާދެއް ބޭނުމެއް ނުކުރެ އެވެ. ހަވާދުގެ ބަދަލުގައި އެމީހުން އަޅަނީ މި ވެއްޔެވެ.
މި އަވަށުގައި ދިރިއުޅޭ މީހުން ހަމައެކަނި ކައްކާއިރު ވެއްޔާއި ޗަކަ އަޅައިގެން ކައްކަނީކީ ނޫނެވެ. އަހަރެމެން ފޯކާއި ބިލެތް ލައިގެން ދުފާ ގޮތަށް އަނގަމީރު ކޮށްލަން ވެސް އެމީހުން ޗަކަ އާއި ވެލި ކައި އުޅެ އެވެ.
އީރާނުގެ މި ފަރުބަދަތަކުގައި ހުންނަ ޗަކައާއި ވެއްޔަކީ ދުނިޔޭގެ އެހެން އެއްވެސް ގައުމެއްގެ ފަރުބަދައެއްގައި ނުހުންނަ ވައްތަރެއްގެ ޚާއްސަ ޗަކައަކާއި ވެއްޔެކެވެ. އަދި މިކަހަލަ ވެއްޔެއް ދުނިޔޭގެ އެހެން އެއްވެސް ގައުމެއްގައި ނުހުރެ އެވެ.
ރެއިންބޯ އައިލެންޑްގެ ނަމުން މަޝްހޫރު ވެފައިވާ މި ހިސާބުގައި ހުންނަ ފަރުބަދަތަކުގައި އެކި ކުލަ ކުލަ ހުރެފައި ފަރުބަދައިގައި ހުންނަ ވެލިތަކުގައި ވެސް ހުންނަނީ ތަފާތު ރީތި ކުލަތަކެވެ. މި ވެލިތަކުގައި ހުންނަ އެކި ކުލަ ތަކުގެ ތެރޭގައި ހުދު، ރީނދޫ، ރަތް، ފެހި، އޮރެންޖް، މުށި، މަޑު ޓޯކޮއިސް ކުލަ އަދި ރަން ކުލަ ވެސް ހިމެނެ އެވެ.
މި އަވަށުގެ މީހުން މި ވެލިން ތަފާތު ކާ އެއްޗެތި ތައްޔާރު ކުރެ އެވެ. އެ އަވަށުގެ މީހުން ތައްޔާރުކުރާ މަޝްހޫރު ބައެއް ކާނާގައި އެހެން މީހުން ހަވާދު ބޭނުންކުރާ އުސޫލުން ބޭނުން ކުރަނީ މި ވެއްޔެވެ.
އެމީހުން މޫދުގައި އުޅޭ މަސްމަހާ މެހީގެ ތެރެއިން ސާޑިންސް އާއި ކިލްކާ ކިޔާ ވައްތަރެއްގެ މަސް އަދި މޯމަގް ކިޔާ ވައްތަރެއްގެ މަހެއް ހިފައިގެން އެ މަސްތައް ސާފުކުރުމަށް ފަހު އޮރެންޖް ތޮށި އަޅައިގެން މެރިނޭޓް ކުރެ އެވެ. އަދި ތަކެތި ބޮޑެތި ބިއްލޫރި ފުޅިއަށް އަޅާފައި ދެ ދުވަސް ވަންދެން އަވީގައި ބަހައްޓަ އެވެ. އަދި ދެ ދުވަސް ފަހުން ނަގާ ރަނގަޅަށް ކައްކާލަ އެވެ.
އެ ހިސާބުގަނޑުގައި ވަރަށް މަޝްހޫރު އަދި މަގްބޫލު ކެއުމެއް ކަމަށްވާ "ސުރަޣު" އަކީ މިގޮތަށް ކައްކާލުމަށް ފަހު ތައްޔާރުކުރާ ޑީޝް އަށް ކިޔާ ނަމެވެ.
މި ޑިޝްގައި ތަފާތު ރީތި ކުލަތައް ހުރުމާއި ރަހަ މީރުކަމުން އެ ސަރަހައްދަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި އާންމުންގެ މެދުގައި ވެސް މި ޑިޝް ވަރަށް މަގްބޫލު އެއްޗަކަށް ވަނީ ވެފަ އެވެ.
ޖިއޮލޮޖީގެ ނަޒަރިއްޔާތުން ބަލާއިރު މި ރަށަކީ ދުނިޔޭގެ އެންމެ މުހިއްމު ސޯލްޓް ޑޯމްސް އެވެ. މި ވެއްޔަކީ މިނަރަލްސް އިން މުއްސަނދިވެފައިވުމުގެ އިތުރުން ސިއްހަތަށް ވެސް ވަރަށް ފައިދާ ހުރި އެއްޗެއް ކަމަށް ވެއެވެ.
ހުރްމޫޒް އައިލެންޑް އޮންނަނީ ޕާޝިއަން ގަލްފް ގައެވެ. މި ސަރަހައްދުގެ ގޮނޑުދޮށްތަކުގައި ހުންނަ ވެލީ ވެސް ހުންނަނީ އެކި ކުލަތަކުން ޒީނަތްތެރިވެފައި ކަމަށް ވެއެވެ.