ރައީސް އަބްދުﷲ ޔާމީން

ރައީސްއަށް ތުހުމަތު ކުރާ ކޮރަޕްޝަންގެ ދެ މައްސަލައެއް އޭސީސީއަށް

Dec 8, 2015
2

ރައީސް އަބްދުﷲ ޔާމިން އާއި އެމަނިކުފާނުގެ އާއިލާގެ މައްޗަށް ތުހުމަތު ކުރާ ކޮރަޕްޝަންގެ ދެ މައްސަލައެއް އިދިކޮޅު އެމްޑީޕީ އިން މިއަދު އެންޓި ކޮރަޕްޝަން ކޮމިޝަން އޭސީސީއަށް ހުށަހަޅައިފި އެވެ.

ރައީސް އާއި ރައީސްގެ އާއިލާއިން އަދި މި ސަރުކާރުގައި ކޮރަޕްޝަނަށް މަގުފަހިވާ ގިނަ ކަންކަން ހުރި ކަމަށް ބުނެ، އޭސީސީއަށް އެމްޑީޕީން މިއަދު ހުށަހަޅާފައިވާ ތިން މައްސަލައަކީ ރައީސްގެ ދެކަނބަލުން އަމިއްލަ ފުޅު ހައިސިއްޔަތުން އެކަނިވެރި މައިންނަށް 1،000ރ. ގެ އެލަވަންސެއް ދެއްވާ މައްސަލަ އާއި ރައީސްގެ ދޮށީ ދަރިކަލުންނަށް ދައުލަތުގެ އިމާރާތަކުން ދެ ފްލެޓް ދިން މައްސަލައެކެވެ.

އަނެއް މައްސަލައެއްގެ ގޮތުގައި އެމްޑީޕީ އިން ހުށަހެޅީ، އައްޑޫއަށް ފެންބޮޑުވެ ގެއްލުންވި ރައްޔިތުންނަށް ސަރުކާރުން ފައިސާ ބެހުމުގައި މަޖިލީހުގެ ފޭދޫ މެންބަރު އިބްރާހިމް ދިދީ، އައިބީ ބައިވެރިވެ ވަޑައިގެންފައިވާ މައްސަލަ އެވެ.

އެމްޑީޕީން ބުނީ ސަރުކާރުން އެކަނިވެރި މައިންނަށް އިނާޔަތް ދެއްވަނިކޮށް، ރައީސްގެ ދެކަނބަލުންނަށް ހެޔޮ އެދޭ ފަރާތްތަކުން ދީފައިވާ އެހީ ކަމަށް ބުނެ، އަމިއްލަ ހައިސިއްޔަތުން ދެމުން އަންނަ އެލަވަންސްގެ ކަންކަން ހިންގަނީ އެހީގެ ގޮތުގައި ލިބޭ ފައިސާއަށް އަމަލު ކުރަން މާލިއްޔަތު ގާނޫނާ ބުނެފައިވާ ގޮތާ ހިލާފަށް ކަމަށެވެ. އަދި އެ ފައިސާ ބެހުމުގެ އިދާރީ ހުރިހާ ކަމެއް ސަރުކާރުގެ ބަޖެޓުން ހަރަދު ކުރާ މުލިއާގޭގައި ކުރުމަކީ ދައުލަތުގެ ވަސީލަތްތައް ނާޖާއިޒު ގޮތުގައި ބޭނުން ކުރުން ކަމަށް ދެކޭ ކަމަށް ވެސް އެ ޕާޓީ އިން ބުންޏެވެ.

ރައީސްގެ ދަރިކަލުންނަށް ދައުލަތުގެ ގެއެއް ކަމަށްވާ މ. މުރައިދޫ ގެއިން ދެ އެޕާޓްމަންޓް ކުއްޔަށް ދިނުމާއި، އެތަނުގެ ކުލި ނުދައްކައިގެން އެރި ޖޫރިމަނާ މާފުކޮށްދީފައި ވާތީ އެ މައްސަލައިގައި އެމްޑީޕީ އިން އޭސީސީގައި އެދިފައި ވަނީ އެ އެޕާޓްމަންޓް ރައީސްގެ ދަރިކަލަކަށް ދިން އުސޫލާއި އެ ފައިސާ މާފު ކުރުމަށް މީރާއަށް ފިނޭންސް މިނިސްޓަރު އެންގެވި އެންގެވުމަކީ މަގާމު ނުފޫޒު ބޭނުން ކޮށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުން ކަމަށް ބެލެވޭތީ އެވެ.

ފޭދޫ މެންބަރު އައިބީ ސަރުކާރުގެ އެހީގެ ފައިސާ ބެހުމުގައި ބައިވެރިވެފައި ވާތީ، އެމްޑީޕީ އިން އެ މައްސަލަ ބަލައިދިނުމަށް އޭސީސީ އަށް ހުށަހަޅަން ޖެހުނު ސަބަބު ކަމަށް އެ ޕާޓީ އިން ބުނީ، ސަރުކާރުގެ ފައިސާގެ އެހީއެއް ދިނުމުގައި ވަކި ޕާޓީއަކަށް ނިސްބަތްވާ މެންބަރަކު ބައިވެރި ވުމަކީ ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން ވަކި މީހަކަށް ނާޖާއިޒު ފައިދާ އެއް ހޯދައިދިނުން ކަމަށް ބެލެވޭތީ އެވެ.