ލައިފްސްޓައިލް

އަނދަމުންދިޔަ ފެރީއެއް ތެރޭ ދިރިހުރި މީހެއް!

ގްރީކްގެ ގޮނޑުދޮށުގައި އޮތް ފެރީއެއްގައި ރޯވެ އަނދަމުން ދާތާ ތިން ދުވަސްފަހުން އޭގެ ތެރެއިން ދިރިހުރި މީހަކު ފެނިއްޖެ އެވެ. އެމީހާ ފެރީގެ ޑެކް މައްޗަށް އެރީ އަމިއްލައަށެވެ. އެމީހާއަށް ބޯޓުން އަލިފާން ނިއްވަން މަސައްކަތްކުރަން ތިބި މީހުން ފެނުމާއެކު ބުނެވުނީ އެންމެ ޖުމްލަ އެކެވެ. "އަހަރެން މަރެއް ނުވެއޭ ބުނެބަލާށޭ" އެވެ.

ކޯސްޓް ގާޑުން ބުނި ގޮތުގައި އެމީހާއަށް އެ ފެރީގެ ތެރޭގައި ތިން ދުވަސްވަންދެން ސަލާމަތުން ހުރެވުނު ގޮތަށް އިތުރު ބަޔަކު ވެސް މަރުނުވެ ތިބެދާނެކަމުގެ އުންމީދު އެބައޮތެވެ.

މި ފެރީގައި އަލިފާން ރޯވީ ހުކުރު ދުވަހުގެ ފަތިހުގެ ވަގުތެއްގަ އެވެ. އޭރު ބޯޓު އޮތީ އިޓަލީގެ ރަށަކަށް ފުރަން ތައްޔާރުވެފަ އެވެ.

މި ބޯޓުގައި ރޯވިއިރު ދުނިޔޭގެ އެކި ގައުމުތަކުގެ 239 ފަސިންޖަރުން ފެރީގައި ތިއްބެވެ. އަދި 51 ކުރޫ މެންބަރުން ވެސް ތިއްބެވެ.

ބޯޓުން ގެންދަން އަރުވާފައިވާ ތަކެތީގެ ތެރޭގައި 153 ކޮމާޝަލް ވެހިކަލް އާއި 32 ޕެސެންޖާ ވެހިކަލް ހިމެނެ އެވެ.

ބޯޓުގައި ރޯވުނުމުން 280 އަށް ވުރެ ގިނަ މީހުން ސަލާމަތް ކުރިއިރު 10 މީހުންނަށް ވީނުވީ ގޮތެއް އޮތީ ނޭނގި ފައެވެ. އެންމެން ވެސް ގަބޫލުކޮށްގެން ތިބީ ތިން ދުވަސްވަންދެން އަލިފާން ކޮންޓްރޯލް ނުކުރެވި އަނދަމުން ދިއުމުން ގެއްލިފައިވާ އެންމެން ތިބޭނީ މަރުވެފައިކަމަށެވެ. ނަމަވެސް ކުއްލިއަކަށް އޭގެ ތެރެއިން ދިރިހުރި މީހަކު ނުކުތުމުން އެންމެންނަށް ލިބުނު އުފަލާއި ހައިރާންކަން ވަރަށް ބޮޑުވި އެވެ.