ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ހާފިޒުކަން ކިޔަވާ ދަރިވަރުންގެ ހަރަދު ސަރުކާރުން ދެނީ

ހާފިޒުކަން ކިޔަވަން ބޭނުންވާ ދަތިވަރުންނަށް އަމިއްލަ ރަށުން ބޭރުގައި ކިޔަވާނަމަ ކޯސް ފުރިހަމަކުރުމަށް ބޭނުންވާ ދިރިއުޅުމުގެ ހަރަދުތައް ސަރުކާރުން ހަމަޖައްސައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ކީރިތި ގުރްއާނާބެހޭ ގައުމީ މަރުކަޒުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާ ދެއްކެވި ވާހަފުޅުގައެވެ.

ރައީސް ވިދާޅުވީ ގުރްއާނުގެ އިލްމު ރާއްޖޭގައި މިހާރަށްވުރެ ބޮޑަށް ފެތުރުމަށް މި ސަރުކާރުން ހާއްސަ އިސްކަމެއް ދޭނެ ކަމަށެވެ. އެ ގޮތުން ހާފިޒުކަން ކިޔަވަން ބޭނުންވާ ދަތިވަރުންނަށް އަމިއްލަ ރަށުން ބޭރުގައި ކިޔަވާނަމަ ކޯސް ފުރިހަމަކުރުމަށް ބޭނުންވާ ދިރިއުޅުމުގެ ހަރަދުތައް ސަރުކާރުން ހަމަޖައްސައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"ކުރިންވެސް ދެންނެވި ފަދައިން ދީނީ އިލްމު، ގުރްއާނުގެ އިލްމު ރާއްޖޭގައި މިހާރަށްވުރެ ބޮޑަށް ފެތުރުމަށް މި ސަރުކާރުން އިސްކަންދޭނެ. ޖަޒީރާ ތަރައްގީގެ އެންމެ މައި ތަނބަކީ ރާއްޖޭގައި މިހާރަށްވުރެ ބޮޑަށް ދީނީ އިލްމު އުނގަންނައިދީ ފެތުރުން. މިގޮތުން މިހާރުވެސް އިތުރު ކަންތައްތަކެއް އަޅުގަނޑުމެން ކުރަމުން އެބަ ގެންދަން. މި އަންނަ އަހަރު ފެށިގެން އަންނައިރުގައި ހާފިޒުކަން ކިޔަވަން ބޭނުންވާ ދަރިވަރުންގެ ތެރެއިން އަމިއްލަ ރަށުން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ކޯސް ފުރިހަމަކުރުމަށް ބޭނުންވާ އެމީހުންގެ ދިރިއުޅުމުގެ ހަރަދުތައް އިރާދަކުރެއްވިއްޔާ ސަރުކާރުން ހަމަޖައްސައިދޭނަން،" ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ މުޖްތަަމައުގެ މަދު ބަޔަކު ގެންގުޅޭ ހަރުކަށި ފިކުރަކީ އިސްލާމީ ތަރުބަވީ އަހްލާގު ދަންނަ އެއްޗެއް ނޫން ކަމަށެވެ. އިސްލާމްދީނުން ފެންނަން އޮތީ އިޖުތިމާއީ އަދާލަތާއި ހަމަހަމަކަމާއި މެދުމިނުގެ އެންމެ މަތިވެރި އުސޫލުތައް ކަމަށެވެ. ބައިބައިވުމާއި ވަކިވަކިވުން ނޫން ކަމަށެވެ.

"އަޅުގަނޑުމެންގެ އިސްލާމް ޓީޗަރުން ވިދާޅުވާ ގޮތުން ކީރިތި ގުރްއާނުގެ އިލްމަކީ ވަރަށް ތަނަވަސް ދާއިރާއަކަށް ފެތުރިފައިވާ އެއްޗެއް. ނަމަވެސް އެ އިލްމުތަކުގެ ބޭނުން ހިފޭ ތަނެއް އަޅުގަނޑުމެންގެ ތެރެއަކުން ނުފެނޭ. އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ގުރްއާން ޓީޗަރުންނާއި ހާފިޒިންނާއި އިމާމުން އުފެއްދުމަށްވުރެ ކީރިތި ގުރްއާނާބެހޭ މަރުކަޒުގެ ދައުރު މާ ފުޅާވާންވެއްޖެ. އޭގެ ތެރެއިން އެންމެ މުހިންމު ކަމަކީ ކީރިތި ގުރްއާނުގެ އިލްމުތައް ފެތުރުން. ގުރްއާނުގެ އިލްމީ ކަންޒުން އަޅުގަނޑުމެންގެ ސިކުނޑިތައް މުއްސަނދިވެގެން ދާނީ ކީރިތި ގުރްއާނުގެ އިލްމީ ދިރާސާތައް ކޮށްގެން. މި ޒަމާނުގެ އިލްމީ ހޯދުންތައްވެސް ކީރިތި ގުރްއާނުގެ އިލްމީ ހަގީގަތްތަކުން އިތުރު ފުރިހަމަ ވެގެންދާނެކަން ޔަގީން. އެހެންވީމާ އަޅުގަނޑަށް ވިސްނޭ ގޮތުގައި މި މަރުކަޒުގެ ދައުރު މާބޮޑަށް އެބަ ފުޅާވާންޖެހޭ. ގުރްއާނާބެހޭ މަރުކަޒެއް ހުރުމުގެ ހަގީގީ ފައިދާ ލިބޭނީ އޭރުން،" އަޅާލުން ކުޑަވެފައިވާ ގުރުއާނާ ބެހޭ މަރުކަޒުގެ ދައުރާ ގުޅޭގޮތުން ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި މި ސަރުކާރުން ގުރުއާނާބެހޭ މަރުކަޒު މިހާރަށްވުރެ ފުޅާކޮށް ދީނީ އިލްމު ރާއްޖޭގައި ފެތުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއްގައި އެހީތެރިވެދޭނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.