ޖޭއެސްސީ

ޑީޖޭއޭގެ ސީރިއަސް ތުހުމަތުތައް އަހުމަދު ދޮގުކޮށްފި

ސޯޝަލް މީޑިއާގައި ސަރުކާރާ ދެކޮޅަށް ހިޔާލު ފާޅުކޮށްހެން ވަޒީފާއިން ވަކި ކުރި ހުޅުމާލެ ކޯޓުގެ އޮފިސަރު އަހުމަދު އިބްރާހީމް (ޕޮކަންޑި) އާ ގުޅޭ ގޮތުން ޑިޕާޓްމަންޓް އޮފް ޖުޑީޝިއަލް އެޑްމިނިސްޓްރޭޝަން (ޑީޖީއޭ) އިން ކުރި ސީރިއަސް ތުހުމަތުތައް އޭނާ ދޮގޮކޮށްފި އެެވެ.

އަހުމަދު ވަކިކުރުމާ ގުޅޭ ގޮތުން ޑީޖީއޭއިން ބައެއް މީޑިއާތައް ހިއްސާ ކުރި ބަޔާނެއްގައި އޭނާގެ މައްޗަށް ޖިނާއީ ބޮޑެތި ތުހުމަތުތަކެއް ކޮށްފައި ވެއެވެ. އޭގެ ތެރޭގައި 2017 ވަަނަ އަހަރު ހުޅުމާލެ ކޯޓަށް ހުށަހެޅި މައްސަލައެއްގެ ލިޔުންތަކެއް ބަދަލުކޮށް މައްސަލަ ގެއްލުވާލުމާއި ކޯޓުގެ މުހިއްމު ލިޔެކިޔުންތަކެއް ހިމެނޭ ހާޑު ޑިސްކެއް ގަސްތުގައި ހަލާކުކޮށްލުން ހިމެނެ އެވެ.

އެ ތުހުމަތުތަކަށް ރައްދު ދީ އަހުމަދު ނެރުނު ބަޔާނުގައި ބުނީ ގެއްލުވާލާފައިވާ ކަމަށް ތުހުމަތުކުރާ މައްސަލައަކީ މިހާރުވެސް ހުޅުމާލޭ މެޖިސްޓްރޭޓު ކޯޓުގައި ހިނގަމުންދާ މައްސަލައެއް ކަަމަށާއި އެ މައްސަލާގައި ހެކިވެރިންގެ ހެކިބަސް ނަގައި، ހުލާސާ ބަޔާންވ ވެސް ނަގައި މިހާރު އޮތީ ހުކުމް ކުުރުމުގެ މަރުހަލާގައި ކަމަށެވެ. އަދި ހުޅުމާލެ ކޯޓާއި ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުން ވެސް އެކަން ސާފު ވާނެ ކަމަށެވެ.

ހާޑް ޑިސްކެއް ހަލާލުކޮށްލި ކަމަށް ޑީޖީއޭއިން ބުނާ ވާހަކަތައް ވެސް އޭނާ ދޮގު ކުރެއެވެ.

އިތުރަށް ބުނީ އެ މައްސަލައިގައި އޭނާގެ މައްޗަށް ތުހުމަތެއް ކޮށް ސުވާލެއް ވެސް ކޮށްފައި ނުވާ ކަމަށާއި އަދި ޖޭޑީއޭއިން ކުރި ތުހުމަތަކީ ހަގީގަތެއް ނޫންކަން ހުޅުމާލޭ މެޖިސްޓްރޭޓު ކޯޓުގެ އައިޓީ ކަންކަން ބަލަހައްޓާ، ޑިޕާޓުމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ އައިޓީ ސެކްޝަނުގެ ވެރިންނާއި ޓެކްނިކަލް މުވައްޒަފުންނަށް ވެސް އެނގޭނެ ކަމަށެވެ.

"އެ ހާޑަށް ގަސްތުގައި ގެއްލުމެއް ދީފައިވާ ކަމުގެ ކުޑަވެސް ނިޝާނެއް އަސަރެއް ފެންނަން ނެތް ކަމަށް، މި ތުހުމަތު ޑީޖޭއޭއިން ކުރުމާއި ގުޅިގެން އަޅުގަނޑު އެބޭފުޅުންނާ ފޯނުކޮށް ސުވާލުކުރުމުން އެ ބޭފުޅުންވަނީ އަޅުގަނޑު ގާތުގައި ދަންނަވާފައެވެ. އަދި އެފަދަ ޝައްކެއް ކުރެވޭކަމަށް އެބޭފުޅުންނަށް ފާހަގަކުރެވިގެން އެފަދަ ވާހަކައެއް ޑީޖޭއޭގެ ވެރިންނަށް ދަންނަވާފައިނުވާނެ ކަމަށްވެސް ފާހަގަކުރިއެވެ. މި ތުހުމަތު އަޅުގަނޑުގެ މައްޗަށް ކުރެވިފައިވަނީ ސިޔާސީ ޕޯސްޓްތައް ސޯޝަލް މީޑިއާގައި ކޮށްގެން ވަޒީފާއިން އަޅުގަނޑު ވަކިކުރުމުން ސަރުކާރަށް ކުރިމަތިވި ޕްރެޝަރާއި ގުޅިގެން މާފަހުން ނެރުނު ބަޔާނެއްގައެވެ." އަހުމަދު ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

ސޯޝަލް މީޑިއާގައި ސަރުކާރާ ދެކޮޅަށް އަދި ޝަރުއީ ދާއިރާގެ މިނިވަންކަމާ މެދު އަގުވެއްޓޭ ގޮތަށް ސޯޝަލް މީޑިއަގައި ހިޔާލު ފާޅުކުރާ ކަމަށް ބުނެ އަހުމަދު މަގާމުން ވަކި ކުރީ މިދިޔަ ބުދަ ދުވަހު އެވެ. އޭނާ މަގާމުން ވަކިކޮށް ފޮނުވި ސިޓީ ގައި ވެސް ޑީޖީއޭއިން ބުނި ހާޑު ޑިސްކު ހަލާކު ކޮށްލުމާއި އަދި މައްސަލައެއް ގެއްލުވާލި ވާހަކައެއް ނެތެވެ.

"ޑީޖޭއޭއިން ސިއްރިއްޔާތުގައި ބައެއް ނޫސްވެރިންނަށް ދިން މި ބަޔާނަކީ އަޅުގަނޑު ވަކިކުރުމާ ގުޅިގެން ސަރުކާރަށް ކުރިމަތިވި ފާޑުކިޔުންތަކާ ވިދިގެން، ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓާގެ މަޤާމުގައި ހުރި އެމްޑީޕީގެ ސިޔާސީ އެކްޓިވިސްޓް ޢާއިޝަތު ރިޒުނާއަށް ސަރުކާރުން އަންގައިގެން، ސަރުކާރުގެ މޫނުމަތި ސާފުކުރުމުގެ ގޮތުން އަޅުގަނޑުގެ އަބުރާއި ޢިއްޒަތް ކަތިލުމަށް ނެރުނު ބަޔާނެކެވެ." އޭނާ ނެރުނު ބަޔާނުގައި ވެއެވެ.

އަހުމަދު މަގާމުން ވަކި ކުރުމުން ގިނަ ބަޔަކު ސަރުކާރަށް ދަނީ ފާޑުކިޔަމުން ނެވެ.