ލައިފްސްޓައިލް

މަސްތުވެ އަމިއްލަ ގޭގައި ހުޅުޖެހުމުން ޖަލަށް

އިންގްލެންޑްގެ ނިއުކާސްލްގައި ދިރިއުޅޭ އަންހެނަކު މަސްތުގެ ހާލުގައި ހުރެ އަމިއްލަ ގޭގައި ހުޅުޖަހާ ރޯކޮށްލައިފި އެވެ. ރޯވެފައިވާ ގޭތެރެއިން އެ އަންހެންމީހާ ވެސް ސަލާމަތްކުރީ އެ ތަނަށް އެއްވި މީހުންގެ ތެރެއިން ދެ މީހެއްގެ މަސައްކަތުންނެވެ.

ނިއުކާސްލް ކްރައުން ކޯޓުން ބުނެފައިވާ ގޮތުގައި ކެރީ މެކްކުރުޑުން ހުޅުޖެހީ އޭނާ ނިދާ އެނދުގައި އޮށޯވެ އޮވެ އެ އެނދުގަ އެވެ.

މިދިޔަ މޭމަހުގެ 30 ވަނަ ދުވަހު ހިނގި މި ހާދިސާގައި އެނދުގައި ކެރީ އަމިއްލައަށް އޭނާ ނިދާ އެނދުގައި ރޯކުރި އަލިފާނުން އޭނާ ވަރަށް ބޮޑަށް ފިހި ހޮސްޕިޓަލުގައި ގިނަ ދުވަސް ތަކަކު ފަރުވާ ދީފައި ވެއެވެ. އަދި ހޮސްޕިޓަލުން ނުކުމެވުނުއިރު ކެރީ އަށް އޮތީ ކޯޓަށް ގޮސް އޭނަ ކުރި ކަންތައް ދިފާއުކޮށް ވަކާލާތު ކުރަން ޖެހިފަ އެވެ.

ކެރީގެ ގޭގައި ރޯވެފައި ހުއްޓާ އެހިސާބުގަނޑު މީހުންނަށް ފެނުމުން އެ ގެޔަށް ވަދެ ކެރީ އެނދުމަތިން ނަގައިގެން ބޭރަށް ނެރުނީ އެމީހުންނެވެ. އަދި އިމަޖެންސީ ސާވިސް އަށް ގުޅުވައިގެން ގެނެސް ކެރީ ހޮސްޕިޓަލަށް ފޮނުވީ ވެސް އަވައްޓެރިންނެވެ.

ކެރީ އަކީ ސިކުނޑީގެ މައްސަލަތަކެއް ހުންނަ މީހަކަށް ވީނަމަވެސް އަމިއްލަ ގޭގައި ރޯކޮށްލުމުގެ ކުށް ސާބިތުވެ އޭނާ މިހާރު ވަނީ ތިން އަހަރަށް ޖަލަށް ލާފަ އެވެ. އުމުރުން 38 އަހަރުގެ ކެރީގެ މަންމަ މަރުވެފައި ވަނީ ވެސް ގެއެއްގައި ރޯވި އަލިފާނުން ކަމަށް ވެސް ކޯޓުން ފާހަގަ ކުރި އެވެ.

ނަމަވެސް އޭނާއަށް ހުކުމް ކުރި ފަނޑިޔާރު ވިދާޅުވީ އަމިއްލައަށް ގޭގައި ރޯކޮށްލުމުން ކެރީ އޭނާގެ ފުރާނައަށް ނުރައްކާ ކުރުމުގެ އިތުރުން އޭނާ ސަލާމަތްކުރަން ވަން މީހުންގެ ފުރާނައަށާއި އެ ގޭގެ ވަށައިގެން ދިރިއުޅޭ މީހުންގެ ފުރާނައަށް ވެސް ގަސްތުގައި ނުރައްކާ ކުރިކަމަށް ސާބިތުވާ ކަމަށެވެ.

އަދި ކެރީ ގަސްތުގައި އަލިފާން ރޯކޮށްލީތީ އޭނާއަށް މީގެ ހައްގު އަދަބު ލިބެންޖެހޭނެކަމަށް ކޯޓުން ގަބޫލުކޮށް އޭނާ ތިން އަހަރަށް ޖަލަށް ލާން ހުކުމް ކުރީ އެވެ.