ކެނެރީފް ރިސޯޓް މޯލްޑިވްސް

ކެނަރީފް ރިސޯޓު ޑިސެމްބަރުގައި ހުޅުވަނީ

Oct 28, 2021

ކޮވިޑްގެ ދުވަސްވަރު މިދިޔަ އަހަރު ބަންދުކުރި ކެނަރީފް ރިސޯޓް މިއަހަރުގެ ޑިސެމްބަރު މަހު ހުޅުވުމަށް ތައްޔާރުވެއްޖެ އެވެ.

އައްޑޫގައި ހިންގާ ކެނަރީފް ހުޅުވަން ތައްޔާރުވަމުންދާ ކަމަށް ހާމަކުރީ އައްޑޫ ސިޓީގެ ކައުންސިލަރުން ކެނެރީފަށް ވަޑައިގެން ރިސޯޓުގެ މެނޭޖްމަންޓުގެ ބޭފުޅުންނާ އެކު ބޭއްވި ބައްދަލުކުރެއްވުމަށްފަހު ސިޓީ ކައުންސިލުން ކުރި ޓްވީޓެއްގަ އެވެ.

ކައުންސިލަރުން ކެނަރީފަށް ކުރެއްވި ޒިޔާރާތުގައި ރިސޯޓު ހުޅުވުމަށް ކުރާ މަސައްކަތްތައް ވަނީ ބައްލަވާލައްވާފަ އެވެ. ރިޒޯޓް މެނޭޖްމަންޓާއި ބައްދަލުކުރައްވާ މިވަގުތު އެތަނުގައި ކުރަމުންދާ މަސައްކަތާއި ގުޅޭގޮތުން މަޝްވަރާ ވެސް ކުރެއްވި އެވެ.

"މިބައްދަލުވުމުގައި ހެރެތެރޭގެ މެނޭޖްމަންޓުން ވަނީ ޑިސެމްބަރ މަހުގެ ފަހުކޮޅަށް ރިސޯޓް ހުޅުވޭނެ ކަމުގެ ޔަޤީންކަން ކައުންސިލަށް އަރުވާފަ،" ކައުންސިލުން ބުނެފައިވެ އެވެ.

މިބައްދަލުވުމުގައި މޭޔަރު އަލީ ނިޒާރު ވަނީ މިވަގުތަށް ބޭނުންވާ މުވައްޒަފުން ހޯދުމަށާއި، ރިސޯޓް އަވަހަށް އޮޕަރޭޝަނަށް ގެނައުމަށް ބޭނުންވާ އެހީތެެރިކަން ކައުންސިލުން ފޯރުކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

ހުޅުދު އާއި މީދޫ ކައިރީގައި އޮންނަ ކެނަރީފް ރިސޯޓަކީ އައްޑޫގައި އެންމެ ފުރަތަމަ ހުޅުވި ރިސޯޓެވެ. ހެރެތެރައިގެ ނަމުގައި 2007 ވަނަ އަހަރު ހުޅުވި ރިސޯޓު ބަންދުކުރީ މިދިޔަ އަހަރުގެ ޖޫންގަ އެވެ.

އައްޑޫގައި ހިންގާ ދެވަނަ ރިސޯޓު، ޝަންގްރިއްލާ ވިލިގިލި ރިސޯޓް އެންޑް ސްޕާ ވެސް އޮތީ ކޮވިޑާ ގުޅިގެން ބަންދުކުރި ގޮތަށް އަދިވެސް ބަންދުކޮށްފަ އެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވެސް ދާދި ފަހުން އައްޑޫއަށް ވަޑައިގެން އެ ދެ ރިސޯޓު ހުޅުވުމަށްޓަކައި އެތަންތަނުގެ ވެރިންނާ މަޝްވަރާ ކުރެއްވި އެވެ.

އައްޑޫގައި ސައުތު ޕާމްގެ ނަމުގައި ވެސް ރިސޯޓެއް ހިންގަމުންދާއިރު ހެރެތެރައާއި ކެނަރީފް ހުޅުވުން ލަސްވަމުންދާތީ އައްޑޫ ރައްޔިތުން ގެންދަނީ ކެނޑިނޭޅި ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މިއަހަރުގެ ފަތުރުވެރިކަމުގެ ދުވަސް ވެސް އައްޑޫގައި ކުރިން ބާއްވަން ހަމަޖެއްސުމަށްފަހު އެ ހަރަކާތްތައް ވެސް ފަހުން ވަނީ ކެންސަލް ކޮށްފަ އެވެ.