އިމިގްރޭޝަން

ޕާސްޕޯޓަށް ބަދަލު ގެނެސް އެއާޕޯޓުގައި އީ-ގޭޓް ތައާރަފްކުރަނީ

  • އާ ޕާސްޕޯޓްގައި ބޭނުން ކުރަނީ ޕޮލި ކާބަން
  • ސެކިއުރިޓީ ވަރުގަދަވެ ހަލާކުވާލެއް ކުޑަވާނެ
  • އާ ޕާސްޕޯޓް އަންނަ މަހުގެ ފަހުކޮޅު ނެރޭނެ

ދިވެހި ޕާސްޕޯޓްގެ ސަލާމަތްތެރިކަން ވަރުގަދަ ކުރުމުގެ ގޮތުން ޕާސްޕޯޓަށް ބަދަލުތަކެއް ގެނެސް، މުޅިން އާ ޕާސްޕޯޓެއް ތައާރަފްކުރަން މޯލްޑިވްސް އިމިގްރޭޝަނުން ނިންމައިފި އެވެ. އަދި މީގެ އިތުރަށް އެއާޕޯޓްގައި ޕާސްޕޯޓް ޗެކް ކުރުމަށް އީގޭޓް ބެހެއްޓުމަށް ވެސް ވަނީ ނިންމައިފަ އެވެ.

އިމިގްރޭޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗީފް ޕްރިންސިޕަލް ހަސަން ޚަލީލް ވިދާޅުވީ، އަންނަ ޖެނުއަރީ މަހުގެ ފަހުކޮޅު، ޕޮލި-ކާބަން ބޭނުންކޮށްގެން އުފައްދާފައިވާ ޕާސްޕޯޓް ރާއްޖެއަށް ތައާރަފްކޮށް، ބޭނުންކުރަން ފަށާނެ ކަމަށާއި ޕާސްޕޯޓްގެ ފަރުމާއަށް ވެސް ކޮންމެވެސް ކަހަލަ ބަދަލުތަކެއް އަންނާނެ ކަމަށެވެ. ޕޮލި ކާބަން އަކީ ރަބަރު ވައްތަރެއްގެ މެޓީރިއަލްއަކުން ތައްޔާރު ކޮށްފައި ހުންނަ ސަލާމަތީ ގޮތުން ވަރުގަދަ އަދި ނަކަލު ކުރަން ވަރަށް އުނދަގޫ ޒާތެއްގެ ކަރުދާހެކެވެ. ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ޕާސްޕޯޓް ތައްޔާރު ކޮށްފައި ހުންނަނީ މި ޒާތުގެ ކަރުދާސް ބޭނުންކޮށްގެންނެވެ.

ޕޮލި-ކާބަން އަށް ޕާސްޕޯޓް މެޓީރިއަލް ބަދަލުކުރި ނަމަވެސް މިހާރުވެސް ޕާސްޕޯޓް ހައްދާ އަގުގައި ޕާސްޕޯޓް ހައްދައިދޭނެ ކަމަށް ހަލީލް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އާ ޕާސްޕޯޓު ޕޮލި-ކާބަން އިން ހަދަން ނިންމީ، ސެކިއުރިޓީ މިހާރަށް ވުރެ ވަރުގަދަކުރުމާ އެކު ރާއްޖޭގެ މާހައުލާ ގުޅޭ ޕާސް ޕޯޓެއް ތައާރަފްކުރުމަށް ކަމަށެވެ.

"ރާއްޖެއަކީ ވަށައި ކަނޑު އޮންނަ ގައުމެއް. ކަނޑު ދަތުރު ކުރާއިރު، ނޫނީ މޫސުން ގޯސްވެ ވާރޭ ވެހޭ ދުވަސްތަކުގައި ވެސް ފެނުގެ އަސަރުކޮށްގެންވެސް މިފަދަ ޕާސްޕޯޓު ހަލާކެއް ނުވާނެ. ހަމަ އެއާއެކު މިހާރުގެ ޕާސްޕޯޓުގައި ބޭނުންކޮށްފައި ހުންނަ ކަރުދާހަށްވުރެ ޕޮލި-ކާބަން ބޭނުންކުރުމުން ސެކިއުރިޓީ ވަރަށް ވަރުގަދަވާނެ،" ހަލީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އައު ޕާސްޕޯޓް ތައާރަފްކުރާއިރު، އެއާޕޯޓު ބޯޑިން ޕާސް އޭރިއާގައި އީ-ގޭޓް ނުވަތަ ސެލްފް ޗެކިންގެ ހިދުމަތް ތައާރަފްކުރާނެ ކަމަށެވެ. އަދި ފައިސާ ދެއްކުމަށްފަހު އަމިއްލައަށް ވަގުތުން ޕާސްޕޯޓް އައު ކުރާ މެޝިންތަކެއްވެސް އަންނަ އަހަރުގެ ތެރޭގައި ތައާރަފްކުރުމުގެ މަސައްކަތް ކުރާ ކަމަށްވެސް ހަލީލް ވިދާޅުވި އެވެ.