ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޭސްތައް ގިނަވަނީ، އެއްބާރުލުމެއް ނުލިބޭ: އެޗްއީއޯސީ

ރާއްޖޭގައި ކޮވިޑް-19 ފެތުރޭ މިންވަރު ކޮންޓްރޯލް ކުރެވުނު ނަމަވެސް މިމަހު އަތޮޅުތެރޭގެ ކޭސްތައް އިތުރުވެފައިވާ ކަމަށް އެޗްއީއޯސީ އިން ބުނެފި އެވެ.

އެޗްއީއޯސީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަތޮޅު ކްލަސްޓާގެ ހެޑް އަބްދުﷲ މައުރޫފް ވިދާޅުވީ މިވަގުތު ރާއްޖޭގެ 69 ރަށެއްގައި 1136 އެކްޓިވް ކޭސް އުޅޭ ކަމަށެވެ. އޭގެތެރެއިން 19 ރަށެއް އޮތީ އެޗްޕީއޭގެ ބަންދުގަ އެވެ.

އަތޮޅުތެރެއިން އެންމެ ހާލަތު ގޯހީ އައްޑޫ ސިޓީގަ އެވެ. އެގޮތުން އިއްޔެގެ އިރުއޮއްސި 6:00 އާއި ހިސާބަށް 291 އެކްޓިވް ކޭސް އައްޑޫ ސިޓީގެ އެކި ރަށްރަށުގައި އުޅޭ ކަމަށް މައުރޫފް ވިދާޅުވި އެވެ. ކޭސްތައް އެންމެ ގިނައީ އައްޑޫ ސިޓީ ހިތަދޫގަ އެވެ.

އަދި އަށް ރަށެއްގައި 30 ކޭހަށް ވުރެ ގިނަ ކޭސް އުޅޭ ކަމަށް ވެސް މައުރޫފް ފާހަގަކުރެއްވި އެވެ. އެއީ ގއ. ވިލިނގިލި، ނ. ހޮޅުދޫ، ލ. ގަން، ތ. ތިމަރަފުށި، ރ. މަޑުއްވަރީ، ނ. ވެލިދޫ އަދި ފުވައްމުލައް ސިޓީ އެވެ.

މައުރޫފް ވިދާޅުވީ މީހުންގެ ހަރަކާތްތައް ގިނަ ރަށްރަށުގައި ކޭސްތައް އިތުރުވާ ކަމަށެވެ. ކޮވިޑް ކޭސް ނެތް އެކަމަކު ހަރަކާތްތައް ގިނަ ރަށްރަށުގައި މިހާރު ވެސް ރެންޑަމް ސާމްޕަލްތައް ނަގަމުން އަންނަ ކަމަށާއި ނަމަވެސް އެކަމަށް ރައްޔިތުންގެ އެއްބާރުލުން ނުލިބޭ ކަމަށެވެ.

މާލެއެކޭ އެއްފަދައިން އަތޮޅުތެރޭގައި ވެސް ކޮންޓްރެކްޓް ޓްރޭސިންއަށް ސައްހަ މައުލޫމާތު ނުދޭ މައްސަލަތައް ގިނަވެފައިވާ ކަމަށް ވެސް މައުރޫފް ވިދާޅުވި އެވެ.

"ރަށްރަށުގެ ކަންކަން ހުންނަ ގޮތުން އެއްބަޔަކު އަނެއް ބަޔަކާ ވަރަށް ބޮޑަށް މަސްހުނި ވެގެން އުޅެނީ. އެހެންވީމަ ވަރަށް ގިނަ މީހުންނާ ބައްދަލުވާނެ. ފާހަގަކޮށްލެވޭ ރަށްރަށުގައި ވެސް ސައްހަ މައުލޫމާތު ނުދޭ ކަމަށް،" މައުރޫފް ވިދާޅުވި އެވެ.

ކޮންޓްރެކްޓް ޓްރޭސިންއަށް މައުލޫމާތު ދޭން ދެކޮޅު ހަދާ މައްސަލަ ފާހަގަކުރައްވައި މައުރޫފް އިތުރަށް ވިދާޅުވީ ދެ އަހަރުގެ ކުޑަކުދިންގެ މައިންބަފައިން ވެސް ބައެއް ފަހަރު މައުލޫމާތު ދޭން ދެކޮޅު ހަދާ ކަމަށެވެ. އެއީ ގަބޫލުކުރެވޭނެ ގޮތެއް ނޫން ކަމަށާއި އޭގެ ސަބަބުން ފަހުން ނިކުންނަ ނަތީޖާ މާދެރަ ކަމަށް ވިދާޅުވި އެވެ. އެގޮތަށް އަމަލުކޮށްގެން އެފަދަ މީހުން ފަހުން އަލާމަތްތައް ފެނިގެން ޓެސްޓް ކުރާއިރު ޕޮޒިޓިވްވެފައި ހުންނަ ކަމަށް ވިދާޅުވި އެވެ.

ޑރ. އިބްރާހިމް އަފްޒަލް ވެސް ފާހަގަކުރެއްވީ ސާމްޕަލް ދޭން މީހުން ދެކޮޅު ހަދާ މައްސަލަ އާއި އަދި ކޮންޓްރެކްޓް ޓްރޭސިން އަށް މީހުން ސައްހަ މައުލޫމާތު ހިއްސާ ނުކުރާ މައްސަލަ އެވެ. އަދި މާސްކް ނާޅާ ގިނަ ބަޔަކު އުޅޭ ކަމަށާއި ނަމަވެސް މާސްކް ނަގާ ހާލަތަށް އަދި ރާއްޖެ ނުދާ ކަމަށް ވެސް ވިދާޅުވި އެވެ.

މީގެ އިތުރުން ކުރިއަށް އޮތީ ސްކޫލް ކުދިންގެ ޗުއްޓީ ދުވަސްތަކަކަށް ވާތީ ރަށްރަށަށް ދާއިރު ހުރިހާ ރައްކާތެރި ފިޔަވަޅެއް އެޅުމަށް ވެސް ވަރަށް ބޮޑަށް ބާރުއެޅުއްވި އެވެ. ބޫސްޓާ ޑޯޒް ޖަހަން ހުޅުވާލައިފައިވާ ކެޓެގަރީތަކުގެ މީހުންގެ ތެރެއިން ބޫސްޓާ ޑޯޒް ނުޖަހާ ނަމަ އަވަހަށް ޖެހުމަށް ވެސް އެޗްއީއޯސީން ވަނީ ވަރަށް ބޮޑަށް ބާރު އަޅާފަ އެވެ.