ބަނޑުގައި ރިހޭތީ ހަދާނެ ގޮތެއް ނެތިގެން އަންހެނަކު 11 އަހަރު ވަންދެން އުޅުނުފަހުން އޭނާއަށް މި މައްސަލަ ދިމާވާ ހަގީގީ ސަބަބު ދެނެގަނެވިއްޖެ އެވެ. އަދި މި ސަބަބު އެނގުމުން އެމީހާއަށް ވަނީ ބޮޑު ޝޮކެއް ލިބިފަ އެވެ. ސަބަބަކީ އޭނާގެ ބަނޑުގައި އެވަރަށް އެހާ ގިނަ ދުވަހު ރިހުނީ މީގެ 11 އަހަރު ކުރިން އޭނާ ހެދި ސާޖަރީ އަކަށްފަހު ބަނޑުތެރެއަށް ތިނޯހަކާއި ރޮދިގަނޑެއް ދޫވެފައި އޮވެގެންކަން އެނގުނީމަ އެވެ.
މާރިއާ އަޑަލިންޑާ ފޯރެރޯ ނުވިހާ ގޮތް ހަދަން ސާޖަރީއެއް މީގެ 11 އަހަރު ކުރިން ހެދީ ހަތަރު ވަނަ ދަރިފުޅު ވިހެއުމަށް ފަހުގަ އެވެ. އެ ފަހަރު 39 އަހަރުގެ މި އަންހެންމީހާ ނުވިހާ ގޮތް ހަދަން ސާޖަރީ ހެދީ އިތުރަށް ބަލިވެ އިންނަން ބޭނުން ނުވާތީ އެވެ. ނަމަވެސް 2012ގައި ހެދި މި ސާޖަރީގައި ބޭނުންކުރި ތިނޯހާއި ރޮއްޖެއްގެ ބައެއް އޮތީ ދިމާވި އެކްސިޑެންޓަކުން އަންހެން މީހާގެ ބަނޑުތެރޭގައި ނުނެގި އެވެ.
ނުވިހާގޮތް ހަދަން ހެދި ޓިއުބަލް ލައިގޭޝަން ޕްރޮސީޖާ އަށް ފަހު މާ ގިނަ ދުވަހެއް ނުވެ އަންހެންމީހާގެ ބަނޑުގައި ވަރަށް ގަދަޔަށް ރިހެން ފެށި ނަމަވެސް މިއީ ސާޖަރީއާ ގުޅިގެން ދިމާވި ކަމެއް ކަމެއް އަންހެންމީހާއަކަށް ނުވިސްނުނެވެ.
މި ތަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން ގޮސް ތަދުކަނޑުވާ ވަރަށް ބާރުގަދަ ބޭސް ބޭނުންކޮށްގެން ނޫނީ ދިރިނޫޅެވޭ ވަރަށް އަންހެންމީހާގެ ހާލަތު ދިޔަ އެވެ. އެހެންވެ ޑޮކްޓަރުން އެންމެ ބާރުގަދަ ޕެއިންކިލާ ލިޔެދޭން ފެށި އެވެ.
ކޮލަމްބިއާގެ މެޑަލިންގެ ކައިރީގައި އޮންނަ ސެން އިސިޑްރޯ ކިޔާ ރަށްފުށުގެ ހިސާބުގަނޑެއްގައި އޮންނަ ވަށެއްގައި ދިރިއުޅޭ މާރިއާގެ ބަނޑުގެ ރިހުން ފަހުން ފަހުން ބޮޑުވެގެން ގޮސް އޭނާއަށް ނިދަން ވެސް އުނދަގޫވި އެވެ. އަދި އޮށޯވެ އޮވެ އެއް ފުށުން އަނެއް ފުށަށް ޖެހިލުމަކީ ވެސް ބޮޑު ވޭނަކަށް ވިއެވެ. މިކަމުގެ ސަބަބުން އެއް ވަޒީފާއެއްގައި މާ ގިނަ ދުވަހު ނޫޅެވި ވަޒީފާތައް ގެއްލުނެވެ.
މާރިއާ ބުނި ގޮތުގައި ފިރިމީހާގެ މޮޓޯސައިކަލުގައި އޭނާއަށް މާ ދުރު ޓައުނެއްގައި ހުންނަ ހޮސްޕިޓަލަކަށް ޑޮކްޓަރަށް ދައްކަން އަބަދު އަބަދު ދާން ޖެހުނެވެ.
އެންމެ ފަހުން އަލްޓްރާސައުންޑް އާއި އެމްއާރްއައި ހަދައިގެން މާރިއާ އަށް މި ވާ ގޮތެއް ދެނެގަންނަން ޑޮކްޓަރަކު ބޭނުންވި އެވެ. މާރިއާގެ މައްސަލަ ދެނެގަނެވުނީ މި ރިޕޯޓުތަކުގެ ނަތީޖާ ލިބުމުންނެވެ.
މި ނަތީޖާ ބަލާފައި މާރިއާ އަށް ފަރުވާ ދޭ ޑޮކްޓަރުންނާއި އަދި ޚުދް އޭނާއަށް ވެސް ލިބުނީ ބޮޑު ޝޮކެކެވެ. މާރިއާގެ ހަޔާތުގެ 4،000 ވަރަކަށް ދުވަސް ގަދަ ވޭނުގައި ހޭދަކުރަން ޖެހުނީ ބަނޑުގައި ތިނޯހަކާއި ރޮދިގަނޑެއް އޮވެގެން ކަން އެނގުނީމަ އެވެ.