ކެނެރީފް ރިސޯޓް މޯލްޑިވްސް

ކެނަރީފް ރިސޯޓުގެ ވަޒީފާތަކަށް މީހުން ހޯދަނީ

Nov 20, 2021

އައްޑޫ ސިޓގައި ހިންގާ ކެނަރީފް ރިސޯޓު އަލުން ހުޅުވުމަށްޓަކައި ވަޒީފާތަކަށް މީހުން ހޯދަން އިއުލާންކޮށްފި އެވެ.

ކެނަރީފް ރިސޯޓުން މީހުން ހޯދަނީ ހައުސްކީޕިން، ފްރޮންޓް އޮފީސް، ފިނޭންސް ޑިޕާޓްމަންޓްގެ ވަޒީފާތަކަށާއި އިންޖިނިއަރިންގެ ވަޒީފާތަކުގެ އިތުރުން އެފްއެންބީ އާއި، ކިޗަން އަދި ސެކިއުރިޓީ ޓީމުގެ ވަޒީފާތަކަށެވެ.

އިއުލާންކޮށްފައިވާ ވަޒީފާތަކުގައި ގިނަ ވެގެން ދެ އަހަރު މަސައްކަތް ކޮށްފައިވާނަމަ ޝަރުތު ހަމަވާނެ ކަމަށް ކަނޑައަޅާފައިވެ އެވެ. ވަޒީފާ ތަކަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ މިމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށެވެ.

ކޮވިޑް 19 އާއި ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ވަކިން ހާއްސަކޮށް ފަތުރުވެރިކަމުގެ ދާއިރާ އަށް ލިބުނު މާލީ ބޮޑެތި ގެއްލުންތަކާ ގުޅިގެން ކެނަރީފް ރިސޯޓް ބަންދުކުރީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ.

އެކަމާ ގުޅިގެން އެ ރިސޯޓުގައި މަސައްކަތް ކުރަމުން ދިޔަ 200 އެއްހާ މުވައްޒަފުންގެ ވަޒީފާ ގެއްލި އައްޑޫގެ އިގްތިސާދަށް ވެސް އަސަރުތަކެއް ކޮށްފައިވެ އެވެ.

ކެނަރީފް ރިސޯޓުގެ ވަޒީފާތަކަށް މީހުން ހޯދުމަށް އިއުލާންކޮށްފައި މިވަނީ ކުރިއަށް އޮތް ޑިސެމްބަރު މަހު އެ ރިސޯޓު ހުޅުވާނެ ކަމަށް އައްޑޫގެ މޭޔަރު އަލީ ނިޒާރު މިދިޔަ އޮކްޓޫބަރު މަހު ވިދާޅުވެފައި ވަނިކޮށެވެ.

ހުޅުދު އާއި މީދޫ ކައިރީގައި އޮންނަ ކެނަރީފް ރިސޯޓަކީ އައްޑޫގައި އެންމެ ފުރަތަމަ ހުޅުވި ރިސޯޓެވެ. އެ ރިސޯޓު ހުޅުވީ 2007 ވަނަ އަހަރު އެވެ.

އައްޑޫގައި ހުޅުވި ދެވަނަ ރިސޯޓު، ޝަންގްރިއްލާ ވިލިގިލި ރިސޯޓް އެންޑް ސްޕާ ވެސް އޮތީ ކޮވިޑާ ގުޅިގެން ބަންދުކުރި ގޮތަށް އަދިވެސް ބަންދުކޮށްފަ އެވެ.

އައްޑޫގައި ސައުތު ޕާމްގެ ނަމުގައި ވެސް ރިސޯޓެއް ހިންގަމުންދާއިރު ހެރެތެރައާއި ކެނަރީފް ހުޅުވުން ލަސްވަމުންދާތީ އައްޑޫ ރައްޔިތުން ގެންދަނީ ކެނޑިނޭޅި ކަންބޮޑުވުން ފާޅުކުރަމުންނެވެ.