ލައިފްސްޓައިލް

އަމިއްލަ ގޭގައި ރޯކޮށްލައި މަންޒަރު ބަލަން!

އެމެރިކާގެ މޭރީލޭންޑްގައި ވަރަށް ފަހުން ވަރަށް އާދަޔާޚިލާފު އަލިފާނުގެ ހާދިސާއެއް ހިނގާފައި ވެއެވެ. މިއީ އަންހެނަކު އޭނާގެ އަމިއްލަ ގޭގައި ހުޅު ޖެހުމުން ހިނގި އަލިފާނުގެ ހާދިސާ އެކެވެ. ގޭގައި ރޯކޮށްލާފައި ގޮސް މި މީހާ ގޭގެ ހުސް ތަނުގައި މި މަންޒަރު ބަލަން ހަމަޖެހިލައިގެން އިންދާ ބައެއް މީހުން ވަނީ ވީޑިއޯކޮށް ފޮޓޯ ނަގާފަ އެވެ. މި މީހާ ގޭގައި ރޯކޮށްލިއިރު އެ ގޭގައި ދިރިއުޅޭ މީހަކު ވެސް ގޭގައި އުޅެ އެވެ.

މޭރީލޭންޑް ފުލުހުން ބުނި ގޮތުގައި އަމިއްލަ ގޭގައި ރޯކޮށްލިކަމަށް ޝައްކު ކުރެވެނީ ގެއިލް މެޓްވެލީ ކިޔާ 47 އަހަރުގެ އަންހެނެކެވެ.

މޭރީލޭންޑް ސްޓޭޓް ފަޔާ މާޝަލް އިން ބުނި ގޮތުގައި މިދިޔަ އެޕްރީލް 29 ވަނަ ދުވަހު ހިނގި މި ހާދިސާގައި މި އަންހެންމީހާ އޭނާގެ ގޭގެ އެކި ތަންތަނުގައި ހުޅު ޖަހަނިކޮށް ވަރަށް ގިނަ ބަޔަކަށް ފެނިގެން ހެކިބަސް ދީފައި ވެއެވެ. އަދި ގެ އަނދަމުން ދިޔައިރު ގޯތިތެރޭގައި ހުރި ގޮނޑީއެއްގައި ވަރަށް ހަމަޖެހިލައިގެން އަންހެންމީހާ އެ މަންޒަރު ބަލަން އިން ކަމަށް ވެސް ބައެއް މީހުން ހެކިބަސް ދީފައި ވެއެވެ.

އެންބީސީ ނިއުސްގައިވާ މި ރިޕޯޓު ބުނާ ގޮތުގައި މި ހާދިސާގެ އިރުކޮޅެއް ފަހުން މޭރީލޭންޑް ފުލުހުން ވަނީ މެޓްވެލީ ހައްޔަރުކޮށްފަ އެވެ. އަމިއްލަ ގޭގައި ހުޅުޖެހުމުގެ ކުށުގެ އިތުރުން މީހަކު މަރާލަން ގަސްތުގައި އުޅުމުގެ ދައުވާ ވެސް އަންހެންމީހާގެ މައްޗަށް އުފުލަން ވަނީ ހަމަޖެހިފަ އެވެ.

މި މީހާ ހަމަޖެހިލައިގެން ގެ އަނދަމުންދާތަން ބަލަން އިން މަންޒަރުގެ ވީޑީއޯތައް އިންޓަނެޓުގައި މިހާރު ދަނީ ދައުރުވަމުންނެވެ. ބެލެވޭ ގޮތުގައި ގޭގައި ރޯކޮށްލާފައި ގޮސް އެމީހާ އިންނަނީ ފޮތެއް ކިޔާށެވެ.

އަލިފާނުގެ ސަބަބުން ގޭތެރޭގައި ތާށިވެފައިހުރި މީހާ ސަލާމަތްކުރީ އަލިފާން ރޯވެފައި ހުއްޓާ ފެނިގެން އެތަނަށް އެއްވި ބައެއް މީހުންގެ މަސައްކަތުންނެވެ.

އެމެރިކާގެ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި މި ގޭގައި ހަތަރު މީހަކު ދިރިއުޅެ އެވެ. އެއީ މެޓްވެލީ އާއި އިތުރު ތިން މީހެކެވެ. މެޓްވެލީ އާއި ގޭގައި ދިރިއުޅޭ އެހެން އަންހެނަކާއި ފިރިހެނަކާ ދެމެދު ޒުވާބެއް ހިނގާފައި ވެއެވެ. ނަމަވެސް ގޭގައި ރޯކޮށްލި ވަގުތު އެ ދެމީހުންނެއް ގެއަކު ނެތެވެ.