ޗައިނާގެ ޓެނިސް ތަރި ޕޮން ޝުއާއޭއަށް ވިނުވީ ގޮތެއް ނޭނގި ގެއްލިފައި ވަނިކޮށް އޭނާ ފޮނުވި އީމެއިލެއް ކަމަށް ބުނާ ލިޔުމެއް ވަނީ އާންމުވެފަ އެވެ. މި ލިޔުމާ ގުޅިގެން އެމެރިކާއިން ބުނީ ކުޅުންތެރިޔާ ވީތަނެއް ޗައިނާއަށް އެނގޭނެ ކަމަށާއި ބުނެދޭން ޖެހޭ ކަމަށެވެ.
ޕޮން ޝުއާއޭ ގެއްލިފައި ވަނީ ޗައިނާގެ މަތީ ފަންތީގެ އޮފިޝަލަކާ ގުޅޭ ގޮތުން އޭނާ ކުރި ޝަކުވާތަކަކަށް ފަހު އެވެ. އޭނާ ބުނެފައިވާ ގޮތުން އޮފިޝަލާއެކު ގާތް ގުޅުމަކަށް ދައުވަތު ލިބުނެވެ. އަދި އޮފިޝަލްގެ ފަރާތުން ޖިންސީ އަނިޔާ ލިބިފައި ވެއެވެ.
ވައިޓް ހައުސްގެ ތަރުޖަމާން ޖެން ސާކީ ވިދާޅުވި ގޮތުގައި ބައިޑަން ސަރުކާރުން ޝުއާއޭއާ މެދު ކަންބޮޑުވެ އެވެ. އޭނާ ވީތަނެއް ނޭނގި ގެއްލުމަކީ ކުޅުންތެރިންނަށް އޮތް ބިރުވެރި ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.
ޗައިނާއަށް ފާޑު ކިޔުމަކީ އެމީހުން ގަބޫލުކުރާ ކަމެއް ނޫން ކަމަށް ވެސް ޖެން ސާކީ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ތާރީހުން ދައްކަނީ ޗައިނާގައި މީހަކު ފާޑުކިޔައިފި ނަމަ އެމީހަކަށް ވާގޮތް އެމީހަކަށް ވެސް ނޭނގޭ ކަމެވެ.
ޕޮން ޝުއާއޭއާ ބެހޭ ގޮތުން ގިނަ ބަޔަކު ގަބޫލު ކުރަނީ އޭނާ ދުނިޔޭގައި ހުރި ނަމަ ހުރީ ޗައިނާގެ ބާރުގަދަ ނުފޫޒެއްގެ ދަށުގައި ކަމަށެވެ. އެނޫން ގޮތެއް ގައި އޭނާ ދުނިޔާގައި ނެތީ އެވެ.
ޗައިނާ ގްލޯބަލް ޓެލެވިޒަން ނެޓްވޯކް (ސީޖީޓީއެން) އިން އީމެއިލްއެއް އާންމުކޮށް އެއީ ޝުއާއޭ ފޮނުވާފައި އޮތް އީމެއިލެއް ކަމަށް ދައްކަން ވަނީ މަސައްކަތް ކޮށްފަ އެވެ. ކުޅުންތެރިޔާއާ ބެހޭ ގޮތުން މިހާރު އަޑުގަދަވެގެން އުޅެނީ ވެސް މިއީމެއިލްގެ ސަބަބުންނެވެ.
ކުޅުންތެރިޔާގެ ސަޕޯޓަރުން ބުނާ ގޮތުން އެ އީމެއިލަކީ އޭނާގެ ބަޔާން ކުރުމެއް ނޫނެވެ. އީމެއިލްގެ އިބާރާތްތަކުގައި އޭނާއާ ބީރައްޓެހި ފަލުޒު ހުރި ކަމަށް ވެސް ވަނީ ބުނެފަ އެވެ. އަދި އެލިޔުމަކީ ޝުއާއޭގެ ނަމުގައި ކޮންމެވެސް ބަޔަކު އުފައްދާފައި އޮތް ލިޔުމެއް ކަމަށް ވެސް ވަނީ ބުނެފަ އެވެ.