ޕޮލޭންޑްއާ ބެލަރޫސް ބޯޑަރު ސަރަހައްދަށް ޖަމާވި ހިޖުރަވެރިން ފައްސާލަން ފުލުހުން ކެމިކަލް ފެންޖެހި މައްސަލަ ބޮޑުވެއްޖެ އެވެ. އެސަރަހައްދުގައި މީހުންނަށް އެހީތެރިވުމަށް ހަރަކާތްތެރިވި ބެލަރޫސްގެ އޮފިޝަލުން ބުނި ގޮތުން އެމީހުންނަށް ވެސް ވަނީ ކެމިކަލް ފެނުގެ އަސަރުކޮށްފަ އެވެ.
ބެލަރޫސްގެ ބެލްޓާ ނިއުސް އޭޖެންސީގެ ޓެލެގްރާމް ޗެނަލަށް ލާފައި ހުރި ފޮޓޯތަކުން ދެންނަނީ އޮފިޝަލުންގެ ގައިގެ ތަންތަން ރަތްވެ ލޭފޭއްދޭ މައްޒަރެވެ. އޮފިޝަލުން ބުނާ ގޮތުން ފެން ޖެހުނު ކޮންމެ ތަނެއް ވަރަށް ބޮޑަށް ހިރުވައި އަދި ފަހުން އަލިފާނުން އަނދާފައި އޮންނަ ގޮތަށް ހަންގަނޑު ބަދަލުވެ އެވެ.
ބެލަރޫސްގެ ދައުލަތުގެ ޓީވީން ވެސް ވަނީ އަނިޔާ ލިބިފައި ތިބި މީހުންނާ ވާހަކަދައްކާފަ އެވެ. ބައެއް މީހުންގެ ގައިގެ ތަންތަން އަނދާފައި ހުރިއިރު ލޮލުގެ ތިރީ ރަވަ ދުޅަވެ ހުރީ ފުފިއަރާފަ އެވެ.
މީހުންގެ ގައިގެ ހަމަށް ބަދަލު އައުމުގެ ކުރިން ވެސް ހިޖުރަވެރިން މިވާހަކަ ދެއްކި އެވެ. އެމީހުން ބުނި ގޮތުން ޕޮލޭންޑް ފުލުހުން ފެންބަޑިން ބުރުވާލި ފެންގަނޑާއެކު ގައިގެ ތަންތަން ހިރުވައި ލޮލުން ދިލަނަގަން ފެށި އެވެ. އަދި ކެތްނުކުރެވޭ ވަރަށް ލޮލުން އާވިއެރި އެވެ.
ބެލަރޫސްއިން މިކަން ތަހުގީގުކުރަމުން ގެންދާއިރު، "ދި ރޭޑިއޭޝަން، ކެމިކަލް އެންޑް ބަޔޮލޮޖިކަލް ޕްރޮޓެކްޝަން އެންޑް އިކޮލޮޖީ" ޑިޕާޓްމަންޓްގެ ނައިބު އިގޯރު މަލީކު ވެސް ވަނީ ޕޮލޭންޑުން ކެމިކަލް ފެން ބޭނުންކުރި ކަމަށް ވިދާޅުވެފަ އެވެ. އޭނާ އަދި ވިދާޅުވީ ބެލަރޫސްގެ އަސްކަރިއްޔާގެ އެހީތެރިކަމާ އެކު ޕޮލޭންޑުން ބޭނުންކުރި ފެނުގެ ތަފުސީލް ހޯއްދަވާނެ ކަމަށެވެ.
ޕޮލޭންޑްއާ ބެލަރޫސް ގުޅޭ ބޯޑަރަށް ހިޖުރަވެރިން ޖަމާވީ ޔޫރަޕަށް ވަމުނުގެ އުންމީދުގަ އެވެ. އެހެން ނަމަވެސް ޕޮޮލޭންޑްގެ ފުލުހުންނާ ހެދި އެމީހުންނަށް ކުރިއަށް ދެވޭ ގޮތެއް ނުވި އެވެ.
ހިޖުރަވެރިންގެ ތެރޭގައި ގިނައީ މެދުއިރުމަތީ ގައުމުތަކަށް ނިސްބަތްވާ މީހުންނެވެ. އޭގެ ތެރޭގައި އީރާގާއި ސީރިއާ އަދި ޔަމަނަށ ނިސްބަތްވާ މީހުންނެވެ. ހިޖުރަވެރިންގެ ތެރެއިން ގިނަ މީހުން މިހާރު ވަނީ ބެލަރޫސްގެ ޖަންގަލިތަޖުގައި ހުރި ރެފިއުޖީ ކޭމްޕްތަކަށް ގޮސްފަ އެވެ. ބައެއް މީހުން އެމީހުންގެ އަމިލަ ގައުމަށް އެނބުރި ދިއުމަށް އެމްބަސީތަކުން އެހީއަށް ވަނީ އެދިފަ އެވެ.