ހއ. ހޯރަފުށީގައި އެޅުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލުގެ މަސައްކަތް އަވަހަށް ފެށުން އެއީ މުހިންމު ކަމެއް ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.
ހޯރަފުށި ކައުންސިލުން އެހެން ބުނެފައި ވަނީ އިއްޔެ ނައިބް ރައީސް ފައިސަލް ނަމީސާއި ބައްދަލުކުރައްވަ އެވެ. އެ ބައްދަލުވުން ބާއްވާފައިވަނީ ހޯރަފުށީ ކައުންސިލުގެ އިދާރާގަ އެވެ. ބައްދަލުވުމުގައި ކައުންސިލާއި މުއައްސަސާތަކުގެ ވެރިން ވަނީ ރަށުގެ ތަރައްގީއަށް އެންމެ މުހިންމު ކަންކަން ފާހަގަކޮށްފަ އެވެ.
އެގޮތުން ކައުންސިލަރުން ވަނީ ބަޖެޓުގައި ހިމަނާފައިވާ މަޝްރޫއުތަކުގެ މަސައްކަތްތައް އަވަހަށް ފެށިގެންދިއުމަށް ބޭނުންވާކަމަށް ވިދާޅުވެފަ އެވެ. ހާއްސަކޮށް އެރަށުގައި އެޅުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލުގެ މަސައްކަތް އަވަހަށް ފެށޭނެގޮތްވުން މުހިންމުކަމަށް ފާހަގަކުރި އެވެ.
ހޯރަފުށީ ސިއްހީ މަރުކަޒުގެ ފަރާތުން ވާހަކަދެއްކި ބޭފުޅުންވަނީ އެތަނުގެ ހިދުމަތްދިނުމުގައި އެންމެ ދަތިވާ މައްސަލަތަކާއި މިހާރުން މިހާރަށް ހައްލުކުރަންޖެހޭ މައްސަލަތަކުގެ ވާހަކަ ނައިބް ރައީސްގެ އަރިހުގައި ދަންނަވާފަ އެވެ. މީގެ އިތުރުން ހއ. އަތޮޅު ސްކޫލުގެ ފަރާތުން ވެސް ވަނީ ސްކޫލަށް އުމްރާނީގޮތުންނާއި އިންސާނީ ވަސީލަތުގެ ގޮތުން ބޭނުންވާ މުހިންމުކަންކަން ހިއްސާކޮށްފަ އެވެ.
ބައްދަލުވުމުގައި ނައިބު ރައީސް ވަނީ މުއައްސަސާތަކުން ލާމަރުކަޒީކޮށް ކަންކަން ކުރަން މަގުފަހިކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވާނެކަމަށް ވިދާޅުވެފަ އެވެ. އަދި ކައުންސިލާއި ރަށުގެ މުއައްސަސާތަކުގެ ވެރިންނާއެކު ބައްދަލުކުރެއްވުމުގެ އެންމެބޮޑު ބޭނުންފުޅަކީވެސް ރައްޔިތުން ބޭނުންވާ ކަންކަމަކީ ކޮބައިތޯ ބައްލައި ހިދުމަތްތައް ހަރުދަނާކުރުމަށް މަގު ފަހިކުރުންކަމުގައި ވިދާޅުވި އެވެ.