އޮސްޓްރޭލިއާގެ ޕާތުގެ ސެންޓް ޖޯން އޮފް ގޯޑް ސުބިއާކޯ ހޮސްޕިޓަލުގެ އޮޕަރޭޝަން ތިއޭޓަރެއްގައި ރޯވެ، ސާޖަރީއެއް ހަދަން ހޭނައްތާފައި އޮޕަރޭޝަން ކުރާ މޭޒެއް މަތީ ބާއްވާފައި އޮތް ބަލި މީހަކު ވަރަށް ބޮޑަށް ފިހިއްޖެ އެވެ.
ތިއޭޓަރުގައި އަލިފާން ރޯވަން މެދުވެރިވީ ސަބަބެއް އެކަކަށް ވެސް ނޭނގެ އެވެ. މިކަން ހިނގައިދިޔަ ގޮތް ބަލަމުންދާ ކަމަށް ހޮސްޕިޓަލުގެ ވެރިން ބުނެފައިވެ އެވެ.
ހަމުގެ ސާޖަރީއެއް ހަދަން ހޭނެއްތި މީހާ މިހާރު ވަނީ އެހެން ހޮސްޕިޓަލަކަށް ބަދަލުކޮށްފަ އެވެ. އަދި އޭނާގެ ހަށިގަނޑުން ބޮޑު ބައެއް ފިހިފައިވާތީ މިހާރު ޖެހިފައިވަނީ އިހަށް އެތަންތަނަށް ފަރުވާ ދޭށެވެ.
ސުބިއާކޯ ހޮސްޕިޓަލުގެ އިސް ވެރިޔާ ވިދާޅުވީ ޓާޝަރީ ހޮސްޕިޓަލަކަށް އެމީހާ ބަދަލުކުރަން ޖެހުނީ ފިހޭ ތަންތަނަށް ފަރުވާދޭ ވަރަށް މޮޅު ސްޕެޝަލިސްޓުން އެ ހޮސްޕިޓަލުގައި ތިބީމަ ކަމަށެވެ.
ކުއްލިއަކަށް މި ދިމާވި ކަންތަކުގެ ސަބަބުން ބަލި މީހާގެ އާއިލާއަށް ވަނީ ބޮޑު ޝޮކެއް ލިބިފަ އެވެ. މިކަން ހިނގައި ދިޔަ ގޮތް ބަލައި ކުށްވެރިވާ މީހުންނަށް ހައްގު އަދަބުދިނުމަށް އެމީހުން ވަނީ އިލްތިމާސް ކޮށްފަ އެވެ.