ސެނިޓައިޒާއަކީ ވަރަށް ފަސޭހައިން އަލިފާން ހިފާ އެއްޗެއްކަން އެނގޭ މީހުން މަދެވެ. އެހެންވެ ގިނަ މީހުން ސެނިޓައިޒާ ހޭކުމުގައި ފަރުވާތެރި ކަމެއް ނުބަހައްޓަ އެވެ. ކޮރޯނާވައިރަހުގެ ޕެންޑެމިކެއް މުޅި ދުނިޔެއަށް ކުރިމަތި ވެފައިވާ މި ދަނޑިވަޅުގައި ކޮންމެ މީހަކު ވެސް ސެނިޓައިޒާގެ ބޭނުން ކުރެ އެވެ. ނަމަވެސް ރައްކާތެރި ކަމާއެކު އެ ބޭނުން ކުރަން ޖެހޭ ކަމެއް މާ ގިނަ ބަޔަކަށް އެނގޭ ކަމަކަށް ނުވެ އެވެ. ސެނިޓައިޒާއާ ގުޅޭ ގިނަ އެކްސިޑެންޓްތަކެއްގެ ވާހަކަ މި ފަހަކަށް އައިސް އިވެނީ މީގެ ނުރައްކަލާ ގުޅޭ މައުލޫމާތު އެނގިފައިވާލެއް މަދުކަމުންނެވެ.
ދާދިފަހުން ސޯޝަލް މީޑިއާގައި ދައުރުވީ ވީޑިއޯއެއްގައި ފެންނަނީ ގައިން ހީބިހި ނަގާ ވަރުގެ ބިރުވެރި މަންޒަރެކެވެ. ދުއްވަމުންދިޔަ ކާރެއްގައި ކުއްލިއަކަށް ވަރަށް ބޮޑަށް އަލިފާން ހިފާ މަންޒަރެވެ. ރޯވި ސަބަބެއް ކަމަށް ވަނީ ޑްރައިވަރު ސިނގިރޭޓް ރޯކޮށްގެން އިނދެ ކާރު ދުއްވަމުން އަތުގައި ސެނިޓައިޒާ ހާކައިގެންނެވެ.
މިއީ އެމެރިކާގެ މޭރީލޭންޑް، ރޮކްވީލްގައި ހިނގި ހާދިސާ އެކެވެ. ވެހިކަލްގައި އަލިފާން ރޯވިލެއް ގަދަކަމުން އަލުން ބޭނުން ނުކުރެވޭ ވަރަށް އެ ވެހިކަލް ވަނީ ހަލާކުވެފަ އެވެ.
މި ޚަބަރު ޝެއާ ކުރީ އެ ސަރަހައްދުގެ ފަޔާ އެންޑް ރެސްކިއު ސާވިސް ޗީފް ސްޕޯކްސްޕާސަން ޕީޓާ ޕިރިންގާ އެވެ. މިދިޔަ މޭ މަހުގެ 14 ވަނަ ދުވަހު ހިނގި މި އެކްސިޑެންޓުގެ ތަފްސީލު ޕިރިންގާ ކުރި ޓުވީޓެއްގައި ވަނީ ދީފަ އެވެ.
މި ހާދިސާގައި ޑްރައިވަރުގެ ގައިގެ ތަންތަން ފިހުނުނަމަވެސް ފުރާނައަށް ނުރައްކާ ވާވަރަކަށް ނުފިހެ އެވެ. އޮފިޝަލުން ބުނި ގޮތުގައި މި ހާދިސާގެ ޚަބަރު ފަޔާ އެންޑް ރެސްކިއު އަށް ދިނީ އެ މަންޒަރު ފެނުނު މީހެކެވެ. މި ހާދިސާގައި ޑްރައިވަރުގެ އަތާއި ފައިގެ ފަލަމަސްގަނޑު ވަނީ ފިހިފައެވެ.
ޕިރިންގާ ބުނި ގޮތުގައި ހާދިސާ ހިނގީ ސިނގިރޭޓް ރޯކޮށްގެން އިނދެ ސެނިޓައިޒާ ހާކައިގެންނެވެ. މިއީ ބަންދުވެފައިވާ ކާރެއްގެ ތެރޭގައި ކުރަން ހެޔޮވާވަރު ކަމެއް ނޫންކަމަށް އޭނާ ބުންޏެވެ.
"ޑްރައިވަރު ނުކުތީ ފިހާރައަކުން. ނުކުމެ އަތުގައި ވަރަށް ގިނަ އަދަދެއްގެ ސެނިޓައިޒާ ހާކައިގެން ފުޅި އަތުން ހިފައިގެން ގޮސް ކާރަށް އަރާ އިށީނދެފައި ސިނގިރޭޓް ރޯކުރީ. އެ ވަގުތު އޭނާގެ އަތުގައި އޮތް ސެނިޓައިޒާ ފުޅީގަޔާއި ގަމީހުގައި ރޯވީ. އެއަށްފަހު ކާރުގައި ރޯވީ،" ޕިރިންގާ ބުންޏެވެ.