އެމެރިކާގެ ރަށެއް ކަމަށްވާ ލޯންގް އައިލެންޑްގެ ގެއެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި އެ ގޭ ތެރޭ ތާށިވެފައި ތިބި އާއިލާގެ އެންމެން ސަލާމަތްކޮށްދިން ޑްރައިވަރަށް އެ ރަށުގެ މީހުން ޝުކުރު އަދާކޮށްފި އެވެ.
ލޯންގް އައިލެންޑް ކޮމިއުނިޓީން ޑްރައިވަރަށް ތައުރީފުކޮށް ޝުކުރު އަދާކުރީ އަމިއްލަ ފުރާނައަށް ބެލުމެއް ނެތި އޭނާ ދެއްކި ހިތްވަރާއި ކުރި މަސައްކަތުގެ އަގު ވަޒަން ކުރުމަށެވެ.
މި ގޭގައި އަލިފާން ރޯވެފައިވާކަން ލޯންގް އައިލެންޑްގެ އަލިފާން ނިއްވާ މީހުންނަށް އެނގުނީ ރޯވިތާ ހަތަރު މިނިޓް ފަހުންނެވެ. ނަސީބަކުން އެމީހުންނަށް އާދެވުނުއިރު ގޭގައި ތިބި އެންމެން މަގުމަތީގައި ތިއްބެވެ.
ކެވިން ރިވޭރާ އެ ދުވަހު ވެސް އުޅުނީ އެމެޒޮން ޑެލިވަރީ ކުރާށެވެ. އެ ގެ ހުންނަނީ އޭނާ އާންމުކޮށް ދަތުރުކުރާ މަގުގަ އެވެ. އެ ދުވަހު އޭނާ އެ މަގުން ދަތުރުކުރަނިކޮށް ރޯވެ އަނދަމުންދާ ގެއެއް ފެނުމުން ވަގުތުން އެދިމާލަށް ދިޔައީ އެވެ.
އަލިފާން ރޯވެފައި ހުރީ ގޭގެ ކުރިމަތީގައި ކަމަށް ވެފައި ގެއަށް ވަންނަން ހުރި ދޮރުތަކުގައި ވެސް ރޯވެފައި ހުރުމުން އެ ގޭގައި ދިރިއުޅޭ މީހުން ތިބީ ނުކުމެވޭނެ ގޮތެއް ނެތި ގޭތެރޭ ތާށިވެފަ އެވެ.
"އަލިފާންގަނޑު ބޮޑުވަމުންދިޔަ ތަން އަހަންނަށް ފެނުނު. ގޭގެ ބޭރު ދޮރު ހުރީ ހުޅުވާފައި ކަމުން އަހަރެން ވަގުތުން އެ ގޭތެރެއަށް ވަނީ. އަލިފާނުން އަނދައި އެއްވެސް މީހެއްގެ ފުރާނަ ގެއްލެން ބޭނުން ނުވާތީ،" ރިވޭރާ ބުންޏެވެ.
އެ ވަގުތު އެ ގޭގައި ހަ މީހުންގެ އާއިލާއެއް ތިއްބެވެ. އަދި ހަ މީހުންގެ ތެރޭގައި ވަރަށް ތުއްތު ކުއްޖެއް ވެސް ހިމެނެ އެވެ. އެންމެ ހެއްވާ ކަމަކީ މިގޭގައި ރޯވެފައި ހުރި ކަމެއް އެގޭގައި ތިބި މީހުންނަކަށް ނޭނގެ އެވެ.
އަދި ރިވޭރާ ވާހަކަ ދައްކާ ބަހުރުވައާއި އެ ގޭގައި ތިބި މީހުން ވާހަކަ ދައްކާ ބަހުރުވަ ތަފާތުވުމުން ރިވޭރީ ދައްކާ ވާހަކަ އެ ގޭ މީހުންނަކަށް ނޭނގެ އެވެ. ނަމަވެސް އިރުކޮޅެއް ތެރޭ އެމީހުންނަށް ވެސް ހުޅުގަނޑު ފެނުމުން އެންމެން ބާރަށް ރޯން ފެށި އެވެ. ރިވޭރާ ވަނީ ގޭގެ ފަހަތުގައި ހުރި ދޮރަކުން އެ އެންމެން ބޭރަށް ނެރި އެމީހުންގެ ފުރާނަ ސަލާމަތްކޮށްދީ ފައެވެ.
އެހިސާބުގެ އަވަށްޓެރިންގެ ތެރެއިން މި މަންޒަރުތައް ވީޑިއޯ ކުރި މީހަކު ބުނީ އެ އާއިލާގެ އެންމެންގެ ފުރާނަ ސަލާމަތްވީ ރިވޭރީ ކުރި މަސައްކަތާއި ދެއްކި ހިތްވަރުން ކަމަށެވެ.